ޓްރަމްޕް، އޭޝިޔާއަށް ކުރެއްވި 12 ދުވަހުގެ ދަތުރު ނިންމަވާލައްވައިފި

ޓްރަމްޕް މެނީލާއިން ވޮޝިންޓަނަށް ފުރާވަޑައިގަންނަވަނީ

މެނީލާ (ނޮވެމްބަރު 14) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭޝިޔާގެ ފަސްގައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންފިއެވެ.

ބާރަ ދުވަހުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މެނީލާގެ ނިނޮއި އަކީނޯ ވައިގެ ބަނދަރުން ފުރާވަޑައިގަތުގެ ކުރިން ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އޭނާގެ ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި އެ ދަތުރުފުޅުން ހާސިލް ކުރެވުނު ކަންކަމުގެ ފައިދާ ފަހުން އެމެރިކާއަށް ކުރާނެ ކަމުގައެވެ. ޓްރަމްޕް ވިދާޅުވީ އޭނާގެ ސަރުކާރުން ދުނިޔޭގެ ގައުމުތަކާއެކު ވިޔަފާރީގެ މުއާމަލާތްތަށް ކުރިޔަށް ގެންދިޔުމަށް މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް އެއީ ތިލަފަތް ހަމަވާ މުއާމަލާތްތަކަކަށް ވާންޖެހޭނެ ކަމުގައެވެ.

ޓްރަމްޕް ޒިޔާރަތް ކުރެއްވި ގައުމުތަކުގެ ތެރޭގައި ޖަޕާން، ދެކުނު ކޮރެޔާ، ޗައިނާ، ވިއެޓްނާމް އަދި ފިލިޕީންސް ހިމެނެއެވެ. މިދަތުރުފުޅުގައި ޓްރަމްޕް ވަނީ ވިއެޓްނާމްގައި ބޭއްވި އޭޕެކްގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެވަޑައިގެންފައެވެ.

އެއަށްފަހު ފިލިޕީންސްގައި އޮތް އާސިޔާންގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ގައިވެސް ޚާއްސަ މެހްމާނެއްގެ ގޮތުގައިވެސް ޓްރަމްޕް ބައިވެރިވެ ވަޑައިގެންފައިވެއެވެ. ނަމަވެސް ފިލިޕީންސްގެ ރައީސް ވަނީ ޓްރަމްޕާއެކު އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކުމަށް ދެކޮޅު ހައްދަވާފައެވެ.

ޓްރަމްޕް، އޭޝިޔާގެ ފަސް ގައުމަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ އުތުރު ކޮރެޔާގެ ހަތިޔާރުގެ މައްސަލައަށެވެ. މިގޮތުން އުތުރު ކޮރެޔާއަށް ހަރުކަށި އިންޒާރުތައް ދެއްވައި އެގައުމަށް ބިރު ދައްކަވާފައިވެއެވެ. އަދި އުތުރު ކޮރެޔާ ޙިސާރުކޮށް އެކަހެރި ކުރުމަށް އޭޝިޔާގެ ގައުމުތަކަށް ބާރުއަޅުއްވާފައިވެއެވެ.

ޓަރަމްޕަށް ރައްދު ދެމުން އުތުރު ކޮރެޔާއިން ވަނީ ޓްރަމްޕަކީ އޭޝިޔާގެ އިތުރުން މުޅި ދުނިޔޭގެ އަމަނާއި ސުލްހައަށް ހުރި ނުރައްކަލެއް ކަމަށް ސިފަކޮށް ޓްރަމްޕްގެ އަމަލުތަކަށް ފާރަވެރިވެގެން ތިބުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފައެވެ. އަދި ޓްރަމްޕަކީ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅަކަށް ނުވާތީ އޭނާގެ އަމިއްލަ ގައުމުގައި އެކަހެރިވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށްވެސް އުތުރު ކޮރެޔާގެ މީޑިޔާއިން ބުނެފައިވެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު