ސިންގަޕޫރު ހައިކޯޓަށް ހާޒިރުވުމަށް އެންގި އެންގުމަށް ތަބާނުވުމުގެ ސަބަބުން ކޯޓު ހުރުމަތް ކެނޑިކަމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) 12000 ޑޮލަރު (185،040 ރުފިޔާ) އިން ޖޫރިމަނާ ކޮށްފި އެވެ.
ސިންގަޕޫރުގެ ނޫސްތައް ބުނާ ގޮތުން އޭޑީކޭ ނާޝިދު ސިންގަޕޫރު ހައިކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ފޯމެންޓޯ އެސޯސިއޭޓެޑް ސިންގަޕޯ ހޯލްޑިންގްސް އިން ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނެއްގެ މައްސަލައިގަ އެވެ. އެ ލޯނުގެ ޕާސަނަލް ގެރެންޓާ އަކަށް ހަމަޖައްސާފައި ވަނީ ނާޝިދުއެވެ.
އެ މައްސަލާގައި ނާޝިދު ކޯޓަށް ހާޒިރުވުމަށް އެންމެ ފުރަތަމަ އަންގާފައި ވަނީ 2015 ވަނަ އަހަރު އެވެ. ކޯޓަށް ހާޒިރުވުމަށް އެތައް ފަހަރެއްގެ މަތިން ނާޝިދު އަށް އަންގާފައިވާ ކަމަށާއި ހާޒިރު ނުވުމުގެ ސަބަބުން ގިނަ އަޑުއެހުންތައް ކެންސަލް ކޮށްފައިވާ ކަމަށް ވެސް ސިންގަޕޫރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
ކޯޓަށް ހާޒިރު ނުވާ މައްސަލައާ ގުޅިގެން ނާޝިދުގެ މައްޗަށް ދައުވާ ކުރާ ކުންފުނިން ވަނީ އޭނާ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ޖުލައި މަހަށް ތާވަލް ކުރި ނަމަވެސް އެ އަޑުއެހުމަށް ވެސް ނާޝިދު ހާޒިރުވެ ވަޑައިގެންފައި ނުވާ ކަމަށް ހަބަރުތައް ބުނެ އެވެ. އެ މައްސަލަ މިދިޔަ ހޯމަ ދުވަހަށް ފަސްކުރުމުން ވެސް ނާޝިދު ހާޒިރު ވެފައިނުވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 12000 ޑޮލަރުން އޭނާ ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
ކޯޓަށް ހާޒިރު ނުވެވުނީ މަޖިލީހުގެ ސެޝަންތަކަށް ހާޒިރުވާން ޖެހޭތީ ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް ބުނެ ނާޝިދުގެ ފަރާތުން ކޯޓުގައި ވަނީ ބުނެފަ އެވެ.
އެ މައްސަލައިގެ އަޑުއެހުމަކަށް ނާޝިދު މިމަހުގެ ތިންވަނަ ދުވަހު ކޯޓަށް ހާޒިރުވި ކަމަށާއި ނާޝިދު ގެރެންޓީ ދީގެން ނަގާފައިވާ ލޯނަށް އިންޓްރެސްޓާ އެކު ދެމިލިއަން ޑޮލަރު އަރާ ކަމަށް ސިންގަޕޫރުގެ ނޫސްތައް ބުނެ އެވެ.
ސްޓްރެއިޓް ޓައިމްސް