"ޔޫސޭ ދޮރުން ދޮރަށް" ސަން ޓީވީ އަދި ސަން ޕްލޭއަށް އަންނަނީ

ސަން މީޑިއާގެ ސީއީއޯ ސިނާން އަލީ (ކ) ޔޫސުފް ރަފީއު (ވ) "ޔޫސޭ ދޮރުން ދޮރަށް " ޕްރޮގްރާމް ފަށަން މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިޖްތިމާއި ބޮޑެތި މައްސަލަ ތަކަށް އެޑްރެސްކޮށް ކާމިޔާބު ޑްރާމާ ސިލްސިލާތަކާއި ފިލުމުތައް އަދި ޕްރޮގްރާމްތައް ގެނެސްދީފައިވާ މަޝްހޫރު ކޮމިޑިއަން އަދި ޑައިރެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ) އާ ގުޅިގެން " ޔޫސޭ ދޮރުން ދޮރަށް" ގެ ނަމުގައި އާ ޕްރޮގްރާމެއް ގެނެސްދޭން ސަން މީޑިއާއިން ނިންމައިފިއެވެ.

މިއަދު ހެނދުނު ސަން މީޑީއާގެ އޮފީހުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވަނީ " ޔޫސޭ ދޮރުން ދަރަށް" މި ޕްރޮގްރާމް ދެ ފަރާތުން ގުޅިގެން ގެނެސްދިނުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

އަލަށް ފަށާ މި ޕްރޮގްރާމާ ގުޅޭ ގޮތުން ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ ޔޫސޭއާ އެކު އަނެއްކާވެސް ބޮޑު މަސައްކަތެއް ފެށުމަކީ ލިބޭ އުފަލެއް ކަމަށާއި ޔޫސޭ ފަދަ ޑިމާންޑް ބޮޑު ބޭފުޅަކާއި އެކު ޕްރޮގްރާމެއް ގެނެސްދިނުމަކީ ސަން މީޑިއާއަށް ލިބިގެންދާ ކުރި އެރުމެއްކަމަށެވެ. އަދި ވިދާޅުވީ މި ޕްރޮގްރާމް ޔޫސޭ ހުށަހެޅި ނަމަވެސް ޕްރޮގްރާމްގެ ޓެކްނިކަލް މަސައްކަތްތައް ކުރާނީ ސަން މީޑީއާގެ މުވައްޒަފުން ކަމަށާއި ޔޫސޭ ފަދަ ބްރޮޑްކާސްޓިންގ ދާއިރާގައި ތަޖުރިބާ ހުރި ބޭފުޅަކާ އެކު އެފަދަ މަސައްކަތެއް ކުރުމަކީ ސަން ގެ މުވައްޒަފުންނަށްވެސް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.

"މީ އަނެއްކާވެސް ވަރަށް އުފާވެރި ފެށުމެއް. ސަން މީޑިއާއިން ޔޫސޭއާ ގުޅިގެން ގެނެސްދޭ މި ޕްރޮގްރާމަކީ ބެލުން ތެރިންނަށް ކަމުދާނެ އަދި ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާނެ ޕްރޮގްރާމަކަށް ވާނެ. މީގެ ކުރިންވެސް ސަން އިން ވަނީ ޔޫސޭގެ ދިރިއުޅުމަކީ މިއީބާ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކު ގެނެސްދީފަ. އަދި އެ ޕްރޮގްރާމަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަކަން ފާހަގަކޮށްލެވޭ،" ސިނާން ވިދާޅުވިއެވެ.

މިދިޔަ ރަމަޟާން މަހު ޔޫސޭ ޑައިރެކްޓްކޮށް އެކްޓްކޮށްފައިވާ ކާމިޔާބު ޑްރާމާ ސިލްސިލާ ދައްކާފައިވަނީ ހަމަ އެކަނި ސަން މީޑިއާއިންނެވެ. އެ ޕްރޮގްރާމްތައް ސަން ޕްލޭ އަދި ސަންޓީވީން ދައްކާފައިވާއިރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.

އަލަށް ފަށާ ޕްރޮގްރާމާ ގުޅޭ ގޮތުން ޔޫސޭ ވިދާޅުވީ އަހަރުތަކަކަށް ފަހު އަލުން އޭނާގެ ޕްރޮގްރާމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދެވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށާއި "ދޮރުން ދޮރަށް" ޕްރޮގްރާމްގެ ތެރެއިން އެކި ގެތަކަށް ވަނުމަށް ހަމަޖެހިފައިވާ ކަމަށާއި ރައްޔިތުން ތައްޔާރަށް ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މި ފަހަރުގެ ޕްރޮގްރާމް ވަރަށް ތަފާތުވެގެންދާނެ ކަމަށެވެ.

" ސަން މީޑިއާއިން މިފަދަ ފުރުޞަތެއް ދެއްވީތީ ޝުކުރު އަދާ ކުރަން. މިފަހަރުގެ ޕްރޮގްރާމް ވަރަށް ތަފާތުވާނެ. ބެލުންތެރިން ބޭނުންވާ ގިނަ ރަހަތަކެއް ފެނިގެންދާނެ. ހުރިހާބޭފުޅުންވެސް ތައްޔާރަށް ތިއްބަވާ "ދޮރުން ދޮރަށް" ވަރަށް އަވަހަށް ދާނަން،" ޔޫސޭ ވިދާޅުވިއެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު ދެއްކުމަށް ހަމަޖެހިފައިވާ 30 މިނިޓްގެ ޕްރޮގްރާމް "ސަން ޕްލޭއިން" ވެސް ފެންނާނެއެވެ. "ސަން ޕްލޭ" އަކީ ރާއްޖޭގެ އެންމެ ބޮޑު އޮންލައިން ވީޑިއޯ ޕްލެޓްފޯމެވެ. އަދި މަދު ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގްބޫލުކަން ލިބިގެން ގޮސްފައިވާ ޕްލެޓްފޯމެއްވެސް މެއެވެ.

" ޔޫސޭ ދޮރުން ދޮރަށް" ޕްރޮގްރާމްގެ ތަފާތު ރަހަތަކާއެކު ގެެނެސްދިނުމަށް ސަން މީޑިއާއިން ތައްޔާރު ވަމުން އަންނަ އިރު އެ ޕްރޮގްރާމް ސްޕޮންސަރ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މިހާރުވަނީ އެ ފުރުޞަތު ވެސް ހުޅުވާލައިފައެވެ.

comment ކޮމެންޓް