ވޮޝިންޓަން (އޮކްޓޯބަރު 25): އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރިޕަބްލިކަން ޕާޓީގެ ތިން ކޮމިޓީއަކުން ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންގެ މައްސަލަތަކެއް ބަލަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.
އޭގެ ތެރެއިން އެއް ކޮމިޓީން ތަހުގީގު ކުރަނީ 2010 ވަނަ އަހަރު އޮބާމާގެ ސަރުކާރުގައި އެގައުމުގެ ޔުރޭނިއަމް ސަޕްލައިގެ 20 ޕަސެންޓުގެ ކޮންޓްރޯލް ރަޝިއާއަށް ދިން މައްސަލައެކެވެ.
އަދި އިތުރު ދެ ކޮމިޓީއަކުން ބަލަނީ ހިލަރީ ކްލިންޓަން ސެކްރެޓަރީ އޮފް ސްޓޭޓުގެ ގޮތުގައި ހުންނެވި އިރު އަމިއްލަ އީމެއިލް ސާވާއެއް ބޭނުން ކުރެއްވި މައްސަލާގައި އޭނާއާ ދެކޮޅަށް ދައުވާ ނުކުރަން އެފްބީއައި އިން ނިންމި މައްސަލަ އެވެ.
ރަޝިއާގެ ކުންފުންޏެއް ކަމަށްވާ ރޮސާޓަމްއަށް އެމެރިކާގެ ޔުރޭނިއަމް ވަން ވިއްކުމަށް އޮބާމާގެ ސަރުކާރުން ހެދި އެއްބަސްވުމަކީ ހިލަރީ ކްލިންޓަންގެ އެހީއާ އެކު ހަދާފައިވާ އެއްބަސްވުމެކެވެ. އެ އެބަސްވުން ހެދީ ރަޝިއާ އިން ރިޝްވަތު ދީގެން އެމެރިކާގެ ނިއުކްލިއާ ސިނާއަތަށް ނުފޫޒު ފޯރުވަން އުޅޭ ކަމުގެ ރިޕޯޓުތައް އާއްމުވެފައި ވަނިކޮށެވެ.
އަދި އެމެރިކާގެ ދެ ނޫހެއް ކަމަށްވާ ދަ ހިލް އާއި ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން އެ އެއްބަސްވުން ހެދި ފަހުން ރަޝިއާގެ ނިއުކްލިއާ އޮފިޝަލުންނާއި ޔުރޭނިއަމް ވަންގެ ޗެއާމަން ވަނީ ކްލިންޓަން ފައުންޑޭޝަނަށް އެތައް މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ. ހިލަރީ ކްލިންޓަން ވަނީ އެ މައްސަލާގައި އޭނާއާ ދެކޮޅަށް ކުރާ ރިޝްވަތު ނެގުމުގެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
އެދެ މައްސަލައަކީ ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ކެމްޕެއިން ތެރޭގައި ވަރަށް ބޮޑަށް ފާހަގަ ކުރެއްވި ދެ މައްސަލަ އެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރަން އުޅޭކަން ރިޕަބްލިކަން ޕާޓީގެ މެމްބަރުން ހާމަ ކުރެއްވީ، ޓްރަމްޕްގެ ކެމްޕެއިން އޮފިޝަލުންނާއި ރަޝިއާއާ ގުޅުން އޮތް މިންވަރު ބެލުމަށް ގާނޫނު ހަދާ މަޖިލީހުން ތަހުގީގެއް ކުރިއަށް ގެންދަނިކޮށެވެ. (ބީބީސީ)