ރޮހިންގާ މުސްލިމުންނަށް އެހީވާން ފައިސާ ހޯދުމަށް އދ. އިން ބައްދަލުވުމެއް ފަށައިފި

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ފައިސާ ހޯދުމުގެ ގޮތުން އދ. އިން ވަނީ ޖެނިވާގައި ބައްދަލުވުމެއް ފަށާފައި -- ފޮޓޯ: ރޮއިޓާސް

އދ. (އޮކްޓޯބަރު 23): މިޔަންމާގެ ސިފައިންދޭ އަނިޔާއިން ސަލާމަތްވުމަށް ބަންގުލަދޭޝްއަށްދާ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް 434 މިލިއަން ޑޮލަރު ހޯދުމަށްޓަކައި އދ.ގެ އޭޖެންސީތަކުން ސުވިޒަލޭންޑުގެ ޖެނިވާގައި ބައްދަލުވުމެއް ފަށައިފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް އެފައިސާ ހޯދުމަށް ބާއްވާ ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަނުންނާއި، ކުވެއިތުގެ ސަރުކާރުންނާއި، އދ.ގެ މައިގްރޭޝަން، ރެފިއުޖީ އަދި ހިއުމެނިޓޭރިއަން އެހީ ފޯރުކޮށްދޭ އޭޖެންސީތަކުން ބައިވެރިވެ އެވެ.

އެފައިސާއަކީ 600،000 އަށް ވުރެ ގިނަ ރޮހިންގާ މުސްލިމުން ތިބި އިރުމަތީ ބަންގުލަދޭޝްގައި އދ. އިން ހިންގާ އޮޕަރޭޝަންތަކަށް ހަރަދު ކުރުމަށް ހޯދާ ފައިސާ އެވެ. އެގައުމުގައި ތިބި ރޮހިންގާ މުސްލިމުންނަށް ވަނީ ކާނާ އާއި ފެނާއި ބޯހިޔާވަހިކަމުގެ އިތުރުން ސިއްހީ ފަރުވާ ހޯދުމަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

މިދިޔަ އޮގަސްޓް މަހު ހަތިޔާރު އެޅި ބަޔަކު މިޔަންމާގެ ސިފައިންނަށް ދިން ހަމަލާއަކާ ގުޅިގެން އެގައުމުގެ އަސްކަރިއްޔާ އިން ވަނީ ރޮހިންގާ މުސްލިމުން އެންމެ ގިނައިން ދިރިއުޅޭ ރާހިން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އެއޮޕަރޭޝަނުގެ ތެރެއިން މުސްލިމުންނަށް އަނިޔާކޮށް، އެމީހުން މަރަމުން ދިޔުމުގެ ސަބަބުންނާއި، އެމީހުންގެ ގެތައް އަންދަމުން ދިޔުމުގެ ސަބަބުން އދ. އިން ވަނީ މިޔަންމާއިން ނަސްލެއް ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. (ޓައިމްސް)

comment ކޮމެންޓް