އިބްތިހާލް މަރާލާފައި ވަނީ އާފިޔާގެ އަމިއްލަ އިހްތިޔާރުގައި: ޑރ. ނާޒް

ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް --

ވ. ރަކީދޫގައި މީގެ ދެ އަހަރު ކުރިން އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލާފައި ވަނީ އޭނާގެ މަންމަ، އާފިޔާގެ މުހައްމަދު މަނިކުގެ އަމިއްލަ އިޚްތިޔާރުގައި ކަމަށް ސައިކޮލިޖިކަލް ރިޕޯޓު ތައްޔާރު ކުރި ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވެއްޖެ އެވެ.

އަށް މަސް ދުވަހުގެ މެދު ކެނޑުމަކަށް ފަހު މިއަދު 11:00ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތް ފަށަމުން، ގާޒީ މުހުތާޒް ފަހުމީ ވިދާޅުވީ، ގިނަ ދުވަސްތަކަކަށް މައްސަލަ މެދުކެނޑިފައި އޮތީ، ހެކިވެރިޔާ ރާއްޖޭގައި ނޫޅޭތީ އޭނާ ހާޒިރު ނުކުރެވިގެން ކަމަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ހެކިބަސް ދެއްވަމުން ޑރ. ނާޒް ވިދާޅުވީ، އާފިޔާގެ ސައިކޮލިޖިކަލް ޓެސްޓުތަކެއް އެކި ފަހަރު މަތިން ހަދާފައިވާ ކަމަށެވެ.

އެގޮތުން އާފިޔާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ތަފްސީލީ އިންޓަވިއުއެއް ނެގި ކަމަށާއި އަދި އެ އިންޓަވިއުއިން ފާހަގަވި ކަންކަމަށް ބަލައި ޓެސްޓުތައް ހެދި ކަމަށް ނާޒް ވިދާޅުވި އެވެ. އާފިޔާގެ ތޫނުފިލިކަން ހުރި މިންވަރު ދެނެގަތުމަށް ވެސް ޓެސްޓެއް ހަދާފައިވާ އިރު، އެ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން އޭނާ އަކީ، ތޫނުފިލިކަން އެވްރެޖް މީހެއް ކަމަށާއި އާފިޔާއަކީ ދައްކާ ވާހަކައާއި ކަންތައްތައް ނަގައިގަނެ، ވިސްނުންތެރިކަމާ އެކު ކަންކަން ކުރެވޭ މީހެއް ކަމަށް ޓެސްޓްތަކުން ދައްކާ ކަމަށް ޑރ. ނާޒް ވިދާޅުވި އެވެ.

ޑރ. ނާޒް ވިދާޅުވީ، ނެތް އަޑު އިވުމާއި، ނެތް އެއްޗެހި ފެންނަ ކަމުގެ އަލާމާތެއް އޭނާގެ ކިބައިން ފެނިފައިނުވާ ކަމަށެވެ.

އާފިޔާގެ ޑިޕްރެޝަން ހުރި މިންވަރު ބެލުމަށް ޓެސްޓު ހެދުމުން އޭނާގެ ކިބައިގައި ވަރަށް ބޮޑަށް ޑިޕްރެޝަން ހުރި ކަމަށް ދައްކާ ކަމަށާއި، އޭގެ ފަހުން އެހެން ތާރީޚެއްގައި ޓެސްޓް ހެދުމުން ވެސް އާފިޔާގެ ކިބައިގައި ޑިޕްރެޝަން ހުރި ކަމަށް ދައްކާ ކަމަށް ޑރ. ނާޒް ވިދާޅުވި އެވެ. އަދި އެންޒައިޓީ ވެސް ވަރަށް ބޮޑަށް ހުރި ކަމަށް ޓެސްޓްތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އާފިޔާގެ ސައިކޯޓިކް ޑިސްއޯޑާއެއް ނެތް ކަމަށް ޑރ. ނާޒް ވިދާޅުވި އެވެ.

ހެކިބަސް ދެއްވަމުން ޑރ. ނާޒް ވިދާޅުވީ، އާފިޔާއަކީ ދެކޮޅުވެރި ޚިޔާލު ގެންގުޅޭ މީހެއް ކަމަށެވެ. ޚާއްސަކޮށް އާފިޔާގެ ދޮންބައްޕައާ މެދު ވަރަށް ރުޅިވެރި ޚިޔާލު ގެންގުޅޭ ކަމަށް ޑރ. ނާޒް ވިދާޅުވި އެވެ.

ތަފާތު މަރުހަލާތަކުގައި، އާފިޔާއަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ވެސް ހެކިބަސް ދެމުން ޑރ. ނާޒް ވިދާޅުވެފައިވެ އެވެ.

ޑރ. ނާޒް ފާހަގަ ކުރެއްވި ގޮތުގައި އާއްމުގޮތެއްގައި މީހުން މަރާ މީހުން، މަރަނީ ކޮންމެވެސް އަޑެއް އެ މީހަކު ގާތު އެ އަމަލެއް ކުރަން ބުނުމުން ކަމަށާއި ނަމަވެސް އާފިޔާ އެކަން ކޮށްފައި ވަނީ، އަމިއްލަ އިޚްތިޔާރުގައި އެނގި ހުރެ ކަމަށެވެ.

ބުދެއް ބޭނުންކޮށްގެން އިބްތިހާލު މަރާލި ގޮތުގެ ރޯލްޕްލޭ ސެޝަންއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ ސެޝަން ނިމުމުން އާފިޔާ ރޮއިފައި، މުޖުތަމައުގައި އުޅޭ ރުޅި ކޮންޓްރޯލް ނުކުރެވޭ މީހުންނަށް އެހީތެރިވެދިނުމަށް އެދުނު ކަމަށް ޑރ. ނާޒް ވިދާޅުވި އެވެ.

ޑރ. ނާޒްގެ ހެކިބަސް ނެގި އިރު ގާޒީ ވަނީ އާފިޔާއަށް އެކަމާ ގުޅިގެން ވާހަކައެއް ދައްކަން ބޭނުންތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް އާފިޔާ އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

comment ކޮމެންޓް