ހެމާގެ ޚަރަދުގައި ހަތަރު އެތުލީޓަކު މިސްޓަރ މޯލްޑިވްސްއަށް ތައްޔާރުކުރަނީ

ހެމާގެ ބައެއް ބޮޑީ ބިލްޑަރުން ފޮޓޯ އަކަށް ހުއްޓިގެން--ފޮޓޯ/ ދި ހެމާ

ވޭތުވެ ދިޔަ ދެއަހަރު މިސްޓަރ މޯލްޑިވްސް މުބާރާތް ކާމިޔާބުކުރި " ދި ހެމާ" އިން އަންނަ އަހަރުގެ މިސްޓަރ މޯލްޑިވްސް މުބާރާތަށް ޝައުގުވެރިކަން ހުރި ޒުވާން ހަތަރު އެތްލީޓަކު ތައްޔާރު ކުރުމަށް ނިންމައިފިއެވެ.

އެ ޖިމް އިން ހަތަރު އެތުލީޓަކު ސީދާ މިސްޓަރ މޯލްޑިވްސް މުބާރާތަށް ތައްޔާރު ކުރާނީ އެ ޖިމްގެ ޚަރަދުގައެވެ.

އިއްޔެ ހެމާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި އަންނަ އަހަރުގެ މިސްޓަރ މޯލްޑިވްސްގައި ބައިވެރިވާން ބޭނުންވާ ޒުވާން އެތުލީޓުންނަށް އެ ޖިމް މެދުވެރިކޮށް ފަރިތަ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮަތުން ތިނެއް ނުވަތަ ހަތަރު ޒުވާނަކަށް ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި އަހަރުގެ މިސްޓަރ މޯލްޑިވްސް މުހައްމަދު ޔާމީން (ޔާމްބެ) އަކީވެސް ހެމާގެ އުފެއްދުމެކެވެ. މީގެ ކުރިން ވޮލީގެ ތެރެއިން ފެނުނު ޔާމްބެ މިސްޓަރ މޯލްޑިވްސް މުބާރާތަށް ތައްޔާރު ކުރުމަށް ހެމާއިން ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތްކޮށްފައެވެ.

ހެމާގެ ވެރިޔާ އަހްމަދު މުއާޒް ވިދާޅުވީ، އެފަދަ ފުރުޞަތެއް އަބަދުވެސް ޒުވާނުންނަށް ދޭން ބޭނުންވާ ކަމަށާއި މިއަންނަ އަހަރަށް ޓާގެޓްކޮށްގެން މިހާ ކުރިއާލައި ޒުވާން އެތުލީޓުން ތައްޔާރު ކުރަން ނިންމީވެސް ޒުވާނުންގެ ބޮޑު އެދުމެއްގެ މަތިން ކަމަށެވެ.

މިހާރުވެސް 4000 އަށް ވުރެ ގިނަ ޒުވާނުން ޓްރެއިނިންގ ހަދަމުންދާ ޖިމްގެ ވެރިޔާ ވިދާޅުވީ މުބާރާތުގެ ކުރިން ތައްޔާރު ވުމަށް އޮންނަ 4 މަސްދުވަހުގެ ހުރިހާ ގަޑިއެއްގެ ކެއުންވެސް ހެމާގެ ފަރާތުން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

ބޮޑީ ބިލްޑަރުންނަށް ހާއްސަކޮށްގެން ރާއްޖޭގައި އަލަށް ފައްކާ ކުރި ފުރަތަމަ ސްޓްރީޓް ޖިމް އިން ފުރަތަމަ ފަހަރަށް މިސްޓަރ މޯލްޑިވްސް ގެންދިޔައީ 2016 ވަނަ އަހަރުއެވެ. އަންނަ އަހަރު ހެމާއިން ނުކުންނާނީ މިސްޓަރ މޯލްޑިވްސް ޓައިޓަލް މިލްކް ކުރާށެވެ.

comment ކޮމެންޓް