ގައުމަށް އެންމެ މަސްލަހަތު ބޮޑު ގޮތަކީ ސިޔާސީ ފަރާތްތައް މިނިވަން ކުރުން: އިދިކޮޅު ޕާޓީތައް

ޝަރީއަތް ނިމެންދެން ޖަލަށްލާފައިވާ އަހްމަދު ފާރިސް މައުމޫން، ގޭ ބަންދުގައި ބެހެއްޓުމަށް ފަހު އަނބުރާ މާފުށީ ޖަލަށް މިއަދު ގެންދަނީ --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިޔާސީ ފަރާތްތައް ޖަލަށްލައިގެން ސަރުކާރަށް ލިބޭނެ ކާމިޔާބެއް ނޯންނާނެ ކަމަށާއި ގައުމަށް އެންމެ މަސްލަހަތު ބޮޑު ގޮތަކީ އެ ފަރާތްތައް މިނިވަން ކުރުން ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެފި އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އަނބުރާ ޖަލަށް ގެންދިއުމާ ގުޅިގެން އެކަން ކުށްވެރިކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ދެ ބޭފުޅުން ޖަލުގައި ހައްޔަރުކޮށްފައި ވަނީ ހަމައެއް އިންސާފެއް ނެތް ގޮތުގެ މަތިން ކަމަށާއި އެކަން ރައްޔިތުންނާއި ބޭރުގެ ފަރާތްތަކުން ވެސް ފާހަގަ ކުރަމުންދާ ކަމަށެވެ.

ޝައިހު އިމްރާން ގެއިން ނެރެގެން ޖަލަށް ގެންދަނީ--- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އެ ބަޔާނުގައި ބުނެފައި ވަނީ، ސިޔާސީ ފަރާތްތަކާ މެދު ކަންތައް ކުރާ ގޮތުން ރާއްޖޭގެ ގަދަރާއި އިއްޒަތް ދުވަހަކު ވެސް ގެއްލި ގޮސްފައި ނުވާ މިންވަރަށް ގޮސްފައިވާ ކަމަށާއި އެހެން ކަމުން ގައުމަށް އެންމެ މަސްލަހަތު ބޮޑު ގޮތަކީ، އެ ފަރާތްތައް ވަގުތުން މިނިވަން ކުރުން ކަމަށެވެ.

އިދިކޮޅު ސިޔާސީ ފަރާތްތައް ޖަލަށްލީ ކަމުގައި ވިޔަސް، އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތް ނުހުއްޓޭނެ ކަމުގައި އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ސިޔާސީ ފަރާތްތައް ނުޙައްގުން ޖަލަށްލައިގެން އުޅުމަކީ ސަރުކާރުގެ މޮޅުކަން ހާމަވާ ކަމަކަށް ނުވާ އިރު، އަދި ސަރުކާރަށް ކާމިޔާބީތަކެއް ލިބޭނޭ ކަމަކަށް ވެސް ނުވާއިރު، މި ގައުމަށް އެންމެ މަސްލަޙަތު ބޮޑު ގޮތަކީ އެ ފަރާތްތައް ވަގުތުން މިނިވަން ކުރުންކަން ވެސް ސަރުކާރަށް ހަނދާން ކޮށްދެމެވެ. އިދިކޮޅު ސިޔާސީ ފަރާތްތައް ނުޙައްގުން ޖަލަށް ލުމަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި ގައުމު އިސްލާޙު ކުރުމަށް ކުރަމުންދާ މަސައްކަތް ނުހުއްޓޭނޭ ކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ." ގުޅިފައިވާ ޕާޓީތަކުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޝައިހު އިމްރާނަށް ޖަލަށް ލާފައި ވަނީ 2015 ވަނަ އަހަރުގެ "މޭޑޭ މުޒާހަރާ"ގައި އަނިޔާވެރިކަމަށް ހިއްތަވަރުލިބޭ ގޮތަށް ވާހަކަ ދެއްކިކަން ޝަރީއަތަށް ސާބިތުވެގެންނެވެ. އޭނާގެ މައްޗަށް ވަނީ އެ މައްސަލާގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ފާރިސް ޖަލަށް ލާފައި ވަނީ ދައުލަތުން އުފުލާފައިވާ، ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތުން ވަކި ގޮތަކަށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ.

comment ކޮމެންޓް