ރާއްޖޭގައި ކާބޯތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަތާ 25 އަހަރު ވެފައިވާ ހެޕީ މާކެޓުން މާލޭގައި އެ ކުންފުނީގެ ފަސް ވަނަ ފިހާރަ މިއަދު ހުޅުވައިފި އެވެ.
މެދުޒިޔާރަތް މަގުގައި އެ ފިހާރަ މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ، ހެޕީމާކެޓްގެ ސީއީއޯ އަލީ އިހުސާނުއެވެ. އޭނާއެކު އެ ފިހާރަ ހުޅުވުމުގައި އެ ކުންފުނީގެ އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފާއި އެ ކުންފުނީގެ ސީއެފްއޯ ބައިވެރިވިއެވެ.
ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާނު ވިދާޅުވީ، އެ ފިހާރަ ހުޅުވުމުގެ މަގުސަދަކީ، ހެޕީ މާކެޓުން ވިއްކާ އުފެއްދުންތަށް ކަސްޓަމަރުންނަށް ދައްކާލައި ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.
އިހުސާނު ވިދާޅުވީ ހެޕީ މާކެޓުން ރާއްޖޭގެ ބާޒާރަށް ނެރޭ އުފެއްދުންތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުން އެންމެ ކޮލިޓީކޮށް، ކާބޯތަކެތި އުފައްދާ ކުންފުނިތައް ބަލައިގެން، އެތެރެ ކުރާ އުފެއްދުންތަކެއް ކަމަށެވެ. އޭގެ ތެރޭގައި ޔޫރަޕް، ބްރެޒިލް، އޮސްޓްރޭލިއާއިން ރާއްޖެއަށް ތަކެތި އެތެރެ ކުރަމުންދާ ކަމަށް އިހްސާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި އެންމެ ކޮލިޓީ ބްރޭންޑްގެ ކާ އެއްޗެހި އޭގެ ފުލް ރޭންޖް ފްރޯޒަން އާއި ޑްރައި ހުރިހާ އެއްޗިސް އިންކްލޫޑް ކުރާ ގޮތަށް ގެނެސް ސަޕްލައި ކުރުން،" ސީއީއޯ އިހުސާނު ވިދާޅުވިއެވެ.
ހެޕީ މާކެޓުން ދަނީ އެ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނީގެ ފިހާރަތަށް ހުޅުވައި ކަސްޓަމަރުންނާ ގާތުން ހެޔޮ އަގެއްގައި ހިދުމަތް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.
މިއަދު ހުޅުވި ފިހާރައިން ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށްވެސް ހެޕީ މާކެޓްގެ އުފެއްދުންތަށް ގަންނަށް ލިބެން ހުންނައިރު އުފެއްދުންތަކުގެ ރަހަ ބަލައި އުފެއްދުންތަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ހެޕީ މާކެޓުން ބުންޏެވެ.