މުސްލިމުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރު ތިން ވަނަ ފަހަރަށް ކޯޓުން ހުއްޓުވައިފި

އެމެރިކާއަށް ވަނުން މަނާ ކުރަން މަސައްކަތް ކުރާ ގިނަ ގައުމުތަކަކީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތައް -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޮކްޓޯބަރު 18): އިސްލާމީ ގިނަ ގައުމުތައް ހިމެނޭ ގޮތަށް، އަށް ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކުރަން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތިން ވަނަ ފަހަރަށް ނެރުއްވި އަމުރު ހަވާއީގެ ކޯޓަކުން ހުއްޓުވައިފި އެވެ.

އީރާން، ލީބިއާ، ސީރިއާ، ޔަމަން، ސޯމާލިއާ، ޗާޑު، އުތުރު ކޮރެއާ އަދި ވެނެޒުއޭލާގެ ބައެއް އޮފިޝަލުން އެމެރިކާ އަށް ވަނުން މަނާ ކުރާ އެ ގަވާއިދަށް އަމަލު ކުރަން ހަމަޖައްސާފައި އޮތީ މިއަދެވެ. ނަމަވެސް ޑިސްޓްރިކްޓް ޖަޖް ޑެރިކް ވަޓްސަން ވިދާޅުވި ގޮތުގައި އެމެރިކާގެ އިމިގްރޭޝަން ގާނޫނުގެ ދަށުން، އެފަދަ އަމުރެއް ނެރުމުގެ ބާރު ޓްރަމްޕަށް ލިބިވަޑައިގެންފައި ނުވެ އެވެ.

އަދި ޓްރަމްޕްގެ އަމުރު މީގެ ކުރިން ވެސް ހުއްޓުވި ފަނޑިޔާރު ވަޓްސަން ވިދާޅުވި ގޮތުގައި އެ އަމުރުގައި ހިމަނާފައިވާ ހަ ގައުމަކުން އެމެރިކާ އަށް މީހުން ދިއުން، އެގައުމަށް ގެއްލުންވާނެ ގޮތެއް އަމުރުގައި ބަޔާންކޮށްފައި ނުވެ އެވެ.

ކޯޓުގެ އެނިންމުމާ ގުޅިގެން ވައިޓް ހައުސް އިން ވަނީ އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އޭގެ ސަބަބުން އެމެރިކާ ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް