ރިސޯޓްތަކުގެ ޖީއެމް ފޯރަމް އަންނަ އޭޕްރިލް މަހު ބާއްވަން ނިންމައިފި

މި އަހަރުގެ އޭޕްރިލް މަހު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ޖީއެމް ފޯރަމްގެ ދެވަނަ ބުރުގެ ތެރެއިން -- ފޮޓޯ/ ހޮޓެލިއާރ

ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނަށް އަމާޒުކޮށްގެން ހޮޓެލިއާ މޯލްޑިވްސް އިން ބާއްވާ ޖެނެރަލް މެނޭޖާސް (ޖީއެމް) ފޯރަމްގެ ތިން ވަނަ ބުރު އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވަން ނިންމައިފި އެވެ.

ހޮޓެލިއާ މޯލްޑިވްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި، ކުރުނބާ މޯލްޑިވްސް ރިސޯޓްގައި އެ ފޯރަމް އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

ޖީއެމް ފޯރަމްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މައުލޫތަކުގެ ތެރޭގައި ޓޫރިޒަމާ ގުޅުން ހުރި ޓެކްސް، ގެސްޓް ޓްރާންސްފާ، ނަން - ރޫމް ރެވެނިއު އަދި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް މާކެޓްކޮށް އިޝްތިހާރު ކުރުން ފަދަ މައުލޫތައް ހިމެނޭ ކަމަށް ހޮޓެލިއާ މޯލްޑިވްސް އިން ބުންޏެވެ.

މި އަހަރުގެ އޭޕްރިލް މަހު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ޖީއެމް ފޯރަމްގެ ދެވަނަ ބުރު ގެ ތެރެއިން -- ފޮޓޯ/ ހޮޓެލިއާ

ހޮޓެލިއާ މޯލްޑިވްސް އިން ބުނީ އެ ބައްދަލުވުމުގައި ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންގެ އިތުރަށް އިސް މެނޭޖްމަންޓަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގެ ބައެއްގެ ގޮތުގައި ނެޓްވޯކް ކުރުމަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލައިފަވާނެ ކަމަށާއި ބައްދަލުވުމުގައި ޑެލިގޭޓުންގެ ގޮތުގައި ބައިވެރިވުމަށް އެދޭ ސަޕްލަޔަރުންނާއި އެހެނިހެން ފަރާތްތަކަށް ވެސް ހާއްސަ ފީއެއްގެ ދަށުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހޮޓެލިއާ އިން ބުންޏެވެ.

ބައްދަލުވުމުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާލާނެ ކަމަށް ވެސް ހޮޓެލިއާ އިން ބުންޏެވެ.

މި އަހަރުގެ އޭޕްރިލް މަހު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ޖީއެމް ފޯރަމްގެ ދެވަނަ ބުރުގެ ތެރެއިން -- ފޮޓޯ/ ހޮޓެލިއާ

ޓޫރިޒަމް ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގޮންޖެހުންތައް ޙައްލުކުރާނެ ގޮތްތަކާއި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ހޮޓެލިއާ މޯލްޑިވްސް އިން އިސްނަގައިގެން ޖީއެމް ފޯރަމްގެ ނަމުގައި އެންމެ ފުރަތަމަ ބައްދަލަވުމެއް ބާއްވާފައި ވަނީ 2016 ވަނަ އަހަރު އެވެ.

comment ކޮމެންޓް