ދުނިޔޭގެ ބޭންކަކުން ކުރަން އުޅުނު އެންމެ ބޮޑު ވައްކަން ފަޅާ އަރުވާލައިފި

ބޭންކަކުން ވައްކަން ކުރުމަށްޓަކައި ބްރެޒިލުގެ ގޭންގަކުން ހެދި ޓަނަލް--

މިހާތަނަށް މުޅި ދުނިޔޭގައި ބޭންކަކުން ކުރަން އުޅުނު އެންމެ ބޮޑު ވައްކަން ބްރެޒިލުގެ ސިފައިން ހުއްޓުވައިފި އެވެ.

އެ ވައްކަން ކުރުމަށްޓަކައި ބްރެޒިލުގެ 20 މެމްބަރުން ހިމެނޭ ގޭންގަކުން ވަނީ ހަތަރު މަސް ދުވަސް ވަންދެން ބިން ކޮނެގެން ބްރެޒިލްގެ ސެންޓްރަލް ބޭންކް ބެންކޯ ސެންޓްރަލް ދޯ ބްރެޒިލް އާ ހަމައަށް ބިންގަރާހެއް ހަދައިފައެވެ. އަދި އެ ވައްކަން ކާމިޔާބުވިނަމަ އެ ގޭންގުން 331 މިލިއަން ޑޮލަރު ނެގީސް ކަމަށާއި އަދި މިއީ މުޅި ދުނިޔޭގައި ވެސް ބޭންކަކުން މިހާތަނަށް ކުރެވުނު އެންމެ ބޮޑު ވައްކަމަށް ވެގެންދާނެ ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އިން ބުންޏެވެ.

އެ ގޭންގުގެ މެމްބަރެއް ކުއްޔަށް ހިފައިގެން އުޅޭ ގޭގޭ ބިމުގެ އަޑިން ފެށިގެން ބޭންކާ ހިސާބަށް ހަދައިފައިވާ ޓަނަލްގައި 550 ޔާޑްގެ ދިގުމިން ހުންނާނެ ކަމަށް ބްރެޒިލްގެ މީޑިއާތަކުން ބުނެއެވެެ.

ދަގަަނޑު ބާ ތަކާއި އަދި ފިލާ އެ ޓަނަލް ހިފެހެއްޓުމަށް ބޭނުންކޮށްފައި ވާއިރު ލައިޓް ތަކުން އެ ޓަނެލް ވަނީ އަލިކޮށް ދިއްލާފައެެވެ. ބްރެޒިލްގެ ތަހުގީގު ޓީމުތަަކުން އެ މީހުންގެ ހަރަކާތްތަކަށް ފާރަ ލާން ފަށައިފައި ވަނީ މީގެ ދެ މަސްކުރިންނެވެ. ނަމަވެސް އެ ގޭންގުގެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ އެ ޓަނެލްގެ މަސައްކަތް އެއްކޮށް ނިމުމުންނެވެ.

އެ މައްސަލަ ތަހުގީގު ކުރުމުގައި އުޅޭ އިސް އިންވެސްޓިގޭޓަރެއް ކަމަށްވާ ފެބިއޯ ޕިންހެއިރޯ ލޮޕޭޒް ރަޝިއާގެ އާރުޓީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ގޭންގުން އެ ޓަނަލް ހެދުމަށް އެއް މިލިއަނަށްވުރެ ގިނަ ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް