ނުވަ ރަށެއްގެ ނަރުދަމާ މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފި

ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގް އިބްރާހިމް.- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނުވަ ރަށެއްގައި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތުގެ ކޮންޓްރެކްޓުގައި މިއަދު ސޮއިކޮށްފި އެވެ.

އެ ރަށްތަކަކީ ފ. ފީއަލި، އދ. ހަންޏާމީދޫ، އދ. އޮމަދޫ، ކ. ކާށިދޫ، ލ. މާވަށު އަދި ރ. މާކުރަތު، ރ. ރަސްމާދޫ، ހއ. އުތީމު އަދި ނ. ލަންދޫއެވެ. އެ މަސައްކަތަށް ޖުމްލަ 73.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ޝީ ބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ނަރުދަމާގެ މަސައްކަތް ކުރިއަށް ގޮސްފައި ވަނީ 37 ޕަސެންޓަށް ކަމަށާއި ޓާގެޓަކީ އެ އަދަދު 75 ޕަސެންޓަށް އިތުރު ކުރުން ކަމަށެވެ.

"ރައީސް ވެރިކަމާ ހަވާލުވި އިރު ނަރުދަމާގެ މަސައްކަތް ކުރިއަށް ގޮސްފައި ވަނީ 37 ޕަސެންޓަށް. އުންމީދަކީ ސަރުކާރު ނިމޭ އިރު 75 ޕަސެންޓަށް އިތުރުވުން. ވެރިކަމަށް ތިން އަހަރާއި ބައިވީ އިރު މިވަނީ ޓާގްޓް ގާތްގަނޑަކަށް އެޗީވްވެފައި. މިއަދު ކޮންޓްރެކްޓްގައި ސޮއި ކުރުމުން 74 ޕަސެންޓާ ހަމައަށް އާދެވުނ،ީ" އޭނާ ވިދާޅުވި އެވެ.

މި އަހަރު ތެރޭގައި އަދި ހަތަރު ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރުމަށް ސޮއިކުރުމުން ލަނޑުދަނޑި ހާސިލްވީ ކަމަށް ވެސް ތާރިގް ވިދާޅުވި އެވެ.

ނަރުދަމާގެ ލޭބަރުގެ މަސައްކަތް ނުވަ ރަށެއްގައި ކުރުމަށް ހަމަޖެހިފައިވާ އިރު އޭގެ ތެރެއިން ފ. ފީއަލި، އދ. ހަންޏާމީދޫ، އދ. އޮމަދޫ، ކ. ކާށިދޫ، ލ. މާވަށު އަދި ރ. މާކުރަތުގެ ނަރުދަމާ މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްއިރިޓަސް ލިމިޑެޓްއާ އެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ތާރިގް އިބްރާހިމް އެވެ. ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ ޑިރެކްޓަރު ޝަރުމީލާ ރަގޫނާތަން އެވެ. ކޮންޓްރެކްޓަށް 73،951،043.46 ހޭދަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ެރ. ރަސްމާދޫ، ހއ. އުތީމު އަދި ނ. ލަންދޫގެ މަސައްކަތް ހަވާލިކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ތާރިގް އިބްރާހިމް އެވެ. ކޮންޓްރެކްޓަށް 30،916،119.57 ހޭދަވާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ ކުންްފުނީގެ މެނޭޖިންގް ޑިރެކްޓަރު ސައުދުﷲ އަހްމަދެވެ.

އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް