ދަރިފުޅަށް ވެކްސިން ދޭން ދެކޮޅުހެދި އެމެރިކާ މީހަކު ޖަލަށް ލައިފި

ދަރިފުޅަށް ވެކްސިން ދޭން ދެކޮޅު ހެދުމުން ރެބެކާ ބްރެޑޯ ވަނީ ހަތް ދުވަހަށް ޖަލަށްލާފައި --

ވޮޝިންޓަން (އޮކްޓޯބަރު 5): އެމެރިކާގެ މިޝިގަން ސްޓޭޓުގައި ދަރިފުޅަށް ވެކްސިން ދޭން ދެކޮޅު ހެދި މަންމައަކު ހަތް ދުވަހަށް ޖަލަށް ލުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ރެބެކާ ބްރެޑޯ ޖަލަށްލީ އޭނާގެ ނުވަ އަހަރުގެ ދަރިފުޅަށް ވެކްސިން ދޭނެ ކަމަށް މީގެ ކުރިން އެކުއްޖާގެ ބައްޕަގެ ގާތުގައި ބުނުމަށް ފަހު، އޭގެ ފަހުން އެކުއްޖާއަށް ވެކްސިން ދޭން ދެކޮޅު ހެދުމުންނެވެ. އަދި އެމައްސަލައިގައި އެކުއްޖާއަށް ވެކްސިން ދޭން މިދިޔަ ހަފްތާފައި ކޯޓުން އަމުރު ކުރުމުންވެސް އެކަމާ ދެކޮޅު ހެދުމުންނެވެ.

ދެހާސްއަށް ވަނަ އަހަރު ވަރިވެފައިވާ ބްރެޑޯގެ ކުރީގެ ފިރިމީހާއަށް މިހާރު ވަނީ ވަގުތީ ގޮތުން ދަރިފުޅުގެ ބެލެނިވެރިކަން ހަވާލުކޮށްފައެވެ. އަދި އޭނާގެ ހުއްދައާ އެކު އެކުއްޖާއަށް ވެކްސިން ދޭން ވަނީ ހަމަޖެހިފައެވެ.

ބްރެޑޯ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް ވެކްސިން ދޭން ދެކޮޅު ހެދީ، އެއީ އޭނާގެ ގަބޫލު ކުރުންތަކާ ހިލާފު ކަމަކަށްވާތީ އެވެ. އަދި އެފަދަ ކަމެއް ކުރުމުގެ ބަދަލުގައި ޖަލަށް ދިޔުންވެސް ރަނގަޅު ކަމަށް ބްރެޑޯ ބުންޏެވެ.

ވެކްސިންއާ ދެކޮޅަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ވެކްސިންގެ ސަބަބުން ކުދިންނަށް ލިބޭ ގެއްލުން މާބޮޑެވެ. އަދި އޯޓިޒަމްއަކީ ވެކްސިން ދިނުމުގެ ސަބަބުން މެދުވެރިވާ ހާލަތެއް ކަމަށް އެފަރާތްތަކުން ބުނެ އެވެ. ނަމަވެސް އެއީ ސިއްހީ ދާއިރާގައި ދިރާސާތައް ކުރާ ފަރާތްތަކުން ދޮގުކޮށްފައިވާ ތުހުމަތުތަކެކެވެ. (ބީބީސީ)

comment ކޮމެންޓް