އޮސްޓްރިއާގައި މޫނު ބުރުގާ މަނާ ކުރާ ގާނޫނަށް އަމަލު ކުރަން ފަށައިފި

އިއްޔެ އޮސްޓްރިއާގެ ފުލުހުން ވަނީ މޫނު ބުރުގާ އަޅައިގެން ހުރި މީހެއްގެ މޫނުގައި އަޅާފައިވާ ފޮތިކޮޅު ނަގަން އަންގާފައި-- ފޮޓޯ: އޭއެފްޕީ

ވިއެނާ (އޮކްޓޯބަރު 2): އޮސްޓްރިއާގައި އާއްމުން އެއްވެ އުޅޭ ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރާ ގާނޫނަށް އަމަލު ކުރަން ފަށައިފި އެވެ.

އެ ގާނޫނުގައިވާ ގޮތުން އޮސްޓްރިއާގެ އާއްމު ތަންތަނުގައި އުޅޭ މީހުންގެ މޫނު އެއްކޮށް ފެންނަން ޖެހޭނެ އެވެ. އެހެންކަމުން ބައެއް ތަންތަނުގައި މޫނު ބުރުގާ މަނާ ކުރުމުގެ އިތުރުން ސާޖިކަލް މާސްކާއި ސްކީ މާސްކްތައް އެޅުމާ ބެހޭ ގޮތުން ވެސް ގަވާއިދުތައް ހަދާފައިވެ އެވެ.

އެ ގާނޫނާ ހިލާފުވާ މީހުން 175 ޑޮލަރުން ޖޫރިމަނާ ކުރަން ނިންމާފައިވާ އިރު، އިއްޔެ ވެސް އޮސްޓްރިއާގެ ފުލުހުން ވަނީ މޫނު ބުރުގާ އަޅައިގެން ހުރި މީހެއްގެ މޫނުމަތީގައި އަޅާފައިވާ ފޮތިކޮޅު ނަގަން އަންގައިފަ އެވެ.

އޮސްޓްރިއާގެ މުސްލިމު ޖަމާއަތްތަކުން ވަނީ އެގައުމުގައި މޫނު ބުރުގާ އަޅަނީ ވަރަށް މަދު ބަޔަކު ކަމަށް ބުނެ އެގާނޫނަށް ފާޑު ކިޔައިފަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުގައި މުޅި އޮސްޓްރިއާގައި މޫނު ބުރުގާ އަޅަނީ އެންމެ 150 މީހުންނެވެ.

މީގެ ހަ އަހަރު ކުރިން ފްރާންސް އާއި ބެލްޖިއަމްއިން މޫނު ބުރުގާ މަނާކޮށްފައިވާ އިރު، ނެދަލޭންސްޑްސްގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ އެކަމާ ބެހޭ ގޮތުން ބަހުސް ކުރަމުންނެވެ. (ބީބީސީ)

comment ކޮމެންޓް