އުރީދޫ މޯލްޑިވްސްގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ވިކްރަމް ސިންހަ އުރީދޫގެ ޑިރެކްޓަރުންގެ ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ.
ވިކްރަމް ސިންހަ ޑިރެކްޓަރުންގެ ބޯޑުން އިސްތިއުފާ ދެއްވިކަން އިއުލާނުކޮށްފައިވަނީ ރޭ ދަރުބާރުގޭގައި ބޭއްވި އުރީދޫގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިކްރަމް ސިންހަ ވިދާޅުވީ، ޑިރެކްޓަރުންގެ ބޯޑުން ވަކިވި މައިގަނޑު ސަބަބަކީ ޒުވާނުންނަށް އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ދެއްވުމަށް ކަމަށެވެ.
ވިކްރަމް ސިންހަ ވިދާޅުވީ ރާއްޖެއައިސް މަސައްކަތް ކުރި ކުރުމުން ފާހަގަކުރެވިގެންދިޔަ އެންމެ ބޮޑު އެއްކަމަކީ ރާއްޖޭގެ ރީތިކަމަށްވުރެ ރާއްޖޭގެ ޒުވާނުންގެ މަސައްކަތްތެރިކަމާއި އެ ޒުވާނުންގެ އެއްބައިވަންތަކަމާއި ޒުވާން ޖޯޝު ހުރި މިންވަރު ކަމަށެވެ. އަދި އެފަދަ ޒުވާން ރޫހެއް އެހެން އެއްވެސްތާކުން ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުރީދޫގައި މަސައްކަތް ކުރާ 96 ޕަސެންޓް މީހުންނަކީ ޒުވާނުން ކަމަށާއި އުރީދޫގައި މަސައްކަތް ކުރާ ޓީމަކީ ހިންގުންތެރި ބައެއްކަމަށް ވިކްރަމް ވިދާޅުވިއެވެ. އަދި މިހާރު އުރީދޫ މި ދެކޭ ކާމިޔާބީގެ އަސްލަކީވެސް އެ ކުންފުނީގައި މަސައްކަތްކުރާ ހިންގުންތެރި ޒުވާނުން ކަމުގައިވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އުރީދުން އިން ބުނީ ވިކްރަމް ސިންހަ އަކީ މިއަދު އުރީދޫއަށް ލިބިފައިވާ ކާމިޔާބީގެ ބޮޑުބައެއް ހިއްސާ ކުރަށްވާ ބޭފުޅެއްކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންވަނީ ވިކްރަމް ސިންހަ ކުރެއްވި މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައެވެ.
ވިކްރަމް ސިންހަ ވަނީ އުރީދޫގެ ސީއީއޯގެ މަގާމުގައި ތިން އަހަރު ދުވަހު މަސައްކަތް ކޮށްދެއްވާފައެވެ.