ރިޔާސީ ދައުރެއްގައި ކުށަކަށް ލުޔެއް ދިނުމަށް އެދެވޭނީ އެއްފަހަރު

ގައިދީންތަކެއް އިމްތިހާނު ހޯލަށް ވަންނަން ކިއު ހަދާފައި --- ފޮޓޯ/ ކަރެކްޝަނަލް ސާވިސަސް

ރިޔާސީ ދައުރެއްގައި ކުށަކަށް ލުޔެއް ދިނުމަށް އެދެވޭނީ އެއްފަހަރު ކަމަށް ކަނޑައަޅައި ކްލެމެންސީ ބޯޑުގެ ގަވާއިދަށް އިސްލާހު ގެނެސް، އެ އިސްލާހަށް އަމަލު ކުރަން މިއަދު ފަށައިފިއެވެ.

ކްލެމެންސީ ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، އެމަނިކުފާނުގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އެ އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރުމަށް ފެންނަ ގޮތުގެ ލަފާ ދިނުމަށް އޭޖީ އޮފީހުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

އެ ބޯޑުން މިއަދު އިސްލާހު ގެނެސްފައި ވަނީ ކްލެމެންސީ ބޯޑުގެ ގަވާއިދުގެ 11 ވަނަ މާއްދާ (ބޯޑަށް ލިބިގެންދާ ބާރުތަކާއި ޒިންމާ) އަށެވެ. އެގޮތުން 11 ވަނަ މާއްދާގެ (ވ) އިސްލާހުކޮށް އަކުރުގެ ފަހަތަށް އަކުރެއް ވަނީ އިތުރު ކޮށްފައެވެ.

ވ. އަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ރިޔާސީ ދައުރެއްގެ ތެރޭގައި ކުށަކަށް ލިޔެއް ދިނުމަށް އެދި ރައީސްއަށް ހުށަހެޅި ގަސިއްޔާއެއްގެ ހުކުމަކަށް އެމަނިކުފާނު ލުޔެއް ދީފިނަމަ، ދެން އެ ރިޔާސީ ދައުރެއްގައި އެ ގަސިއްޔާއެއްގެ ދަށުން ރައީސަށް އިލްތިމާސަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންނުވާ ކަމަށެވެ.

ނަމަވެސް ރިޔާސީ ދައުރެއްގެ ތެރޭގައި އިލްތިމާސަށް އެދި ރައީސްއަށް ހުށަހެޅި ގަސިއްޔާއެއްގެ ހުކުމަކަށް ލުޔެއް ދިނުމަށް ނުފެންނަ ކަމަށް ނިންމާފައިވާނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން ހަ މަސް ދުވަސް ފަހުން ކުރިން ލުއި ނުދިނުމަށް ނިންމި ގަސިއްޔާއަށް ލުއި ދިނުމަށް އެދި ހުށަހެޅޭނެ ކަމަށް (މ)ގައި ބުނެފައިވެއެވެ.

ކްލެމެންސީ ބޯޑަށް ގަވާއިދުގެ 11 ވަނަ މާއްދާގެ (މ)ގައި މީގެ ކުރިން ބުނެފައިވާ ގޮތުން، ރިޔާސީ ދައުރެއްގެ ތެރޭގައި މައާފުދިނުމާއި އަދަބު ލުއިދޮށްދިނުމުގެ ގާނޫނުގެ ދަށުން އެއްވެސް ގޮތަކަށް އަދަބަކަށް ލުއިދިނުމަށް ނުވަތަ ނުދިނުމަށް ނިންމުމެއް ނިންމި ނަމަވެސް، ދެވަނަ ފަހަރަށް އެ ނިންމުމުގައި ބަޔާންކޮށްފައިވާ ގަސިއްޔާއާ ގުޅޭގޮތުން ހަމަ އެ ރިޔާސީ ދައުރެއްގައި އިލްތިމާސް ހުށަހެޅެއެވެ.

comment ކޮމެންޓް