ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ފާރިސްގެ މައްސަލަ ހައިކޯޓުން މަޑުޖައްސާލައިފި

ފާރިސް މައުމޫން --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު މައްސަލަ ބަލާ ބެންޗު ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެކަމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އެ މައްސަލަ ހައިކޯޓުން މަޑުޖައްސާލައިފި އެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ފާރިސްގެ ފަރާތުން ހައިކޯޓުގައިވަނީ އިސްތިއުނާފުކޮށްފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައްވެސް ވަނީ ނިންމާލާފަ އެވެ. ނަމަވެސް އަޑުއެހުންތައް ނިންމާލާފައިވަނިކޮށް، އެ މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރުމުން ފާރިސްގެ ފަރާތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ފާރިސް ބަންދު ކުރި މައްސަލައިގައި މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި ފާރިސްގެ ވަކީލުން ވިދާޅުވީ ބެންޗު ބަދަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި، އެހެން ކަމުން އެ މައްސަލަ ސުޕްެރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެ މައްސަލަ މަޑުޖައްސާލުމަށް ފާރިސްގެ ފަރާތުން ވަނީ އެދިފައެވެ. އަދި އެކަމަށް އިއުތިރާޒު ނުކުރާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން މިހާރު އެ މައްސަލަ ބައްލަވާ ފަނޑިޔާރުން ނިންމެވީ، ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އެ މައްސަލަ މަޑުޖައްސާލުމަށެވެ.

ފާރިސްގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފު މައްސަލަ މީގެ ކުރިން ބެއްލެވީ ފަނޑިޔާރު އަލީ ސަމީރު ރިޔާސަތުގައި އިންނަވައިގެންނެވެ. އެ ބެންޗުގައި ދެން ތިއްބަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެހެން ނަމަވެސް މިހާރު އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ، ފަނޑިޔާރު ޝުޖާއު އުސްމާނެވެ. އެ ބެންޗުގައި ދެން ތިއްބަވަނީ ކުރީގެ ބެންޗުގައިވެސް ހިމެނޭ ދެ ފަނޑިޔާރުންނެވެ.

ފާރިސް މައުމޫނު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިދިޔަ ހޯމަ ދުވަހު ވަނީ ފަށާފަ އެވެ.

comment ކޮމެންޓް