މާރުކޭޓުތަކުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމާބެހޭ އުސޫލާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

ދަތުރުވެރިންގެ މާރުކޭޓް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކާއި މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާތަކުގައި ބިދޭސީން ސޭޓުންގެ ގޮތުގައި ތިބޭކަން ފާހަގަކުރެވޭތީ އެކަމާ ގުޅިގެން ފިޔަވަޅު އަޅަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީއިން މިއަދު އާންމު ކުރި އިއުލާނުގައި ބުނެފައިވަނީ، ބިދޭސީން ސޭޓުންގެ ގޮތުގައި ތިބުމަކީ ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާގު ކަމެއްކަމަށާ އަދި ވަޒީފާ އަދާ ކުރުމަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދުންވެސް މަނާ ކުރާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް އަދި ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާ ތަކުގެ ތެރެއިން ބައެއް ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ނުވަތަ އެނޫންވެސް ބޭނުމަށް ދޫކޮށްފައިވާކަން އެ މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާކަމަށް އެ އިއުލާނުގައި ވެއެވެ.

ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާ ކަންކަން މިއަދުން ފެށިގެން ދެ ދުވަސް ތެރޭގައި އިސްލާހު ކުރަން ހައުސިން މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެކަން އިސްލާހު ނުކޮށްފި ނަމަ "މާރުކޭޓުތަކުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމާބެހޭ އުސޫލު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެޏެވެ.

އެ އުސޫލުގެދަށުން ކުއްޔަށް ދޫކުރި ތަނެއް، އިތުރު ފަރާތަކަށް ކުއްޔަށް ދޫކޮށްފިނަމަ، އެފަރާތެއް 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު، ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ކިބައިން، ކުއްޔަށް ދޫކޮށްފައިވާ ތަން މިނިސްޓްރީއަށް ނެގޭނެކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި އެ އުސޫލުގެ މާއްދާއަކާ ޚިލާފުވެއްޖެނަމަ، އެފަރާތެއް 5000 ރުފިޔާއިން ޖޫރިމަނާކޮށް، އެކަން ރަނގަޅުކުރުމަށް އަންގައި، އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެއްބަސްވުން އުވާލައި، ކުއްޔަށް ދޫކޮށްފައިވާ ތަން މިނިސްޓްރީގެ ބެލުމުގެދަށަށް ގެނެވޭނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ.

comment ކޮމެންޓް