ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ގާނޫނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ.
ބާރަ މެމްބަރުންގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމަށެވެ.
ދައުވާ ލިބޭ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އެދިވަޑައިގަތީ ވަކީލަކު ހަމަޖައްސަން 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ވަކީލަކު ހަމަޖައްސަން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ތިން މަސް ދުވަހުގެ ފުރުސަތަކަށް އެދިވަޑައިގަތްއިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެދިވަޑައިގަތީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.
ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ސަސްޕެންޑުކޮށްފައިވާތީ ވަކީލުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ހުރިހާ މެމްބަރުން ވެސް ވިދާޅުވިއެވެ. ވަކީލަކު ހަމަޖައްސަން ކިހާދުވަހެއް ނަގާނެތޯ ގާޒީ އާދަމް އާރިފް އެއްސެވުމުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ސަސްޕެންޑުކޮށްފައިވާ ވަކީލުންގެ ސަސްޕެންޝަން އުވާލަންދެން އެ ފުރުސަތުދިނުމަށް އެދޭ ކަމަށެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ވިދާޅުވީ ވަކީލަކު ހަމަޖެއްސުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތްކޮށްފި ކަމަށާއި ނަމަވެސް އަދިވެސް ވަކީލަކު ލިބޭގޮތް ނުވި ކަމަށެވެ.
"އަޅުގަނޑު ވަރަށް މަސައްކަތްކޮށްފިން ވަކީލަކު ލިބޭތޯ. ވަކީލަކު ލިބުނުނަމަ މިއަދު އަޅުގަނޑު ކޯޓަށް އަންނާނީ ވަކީލަކު ގޮވައިގެން. ހަތަރު ވަކީލަކާ އަޅުގަނޑު ވާހަކަދެއްކިން. އެވަކީލުން ވިދާޅުވީ ސިޔާސީ މީހުންގެ މައްސަލަތަކުގައި ދިޔައިމަ ތިމަންނަމެންގެ އެހެނިހެން މައްސަލަތަކަށް ބުރޫ އަރައޭ،" އަރީފް ވިދާޅުވިއެވެ.
ގާޒީ އާދަމް އާރިފް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާގޮތުން ވަކީލަކު ހަމަޖައްސަން ދޭންޖެހެނީ 10 ދުވަސް ކަމަށާއި އެހެންކަމުން ހުރިހާ މެމްބަރުންނަށް ވެސް ވަކީލަކު ހަމަޖައްސަން ދެނީ 10 ދުވަސް ކަމަށެވެ.
ދިހަ ދުވަސް ދިންނަމަވެސް މަގުބޫލު އުޒުރެއްގެ ސަބަބުން ވަކީލަކު ހަމަނުޖެއްސިއްޖެނަމަ ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތު ދޭނެކަމަށް ގާޒީ ވިދާޅުވިއެވެ.
އެ ދައުވާގެ އިތުރުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުމް ތުލުސްސޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ގެ މައްޗަށް އިތުރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއެވެ. އެ ދައުވާއާ ގުޅިގެން ވެސް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ވަނީ ދީފައެވެ.
ގާޒީ އާރިފް ވިދާޅުވީ ވަކީލުން ހަމަޖެއްސުމުގެ ފުރުސަތު އަބަދުވެސް ދައުވާ ލިބޭ ފަރާތްތަކަށް އޮންނާނެ ކަމަށާއި އެ ފުރުސަތު ކޯޓުން ބަންދު ނުކުރާނެ ކަމަށެވެ.
"އެންމެފަހު ވަގުތާ ޖެހެންދެން ވެސް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އޮންނާނެ. ހުކުމް ކުރުމާ ހަމައަށް ވެސް އެ ފުރުސަތު އޮންނާނީ ހުޅުވާލެވިފައި،" ގާޒީ ވިދާޅުވިއެވެ.
ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގައި ބާއްވާނެކަން އިއުލާންކުރެއްވުމަށްފަހުއެވެ.
އެ މެމްބަރުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އުފުލީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް ސަރަހައްދުން ފުލުހުންގެ ސަފު ފަޅާލި ކަމަށް ތުހުމަތުކޮށެވެ. އަދި ސައުދު އާއި އަމީތު އާއި ވައްޑޭގެ މައްޗަށް އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އުފުލީ އެ ތިން ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީސް މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް މަޖިލީހަށް ވަން މައްސަލާގައެވެ.
ދައުވާ އުފުލި 12 މެމްބަރުން
- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
- ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
- މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
- ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
- ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
- ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
- ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު
- ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
- ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
- ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
- މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު