ފިލިޕީންސްގެ ރައީސްގެ ބޮޑީގާޑަކު މަރާލައިފި

ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ -- ފޮޓޯ: ރޮއިޓާސް

މެނީލާ (ސެޕްޓެމްބަރު 26): ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑޫޓާޓޭގެ ބޮޑީގާޑެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

މެނީލާގައި ހުންނަ ފިލިޕީންސްގެ ޕްރެޒިޑެންޝަލް ސެކިއުރިޓީ ގުރޫޕު (ޕީއެސްޖީ)ގެ މަރުކަޒެއްގައި ދިން އެހަމަލާއަކީ ރައީސް ޑުޓާޓޭއަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫން ކަމަށް ޕީއެސްޖީގެ ކޮމާންޑަރު ލޯޕޭ ޑަގޯއި ވަނީ ވިދާޅުވެފަ އެވެ. އަދި އެހަމަލާ ދިން ވަގުތު ރައީސް އެސަރަހައްދުގައި ނެތް ކަމަށްވެސް ޑަގޯއި ވިދާޅުވި އެވެ.

މެނީލާގައި މިއަދު އޮތް ބައެއް އިވެންޓުތަކަށް ޑުޓާޓޭ ވަޑައިގަންނަވަން ހަމަޖައްސާފައިވާ ކަމަށް ރިޕޯޓުތަކުގައިވާ އިރު، އެހަމަލާ ދިން ވަގުތު ރައީސް ޑުޓާޓޭ ހުންނެވި ތަނެއް ހާމަ ކުރައްވަން ރައީސްގެ ތަރުޖަމާނު ވަނީ ދެކޮޅު ހައްދަވާފަ އެވެ.

އުމުރުން 37 އަހަރުގެ އެގާޑުގެ ހަށިގަނޑު ފެނުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ އަންހެނުންނަށެވެ. އަދި އެއީ ޓެރަރިސްޓު ހަމަލާއެއް ނޫން ކަމަށް ޕީއެސްޖީން ބުނާ އިރު، ގާޑަށް ދިން ހަމަލާ އަމާޒުކޮށްފައި ވަނީ އޭނާގެ މެޔަށެވެ.

ޕީއެސްޖީގެ ކޮމާންޑަރު ވިދާޅުވި ގޮތުގައި ފުލުހުން ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ. (ރޮއިޓާސް)

comment ކޮމެންޓް