ގިނަ މެމްބަރުންތަކެއް އިދިކޮޅާ ގުޅުމަކީ ބަޣާވާތެއް ކަމަށް ރައީސް ސިފަކުރައްވައިފި

ޕީޕީއެމް "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން: --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރު ހިންގާ ޕީޕީއެމް ދޫކޮށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތުމަކީ ބަޣާވާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސިފަ ކުރައްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ވިލިނގިލި ދާއިރާގެ ގޮނޑި ގެއްލި އެ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަން ނިންމާފައިވާ ދަނޑިވަޅެއްގައި ގއ. ކޮލަމާފުއްޓަށް ވަޑައިގަތް އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ބައެއްގެ ހާލަތު ބަދަލުކުރާވަރުގެ ނިންމުމެއް ނިންމާއިރު އެކަން ކުރަންވާނީ އިޚްލާސްތެރިކަމާއެކުގައި ކަމަށެވެ.

ގޮނޑިތަކާ ހަވާލުވުމަށް އަންނަ ބޭފުޅުންގެ އިޚްލާސްތެރިކަން، އުފެދުމުގައި ވެސް ނެތްނަމަ އެތައް ބައި އިލެކްޝަނަކާ ކުރިމަތިލާންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުނގަޑުމެން ޕާޓީގެ ތެރޭގައި ކިރިޔާ ސަރުކާރުގެ މަގާމުތަކުން އަޅުނގަޑުމެން ދޫކޮށްލަން ނުޖެހޭ ހިސާބަށް ބޮޑު ސިންގާހާ ބަޣާވާތެއް ހިނގައިގެން އެ ދިޔައީ. އެއީ މިދެންނެވި އިހުލާސްތެރިކަން ނެތީމަ،" ޕީޕީއެމް ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މެމްބަރުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

ޕީޕީއެމް ދޫކޮށް އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތް މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މުހައްމަދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް)، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އެވެ.

އޭގެ އިތުރުން ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު އަދި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމާ އެ ދާއިރާތަކުގެ ބައި އިލެކްޝަންސް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް ދޫކޮށް އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތް މެމްބަރުންނަކީ "ހަމަޖެހުންމަތީގައި" ތިއްބެވިއިރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް އެންމެ ވަރުގަދައަށް ފާޑުވިދާޅުވި ބޭފުޅުން ކަމަށެވެ. ނަމަވެސް އޭރުވެސް އެބޭފުޅުންގެ ނެތް އެއްޗަކީ ހިތްތަކުން ހޯދަން އުޅޭ އިޚްލާސްތެރިކަން ކަމަށް ވިދާޅުވިއެވެ.

"ހާލަތު ބަދަލުކުރަން ބޭނުންވާއިރު މިތަނުން ވެސް އަޅުނގަޑުމެން ބޭނުންވަނީ އިޚްލާސްތެރި ހިތްޕުޅުތަކެއް. ވޯޓު ފޮއްޓާ ހަމައަށް ވަޑައިގަންނަވަން ވާނީ ސިކުނޑި ހިއްޕަވައިގެން. އިހުލާސްތެރިކަމާ އެކީ. އެ އިހުލާސްތެރިކަން ނެތްކަމަށްވާނަމަ އަޅުނގަޑުމެންގެ ހާލަތު ބަދަލުކުރުމަށް ކަންކަން މެދުވެރިކޮށްދޭނީ އެހެން ބައެއް،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް