އެމެރިކާ އަށް މީހުން ވަނުން މަނާކުރި ގައުމުތަކުގެ ލިސްޓް އަށަކަށް އަރައިފި

އެމެރިކާއަށް ވަނުން މަނާކުރި ރައްޔިތުން މިމެނޭ އަށް ގައުމު---

އެމެރިކާއިން ވަނުން މަނާކުރި ގައުމުތަކުގެ ރައްޔިތުންގެ ލިސްޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްފްގެ ސަރުކާރުން އަށް ގައުމެއް ހިމަނައިފި އެވެ.

މީގެ ކުރިން ވެސް އެމެރިކާ އިން ވަނީ ހަ މުސްލިމު ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކޮށްފަ އެވެ. އޭގެ ތެރޭގައި އީރާން، ޔަަމަން، ލީބިޔާ. ސޯމާލިޔާ، ސީރިއާ އަދި ސޫދާން ހިމެނެ އެވެ. ނަމަވެސް އަލަށް ނެރުނު ގައުމުތަކުގެ ލިސްޓުގައި ސޫދާން އުނިކޮށްފައިވާ އިރު ވެނެޒުއޭލާ، އުތުރު ކޮރެއާ އަދި ޗާޑު ވަނީ މުޅިން އަލަށް ލިސްޓުގައި ހިމަނައިފަ އެވެ.

"އެމެރިކާ އަމާން ގައުމަކަށް ހެދުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު. މިގައުމަށް އެތެރެވާ މީހުންނަކީ މިގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަށަވަރުނުވާ ކަމަށް ވަންޏާ އެމީހުން މިގައުމަށް ވަނުމަކަށް ފުރުސަތެއް ނުދެވޭނެ،" އާ ޓްރެވަލް ބޭން ލިސްޓް ނެރުނުތަނާހެން ޓްރަމްޕް ކުރި ޓްވީޓެއްގައި ވިދާޅުވި އެވެ.

މި ގަވައިދަށް އަމަލުކުރަން ފެށިކަމުގައި ވިޔަސް މަނާ ކުރި ގައުމުތަކުގެ ރައްޔިތުންނަށް ކުރިން ދޫކޮށްފައިވާ ގްރީން ކާޑާއި އަދި ޓްރެވަލް ޑޮކިއުމަންޓަތައް ބާތިލްނުވާނެެ އެވެ. އަދި ކުރިއެކޭ އެއްގޮތަށް އެ މީހުންނަށް އެމެރިކާއަށް ވަދެވޭނެ އެވެ.

މީގެ ކުރިން ވެސް ނެރުނު މިފަދަ އަމުރުތައް ވަނީ އެމެރިކާގެ ސުޕްރީމްކޯޓުން ހުއްޓުވައި އަދި ބައެއް ހާލަތުގައި ލުޔެއް ދީފަ އެވެ. އެގޮތުން ދާދި ފަހުން ސުޕްރީމް ކޯޓުން ވަނީ އެމެރިކާ އަށް ވަނުން މަނާކުރި ގައުމުތަކުގެ މީހުންނަށް އެ މީހުންގެ އާއިލާގެ މީހުން އެމެރިކާގައި އުޅޭ ނަމަ އެމެރިކާއަށް ވެދެވޭނެ ކަމަށް ހުކުމްކޮށްފަ އެެވެ.

comment ކޮމެންޓް