Sun Online

އަހަރެންގެ ހިތް އަނބުރާދީ - 51

ލިޔުނީއައިޝާ ނަސީމް

"ސަލްވާ. އާ ޔޫ އޯލްރައިޓް؟ " ވިޝާމްގެ ހިތްއެދުނީ އޭނަގެ މޭގައި އަބަދަށްޓަކާ މި ރީތި އަންހެންކުއްޖާ ފޮރުވައިލުމަށެވެ. އަބަދަށްޓަކާ އެ އަތުގެ ހިމާޔަތްދިނުމަށެވެ. ނަމަވެސް ސަލްވާއާއި އޭނައާއި ދޭތެރޭގައިވާ ފާރު އިތުރަށް އުސްވެދާނެފަދަ އެއްވެސް ކަމެއްކުރާކަށް އޭނަ ތައްޔާރެއް ނޫނެވެ.

"އެއްވެސް ކަމަކަށް އުއްމީދުނުކޮށް އަހަންނަށް ކަމެއްކޮށްދީފާނަންތަ؟ " ސަލްވާ އަހައިލިއެވެ.

"ސަލްވާއާއި ހެދި އެއްވެސް ކަމަކަށް ހޯޕްނުކުރަން ދަސްވެއްޖެ......"ވިޝާމް އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔާލައިފިއެވެ. ފިނިވެފައިވާ ދެއަތްތިލަ ޖިންސްގެ ޖީބަށް ޖަހާލުމާއިއެކު ފުން ނޭވައެއް ދޫކޮށްލިއެވެ.

ސަލްވާ ނޭފަތްދަމައިލިގޮތުން އޭނަ ރޮނީކަން އެނގުނުވަގުތު ވިޝާމްގެ ހިތްވެސް ހުއްޓުނުފަދައެވެ. ވިޝާމް ކުރިއަށް ފިޔަވަޅެއް އެޅުމާއިއެކު ސަލްވާ އެއް ފިޔަވަޅު ފަހަތަށް އެޅިއެވެ. ވިޝާމް އޭނަގެ ގައިގާ އިނގިލިކުރި ޖައްސާކަށްވެސް އޭނަގެ ހުއްދައެއް ނެތެވެ. އެންމެފަހުން ވާހަކަދެއްކި ދުވަހު ސަލްވާވަނީ ވިޝާމްއަށް އެކަންތައް ހަދާންކޮށްދީފައެވެ.

"ވިޝާމްކޮށްފައިވާ ޕްރޮމިސްމަތިން ހަދާން ނައްތާނުލާ..."

"ހޫމް އަހަރެން ވައުދުވިން ސަލްވާއާއި ދުރުގައި ހުންނަން. އަދި ޒެލްއާއިއެކު އޮތް ގުޅުން ރަގަޅުކުރާނެކަމަށްވެސް ބުނިން. އެކަމަކު އަހަރެންގެ ނަސީބުގައި އެއްވެސް އަންހެންކުއްޖަކު ލިޔުއްވާފައި ނެތީމަކަން ނޭގޭ ޒެލް އަބަދަށްޓަކާ ވަކިވެގެން އެދިޔައީ. މިއަދު ސަލްވާ އެހީއަކަށް ތިއެދުނީ. އަހަރެންގެ ފުރާނަ ދޭން އެދުނަސް އެކަން ހިތުން ރުހުމުން ކޮށްދޭނަން. ކޮންކަމެއް ކޮށްދޭންވީ........" ވިޝާމް ހުރީ ދުވަހަކު ނުވާވަރަށް ސީރިޔަސްވެފައެވެ. ސަލްވާ އޭނަ ލައްވާ ކުރުވި ވައުދުތައް އަދި އަޒަލްގެ ވަކިވުން އޭނަގެ މިޒާޖުވެސް ބަދަލުކޮށްފިއެވެ. ސަމާސާކުރާނެ ހިތްވަރެއް އަމުދަކުން ނެތެވެ.

"ވިޝާމް އަހަރެން ކޮންމެވެސް އެހެން ރަށަކަށް ގެންގޮސްދީ. ބައްޕައަށްވެސް އަހަރެން ހުރިތަނެއް އަންގާކަށް ބޭނުމެއްނޫން. ޒެލްގެ ވަކިވުމާއި އެހެން ސްޓްރެސްތަކުގެ ސަބަބުން ބޯ ގޮވައިފި. ފާފައަކަށް އަރައިގަތުމަކީ އެއްވެސް ގޮތަކުން އެދޭކަމެއްނޫން. ނަމަވެސް މިއަދު ހައިކަލްއަށް ނާންގާ މި މަގު ޚިޔާރުކުރަނީ މަޖުބޫރީވީވަރުން. އެހީއަކަށް އެދޭނެ އާއިލާ މީހެއް އަދި އެކުވެރިއެއްވެސް ނެތް. އެއްވެސް ވާހަކައެއް ކިޔާދެވޭކަށް ނެތް. އެކަމަކު ވިޝާމްއަށް ރަގަޅަށް އެނގޭނެ މެހެރްދައްތައާއިއެކު އަހަންނަށް ނޫޅެވޭނެކަން. ބޭނުންވަނީ ފުރާނަނެތް ހަށިގަނޑު މިގެއިން ނެރެގެން ގެންދަންދެން މިގޭގައި ހުރުން. އެކަމަކު............." ސަލްވާއަށް ވާހަކަ ނުދެއްކިގެން ހުއްޓާލައިފިއެވެ. ހައިކަލްގެ ޑީލްގެ ވާހަކަ ނުދައްކަންވެގެން މެހެރީނާ ބަހަނާއަކަށް ހެދީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ވިޝާމްއަށްވެސް މެހެރީނާ އޭނައަށް ކުރާ ނަފްރަތު ފާޅުގައި އަންގާތީއެވެ.

"ސަލްވާ. އެކަމަކު ކިހިނެއް. ކޮންތާކަށް..." ވިޝާމް އެއްޗެކޭ ބުނަން އުޅުނެވެ.

"ވިޝާމްއަށް ނުވަންޏާ އެކަނި ހިގައިދާނަން....." ސަލްވާ ހިތްހަމަނުޖެހޭގޮތްވިއެވެ.

"ނޯ ނޯ ނޯ ސަލްވާ. އަހަރެން އެހެން މާނަކޮށްފައި ބުނި އެއްޗެއްނޫން. ސަލްވާ ބަހައްޓާނެ ރައްކާތެރި ތަނެއް ވިސްނުމަކަށް ނައީމަ އެހެން ބުންޏަސް އައި ވިލް ޑެފިނިޓްލީ ހެލްޕް...."ވިޝާމްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލޭގޮތްވިއެވެ. މޫޑު ކޮންމެވެސް ވަރަކަށް ރަގަޅުވެ ހިތް އަވަސްވިއެވެ. ސަލްވާ ފެނުމުން އަބަދުވެސް ފިނިވެ އޭނަގެ ނަފުސް އަތުން ވީއްލިގެންދާގޮތްވެއެވެ. ސަލްވާއަށްޓަކާ އެހިތުގައި ވިންދުޖެހުމަށް އެއްވެސް ބަދަލެއްނާދެއެވެ. ވިޝާމްގެ ދެލޮލުގެ ބެބުޅުންގަދަވެ އެދެލޮލުން އުއްމީދު އާވިއެވެ. ސަލްވާއަށް ބަލަން ހުރެވުނީ ލޯބީގެ ނަޒަރަކުންނެވެ. އެއީ މަދުފަހަރެއްގައި ނަމަވެސް ސަލްވާއަށް ހައިކަލގެ ދެލޮލުން ފެނުނު އަސަރެވެ.

"ސަލްވާއަށް އެނގޭތަ؟ އަހަރެންގެ ބައްޕަ ނިޔާވެއްޖެ. ހާޓްއެޓޭކެއް ޖެހުނީ. ހީވެސް ނުކުރާފަދަ ގޮތަކަށް ކުއްލިއަކަށް ވަކިވެގެން ދިޔުމުން އަހަންނަށް ޝޮކެއްލިބުނު. ނަމަވެސް އަސްލު ކުރަންވީ އަސަރެއް ނުކުރީ ބައްޕަގެ ފަރާތުން ލޯބި ލިބިފައިނުވާތީކަން ނޭގޭ. އެކަމަކު އަހަރެންގެ ވާޖިބު އަދާކުރިން. ރިގްރެޓްވާފަދަ އެއްވެސް ކަމެއްނުކުރަން. ޒެލްއަށްފަހު ބައްޕަ...ތަގުދީރުވެސް އަހަންނާއި އެއްކޮޅަކަށްނެތް...." ވިޝާމް ފެންގަނޑުގެ އަރިފަށުގައި ހުއްޓުނު އިރު އެދިގު އިސްކޮޅު ފެނުގެ ސަތަހައިގާ ފެންނަން ހުއްޓެވެ. ސަލްވާއަށް އެމަންޒަރު ފެނުނެވެ. ވިޝާމްގެ ދެލޮލުގެ ރީތިކަމަށް އޭނަ ތައުރީފުކުރި ޒަމާނެއް އައެވެ. އެހާ ރީތި ހެޔޮވަރުގެ އިސްކޮޅެއް ހުރި ފިރިހެނަކު ރާއްޖެއިން ފެނިދާނެކަމަށްވެސް ހީނުކުރެއެވެ. ރޯޒްމެހެލްގެ އާއިލާ ފެނުމުގެ ކުރިންނެވެ. ރޯޒްމެހެލް ނިސްބަތްވާ ޚާންދާނުގެ މީހުންގެ ރީތިކަން ފެނުމުން ވިޝާމްފަދަ ނޫނީ އެއަށްވުރެ ރީތި މީހުން ރާއްޖޭގައި އުޅޭކަން އެނގުނެވެ.

"އައިމް ސޮރީ އެބައުޓް ޔޯ ފާދަރ......" ސަލްވާ އެދޭތެރޭގައިވާ ހުސްތަން އަދިވެސް ދުރުކޮށްލިއެވެ. އެދެމީހުން އެއްކޮށް ފެނިއްޖެއްޔާ މެހެރީނާދައްތަ އަނެއްކާ އެހެން ވާހަކައެއް ހަދާލަފާނެއެވެ.

"ތޭންކްސް..." ވިޝާމް ރަސްމީވިއެވެ.

އެގޮތަށް ވާހަކަދެއްކުމުން ހިތުގެ ކަނަކުން ސަލްވާގެ ހިތުގައި ޝަކުވާ އުފެދުނެވެ. މިއީ ކުޑައިރުގެ ބެސްޓްފްރެންޑެވެ. ދެކުދިން އެކީގައި އެތައްއަހަރެއް ވޭތުކުރިއެވެ. ވާރެއާއި އަވީގައި އެކީގައި ހުވަފެންތައް ދެކުނެވެ. މޫދާއި އެއްގަމުގައި އަދި ގަސްތަކުގެތެރޭގައި އެއްވެސް ފިކުރެއް ޚިޔާލެއްނެތި ސަލްވާ ވިޝާމްއާއިއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރިއެވެ. މިއީ އޭނައަށް ރައްކާތެރިކަންދީ ހިމާޔަތް ދިން ފަރާތެވެ. ބަދުނަސީބު ލޯބިވެރިޔާއެވެ.

ސަލްވާގެ ހިތުގައި އުފެދުނު ޖަޒުބާތުތައް އޭނަ ހިތުން ކުށްވެރިކުރިއެވެ. އޭނަ ހިތާހިތުން ދުޢާކުރިއެވެ. ވިޝާމްގެ އެހީ ލިބިގެން އޭނަ މިތަނުން ސަލާމަތްވުމަށްފަހު ވިޝާމްއާއި އެއްވެސް ވަރަކަށް ވާހަކަ ނުދައްކާނެއެވެ. އެހިސާބުން ރޯޒްމެހެލްއާއި ވިޝާމްވެސް މާޒީގެ ތެރެއަށް ލާ އޭނަ ފަސްއަޅާ ފޮރުވާނެއެވެ.

"ތަގުދީރު ދެކޮޅުވެގެނެއް ނޫން އަހަރެމެންނަށް އިމްތިހާނުތައް ކުރިމަތިވަނީ. ކެތްތެރިވުމަކީ އިމާންތެރިކަމުގެ ތެރެއިންވާކަމެއް. އަހަންނަށް އެނގޭ މިއަދު އެންމެނަށް ސިއްރުން ދާން ނިންމިއިރު މިކުރެވުނީ ފާފައެއްކަން. ފިރިމީހާގެ ހުއްދަނެތި ގެއިން ބޭރަށް އަޅާ ކޮންމެ ފިޔަވަޅަކީ ނަރަކައާއި ދިމާލަށް އެޅޭ ފިޔަވަޅެއް. ނަމަވެސް އަހަރެން ބޭނުމެއްނޫން ވަރިވާކަށް. ވަރި އެލަފުޒުދެކެ ބިރުގަނޭ އެހެންވެ ދުރަށް މިދަނީ. މެހެރްދައްތަމެންގެ ނުފޫޒްގައި ހައިކަލް ޖެހިގެން ވަރިކުރާނެ ދުވަހަކީ........އައި ކާންޓް ޓޮލެރެޓް ދެޓް. މޭ ﷲ ފޮގިވް މީ. ހިތް ހަލާކުވެއްޖެ. ވަރީގެ ބިރުވެރިކަމުން ސަލާމަތްވާން މިއަދު މިނޫން އެހެން އެއްވެސް މަގެއް ނުފެނުނު........" ސަލްވާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތެވެ.

އޭނަ ދުރަށް މިދަނީ ހައިކަލް އެހެދި ޑީލަށްފަހު ދުވަސް ހަމަވުމުން ވަރިކޮށްފާނެތީ އެދުވަސް ނުދެކޭންވެގެންނެވެ.

"މިގޭގައި ހުރެއްޖެއްޔާ އަހަރެން މަރުވެދާނެ. ހަމަތެދަށް މިބުނީ. މެހެރީނާ ދައްތަ މެން އެހާވެސް ބޮޑަށް ނަފްރަތުކުރޭ. އެމީހުންނާއި އެކަށީގެންނުވާ މީހެއްކަމަށް ދެކެނީ. ހައިކަލްގެ ފެންވަރު ނޫންވީމަ އެމީހުން ބޭނުމެއްނުވޭ. ވިޝާމްއަށް މެސެޖްކޮށްގެން މިގޮތަށް ވާހަކަދެއްކުންވެސް ހުއްދައެއްނޫން. ހެއްދެވިފަރާތަށް ބިރުގަނޭ. އެކަމަކު ކަނޑައެޅިގެން ފުރާނަ ނުރައްކަލަށް ހުށަނާޅާ ދުރަށް ދާން އިތުބާރުކުރެވޭ ޔަގީންކަން އޮތް މީހެއްގެ ފަރާތުން މަދަދު ހޯދަން ވިޝާމްއަށް ގުޅީ. އެހެންވެ ބުނީ އުއްމީދު ނުކުރާށެ. އިރާދަކުރެއްވިއްޔާ މަރުވެގެންދާނީވެސް ހައިކަލްގެ އަންހެނުންގެ ގޮތުގައި ހުރެ. ވިޝާމް އަހަރެން ރަށަކަށް ގެންގޮސްލާފައި މާލެއަށް އެނބުރިދާންވާނެ........" ސަލްވާ ވާހަކަދެއްކިއެވެ.

"ބީރައްޓެހި ތަނަކަށް ސަލްވާ އެކަނި ދޫކޮށްފައި ކިހިނެއް އަހަންނަށް ދުރަށް ދެވޭނީ؟" ވިޝާމްގެ ހިތަށް އޭރުވަނީ އިތުރު އަނިޔާވެފައެވެ. ސަލްވާ އަކަށް ނޭގޭނެއެވެ. ސަލްވާގެ ކޮންމެ ލަފުޒެއް ކޮންމެ ޖުމްލައެއް އޭނަގެ މޭ ފޫއަޅުވާލައިފިއެވެ. ހިތުން ލޭ އޮހުރޮވާލައިފިއެވެ. އޭނަ ދެރަވާނެވަރު ސަލްވާއަށް އިހުސާސް ނުކުރެވެނީއެވެ. އެގޮތަށް ހިތް ބަންޑުން ޖަހައިލީ އެކަން އެއްގޮތަކަށްވެސް ނުވިސްނުނީމައެވެ. ހައިކަލްދެކެ ވާ ލޯބީގެ މަތިވެރިކަން އެލަފުޒުތަކުން ވިޝާމްއަށް އަންގާދީފިއެވެ. އޭނަގެ ކުރިމަތީގައި އެހެން ފިރިހެނެއްގެ ވާހަކަ އެގޮތަށް ދެއްކުމުން ހަސަދައިންވެސް ހިތް ފުރާލައިފިއެވެ. ސަލްވާއަކީ އޭނަގެ އަލަތު ލޯތްބެވެ.

"އަހަންނަކަށް އެކައްޗެއްވެސް ނުވިސްނޭ. މައިންޑް ހަމަ ނަމްބްވެފަ މިހިރީ............" ސަލްވާ އިނގިލި ހަފަންފެށިއެވެ. އޭނަ މިކުރަން އުޅެނީ ރަގަޅުކަމެއްބާވައެވެ. އޭނަފަދަ މޫނު ބުރުގާ އަޅާ އަންހެންކުއްޖަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނީ ކޮންތާކުން ހެއްޔެވެ؟ ބައްޕަމެން ބޭބެމެން އަދި ފިރިމީހާގެ ހިމާޔަތް ނުލިބެންޏާ އަންހެންކުދިންނަށް ވާނެ ގޮތް ހިތަށް އެރުމުން ހިތް ރޫރޫއަޅައިގަތެވެ. ބައްޕަ ކައިރިއަށް ދާންވީބާވައެވެ. ނޫނެކެވެ. ބައްޕަމެންގެ ގެއިން ލިބޭނެ އެއްވެސް އެއްޗެއްނެތެވެ. އެއީ ނުރައްކާތެރި ޖަގަހައެކެވެ. ސިންގާކޮށްޓަކަށް ފުންމާލިޔަސް އެއަށްވުރެ ރަގަޅުވާނެއެވެ.

ދެމީހުން އެގެދޫކޮށް ދާންވެގެން މަޝްވަރާކުރަން ތިއްބާ މެހެރީނާއަށް ފެނިގެން ހައިކަލް ގެންގޮސް ދެއްކިއެވެ. އެމަންޒަރު ދެކެފާ ހައިކަލްގެ ބުމަގޮށްޖެހިގެން ދިޔައެވެ. ނަމަވެސް އޭނަ ކެތްތެރިކަން އިސްކުރިއެވެ. އެދިޔަ ބާރުމިނުގައި ސިޑިން ފޭބިޔަސް އެހިސާބަށް ދިޔައިރު އޭނަ ސިކުނޑިއަށް ބާރުފޯރުވާފައިގޮސް އިށީނީ ސިޓިންރޫމްގެ ކައުޗެއްގައެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ނިތްކުރީގައި ފިރުމަމުން ދިޔައީ ހިތުގައިވާ ސުވާލުތަކަށް ޖަވާބެއް ނުލިބިގެންނެވެ.

ހައިކަލް އާޒީންގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު އާޒީންއޮތީ އެނދުގެ ހުރަހަށް އޮށޯވެލައިގެން ދެލޯ މަރާބާރުކޮށްލައިގެންނެވެ. ވައިލެޓްކުލައިގެ ކުރު ޓޮޕަކާއި ސްކިނީއެއްލައިގެން އޮތްއިރު އިސްތަށިގަނޑުގައި މިއިން ދުވަހަކު ފުނާއެޅިކަމެއް ނޭގެއެވެ. އިސްތަށިގަނޑު އޮތީ ހޭވިގެން ބާލީސްމައްޗަށް ފެތުރިފައެވެ. ކައިރިވެލުމުން ދެލޯ ދުޅަވެ މޫނުރަތްވެފައިވާވަރު ފާހަގަކުރެވުނެވެ. އަޒަލްއެކޭ އެއްވެސް ތަފާތެއްނެތެވެ. ހަމަ އަޒަލްފެނުނު ފަދައެވެ. ހައިކަލްގެ ހިތަށް ބާރުކުރިވަރުންގޮސް މޭގައި އަތްއަޅާލެވުނެވެ. އެކުޑަކުޑަ ދަރިފުޅު އޭނައާއި ވަކިވެގެން ދިޔުމަށްފަހު ދެން އޭނަގެ ދުނިޔޭގައި މިނޫން ފުރާނައެއް ވޭހެއްޔެވެ؟ އޭނަގެ ދަރިފުޅު އާޒީން މިގޮތަށް ހިތާމަކުރާތަން ފެނުމުން އަމިއްލަ ހިތާމަވެސް ހަދާން ނެތިއްޖެއެވެ. ކަރުނަތައް ހިފަހައްޓާލާފައި އާޒީންގެ މަގަތުގައި އިށީދެ މަޑުމަޑުން އިސްތަށިގަނޑުގައި ފިރުމާލިއެވެ.

"އާޒް. ދަރިފުޅާ. ނިދާފައިތަ؟ "

އާޒީން އެސިކުންތުކޮޅުގައި ދެލޯ ހުޅުވާލާފައި ހައިކަލްއާއި ހަތަރުކަޅި ހަމަކުރިއެވެ. އެދެލޮލުގައި ކަރުނައެއް ނެތެވެ. ފެނުނީ ހުސްކަމެވެ. އެކަނިވެރިކަމެވެ. ހިތްހަލާކުވާފަދަ ތަސްވީރެކެވެ. ދެން ބަލަންފެށީ ސީލިންއަށެވެ.

"ޝީ ޑިޑްންޓް އިވެން ސޭ ގުޑްބައި...." އާޒީން އިހުސާސެއް ނެތްގޮތަކަށް ކިޔާލިއެވެ. ހައިކަލްގެ ހިތުގައި ފިނިރާޅެއް ދުވެލިއެވެ. ހިތަށް ބިރުވެރިކަންވަނީ ދަރިފުޅަށް ނަފްސާނީގޮތުން އަސަރުކޮށްފާނެކަމަށް ބަލާފައެވެ. ރައުދާވެސް ވަނީ އޭނައަށް އިންޒާރުކޮށްފައެވެ. އާޒީން ޑިޕްރެޝަން މައްސަލައެއް ހުރިކަމަށް ތުހުމަތުކޮށް އެކަމަށް ފިޔަވަޅު އަޅަން އެތައްފަހަރު ބުންޏެވެ. ނަމަވެސް އޭނައަށް ފަރުވާކުޑަކޮށްލެވުނީއެވެ. ދެލޯ މަރާލައިގެން ހުރެވުނީއެވެ. އެދާއިރާގައި މަސައްކަތްކުރާ ކުޅަދާނަ ޑޮކްޓަރެއްކަމަކު އޭނަގެ އިލްމުގެ ބޭނުމެއްވެސް ނުހިފުނެވެ. ލޯބިވާ ދެކުދިން ގޮތްނޭގޭ ކަންތައްގަނޑެއްގައި ބަދެވި އެކަކު ދުނިޔެއާއި ވަކިވެގެން ދިޔުމުން ހޭވެރިކަންވެއްޖެއެވެ. ނަމަވެސް މާ ލަސްވެއްޖެއެވެ.

"ދަރިފުޅާ. ޒެލްއަށް އެފުރުސަތު ނުލިބުނީ. އެކްސިޑެންޓެއްވީމަ ލޯބިވާ މީހުންނަށް ގުޑްބައި ކިޔާކަށް ވަގުތެއްނުވާނެ...."

"ނޫން ޑޭޑް. ޒެލްއަށް އެނގޭ. ޒެލްއަށް އެނގުނު ބަލިކަން. ޒެލްއަށް އެނގުނު ފޭސްބްލައިންޑްނެސް ހުރިކަން. އަމިއްލަ ނަފުސް ވަކިކުރާކަށްވެސް ޒެލްއަކަށް ނޭގޭ. އެކަމަކު ބައްޕައަށް ސިއްރުކުރީ. އާޒް ލައްވާވެސް ވައުދުކުރުވީ ބައްޕަ ދެރަވެދާނެތީ. ބައްޕަ ޒެލްދެކެ ލޯބިވާވަރު ޒެލްއަށް ފީލްވޭ. ޒެލް ޑޭޑް ވަކިކުރީ ގަޑިން. މާމައަތުގައި އޮންނަ ރޫބީ އަނގޮޓިން........" އާޒީން ދޭތެރެއަކުން ވާހަކަދެއްކުން އުދަގޫވެގެން ހުއްޓާލައެވެ.

"ކޮންމެ މީހަކުވެސް ޒެލް ރިކޮގްނައިޒްކުރީ އެގޮތަށް ސިފައަކުން ނޫނީ ގެންގުޅޭ ކޮންމެވެސް ޚާއްސަ އެއްޗެއްގެ އެހީގައި. އެކަން ޑޭޑްއަށް ސިއްރުކުރިއިރު ނޭގުނު އެއީ ޒެލްއަށް ގެއްލުމެއް ވެދާނެކަމެއްކަން. ޒެލް ހުރިހާކަމެއް ފޮރުވީ. ވިޝާމްއާއި އެހާ މައްސަލަޖެހުނުއިރު އެކަންވެސް...ވިޝާމް ޒެލް ޔޫޒްކުރީ. ވިޝާމް ޒެލްއަށް އޮޅުވާލީ. އޮޅުވާލައިގެން ޒެލް އާއި މެރީކުރީ......ޝީ ވޯޒް އިނޮސެންޓް އެހެންވެ ނޭގުނު. ޕުއަރ ޒެލް. މައި ޕުއަރ ސިސް. ޒެލްގެ އެއްވެސް ކުށެއް ނެތި....ކީއްވެ ވިޝާމް އެހެން ހެދީ. ޑޭޑް.... ޕްލީޒް އާސްކް ހިމް ވައި ހީ ކިލްޑް މައި ސިސް. ވައި.. ވައި.....ޑޭޑް. ޒެލްގެ ކިތައް ޑްރީމްސް ތައް................"އާޒީންގެ ލޮލުން ކަރުނަ އޮހެން ފެށިއިރު ވާހަކަދެއްކީ ހުއްޓަ ހުއްޓާފައެވެ. ކުއްލިއަކަށް ތެދުވެ ހައިކަލްގެ ކަނދުރާގައި އޮޅުލައިގަތެވެ. ހައިކަލްގެ ހިތް ކުދިކުދިވިއެވެ. އާޒީންގެ ހިތާމަތައް ހައިކަލް ގަނޑުކޮށްލައިފިއެވެ. އާޒީން ގެނެސް މޭގައި ޖައްސާލުމާއިއެކު އޭނަގެ ލޮލުން ފޭ ކަރުނަތިކި އަވަހަށް ފޮހެލައިފިއެވެ. އޭނަ ރޯތަން ފެނިއްޖެއްޔާ އާޒީންއަށް އަދި ވާނެ ވަރެއްވެސް ނޭގެއެވެ. އާޒީންގެ ހިތްވަރަކީ އޭނައެވެ.

"އިޓްސް އޯކޭ މައި ލިޓްލް ގާލް........ޝީޒް އިން އެ ބެޓާ ޕްލޭސް. ސުވަރުގޭގެ ނިއުމަތުގައި ޒެލްވާނީ އިންޝާﷲ. އާޒް އާއި ބައްޕަވެސް ޒެލްއާއި މީޓްވާނެ. ދުޢާކުރައްޗޭ. ގޯޑް އޯލްމައިޓީ ދުޢާތައް އިޖާބަކުރައްވާނެ. ހުރިހާ އަޅުތަކުންނަށް ރަހުމަތް ލައްވާނެ..............."

"ޑޭޑް ޕްރޮމިސް މީ. އޭނަ ޖަލަށް ލާފައި ދަން ޖައްސުވާނެކަމަށް. ނޫނީ ޒެލްއަށް އިންސާފެއް ނުލިބޭނެ............." އާޒީން ތެދުވުނުއިރު އެމޫނު ކުރިއަށްވުރެ ރަތްވެއްޖެއެވެ. ހައިކަލް އާޒީންގެ ކޯތާފަތް ފޮހެލަދިނެވެ. ނުރޯން އެދި ހިތްވަރު ދޭން އެތައް ވާހަކަތަކެއް ދެއްކިއެވެ. ނަމަވެސް ހަލާކުވެފައިވާ ހިތްތަކަށް އެހާ ފަސޭހައިން ޝިފާއެއް ނުލިބޭނެއެވެ. އެއަށްވުރެ އެންމެންގެ ހިތްތައްވަނީ ހަލާކުވެފައެވެ. އެހާވެސް އަޒަލް ޚާއްސައެވެ.

މެހެރީނާ ދިން ދިހަހާސްރުފިޔާގެ ލައްޒަތުގައި ޖެހިގެން ގެންގުޅޭ ކުއްޖަކު މެހެރީނާ ދަސްކޮށްދީފައިވާ ގޮތަށް ބަޔާންދިނެވެ. ޑްރާމާކުޅެން މޮޅުވާނެކަމާއިމެދު ޝައްކެއްނެތެވެ. ހައިކަލްއާއި ޒައިތޫން އަދި އަބުދުލްއަޒީޒުގެ ކުރިމަތީގައިވެސް މޯނީ ދޮގުހެދިއިރު އެސްފިޔަ ޖަހާވެސް ނުލިއެވެ. ފައިސާގެ ހެއްލުންތެރިކަމުގައި ޖެހި ދޮގުމައްޗަށް އޭނަ ދޮގުހެދިއެވެ. ވިޝާމްއަޒަލް ކޮށްޕާލިތަން އޭނަގެ ދެލޮލުން ދުށްކަމަށް ބުނެ ހުވާކުރިއެވެ. މެހެރީނާއާއި މޯނީގެ ވާހަކަތައް އެއްގޮތްކަމުން އެއީ ތެދެއްކަމަށް ގަބޫލުކުރާން ޖެހުނެވެ. ނަމަވެސް ހައިކަލް ބޭނުންވީ ފުލުހުން އެކަން ތަހުގީގުކޮށް ޝަރުއީ ދާއިރާއިން އެކަން ކުރިއަށް ގެންދާށެވެ. ދީނުގައިވާ ގޮތަށް ވިޝާމްއަށް އަދަބުވެސް ލިބެންވާނެއެވެ. ޒައިތޫން ބުނީ ޝަރީއަތުން އެކަމަށް އިންސާފު ނުލިބޭނެކަމުގައެވެ. އެމްނެސްޓީފަދަ ދުނިޔޭގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާމީހުން އަބަދުވެސް ކުށްވެރިންގެ ދިފާއުގައި ތެދުވާނެއެވެ. އެމީހުން ޖަލުގައި ތިއްބަސް މީރުކޮށް ކެއުމާއި ހުރިހާ ޟަރޫރީ ބޭނުންތައް ފުއްދެންޖެހޭނެއެވެ. އެމީހުންގެ އަނިޔާވެރިކަމުގައި ބިމުގެ ފަސްގަނޑުގައި ނިދާލަންޖެހުނު އަނިޔާލިބުނު މީހާގެ ހައްގެއް ނެތެވެ. ވީއިރު އަދި މަރުގެ ހުކުމެއް އަޔަސް އެކަން ތަންފީޒުކުރިޔަނުދޭން ހުރިހާ ޖަމްއިއްޔާތައް ތެދުވާނެއެވެ. އެންމެ ރަގަޅީ ރޯޒްމެހެލްގެ ނުފޫޒާއި ބާރުގެ ބޭނުންކޮށް ވިޝާމްގެ މުޅި ފުރާނަވެސް ރޮއިގަންނަ ވަރުގެ އަދަބެއް ދިނުމެވެ. ކޮންމެހެން ގާނޫނު އަތްމައްޗަށް ލައިގެން މީހެއްގެ ފުރާނަ ހިފާކަށް އެމީހުންވެސް ނޭދެއެވެ. ނަމަވެސް ކުރެވިދާނެ އެހެން ކަންތައްވެއެވެ.

މެހެރީނާ ފޮނިވެލާފައި ބުނީ މިހާރުއްސުރެ އޭނަ ފިޔަވަޅު އަޅަން ފެށިކަމަށެވެ. އަރީންއަށް މަޖުބޫރުކޮށްގެން އިންޒާރުދިނުމުން ވިޝާމް ވަޒީފާއިން ކަނޑާލާފައިވާކަމުގައެވެ.

ޒައިތޫންގެ ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ.

"ގުޑް ޖޮބް މެހެރް. ދުނިޔޭގެ އެއްވެސް ތާކުން ވިޝާމްއަށް ވަޒީފާ ލިބިގެން ނުވާނެ. އެއީ އޭނައަށް ހައްގު އަދަބަކީ. ގަނަތެޅިތެޅި ހުންނަން ޖެހޭނީ....." ފަޑިޔާރެއްފަދައިން ޒައިތޫން ހުކުމް އިއްވިއެވެ.

"ހައިކަލް ހުރީ ހިމޭނުންނެވެ.

"ސަލްވާ ވީ ކޮންތާކު. ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު އަހަރެން ބޭނުން...." ހައިކަލް އަމިއްލަ ޟަމީރާއި ވާހަކަދެއްކިއެވެ. އޭނަ އިނީ ޚިޔާލަކަށް ގެއްލިފައެވެ.

މެހެރީނާ އިތުރަށް ބުނިގޮތުގައި އަޒަލްގެ މަރަކީ ގުދުރަތީ މަރަކަށް ނުވާތީ އޭނަ އެކޮޓަރިއަށް އެއްވެސް މީހަކު ވަނަނުދޭން ސިކިއުރިޓީއިންނަށް އަންގައިގެން އެކޮޓަރި ގާޑްކޮށްފައިވެއެވެ. އަޒަލްގެ ޑައިރީއާއި އެހެން ލިޔުންތަކުންވެސް ވިޝާމްގެ ނުބައިކަން ހާމަވާނެކަމަށް މެހެރީނާ ބުނެލީ ހަށިގަނޑު އިތުރަށް ސީދާކުރަމުންނެވެ. އަމިއްލަ ނަފުސާއިމެދު ފަޚުރުވެރިގެން ހުރެއެވެ. އޭނަގެ ޕްލޭންތައް ކާމިޔާބުވީ ތަގުދީރުވެސް އެކަމަށް މަގުފަހިކޮށްދިނެވެ. އޭނަގެ ނަސީބުހަމަރަގަޅީއެވެ.

ހައިކަލް އަޒަލްގެ ކޮޓަރީގައި އެޅި ފިޔަވަޅާއިއެކު އަޒަލް އަބަދު ބޭނުންކުރާ "ޝެނެލް ނަމްބަރު ފައިވް"ގެ މީރުވަސް ނޭފަތުގައި ހިފައިލިއެވެ. އެއާއިއެކު ބޮޑީޝޮޕްގެ ވަސް އެއްވުމުން ސެންޓްފިހާރައެއްގައި އުޅެވޭފަދައެވެ. އާޒީން އެލާޖިކް މައްސަލަ އުޅޭތީ އަޒަލްހެން އަބަދު ސެންޓްޖަހައިގެނެއް ނޫޅެއެވެ. އެކޮޓަރީގައި ބޮޑަށް ދުވާނީ މާމެލާމެލީގެ މަޑުވަހެވެ. އަޒަލް ހުރީ އެހާ ތަރުތީބުން އެއްޗެހި ބަހައްޓާފައެވެ. ވައިލެޓާއި ފިޔާތޮށިކުލައިގެ އެ ތަނަވަސް އަރާމު ކޮޓަރި އަންހެންކުދިން ބޭނުންވާނެހާ ފުރިހަމަވެފައި ހުވަފެނީއެވެ. އެނދުގައި އޮތް ދެކުލަ އެކުލެވޭ ކުއިލްޓްވެސް އޮތީ ނިކަން ރީތިކޮށް އަޅާފައެވެ. ހައިކަލް ހަށިފުރާ ނޭވާއެއްލިއެވެ. ކިތަންމެ ބޭނުންވިޔަސް އަޒަލް ދެނެއް ނާންނާނެއެވެ. ބައްޕާއޭ ކިޔާފައި ގޮވާނުލާނެއެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު ހިތް މުށުތެރޭލާ ޗިސްކޮށްލާފަދަ އިހުސާސްތަކެއް ކުރެވެއެވެ.

އަޒަލް ނެތީސް އެއްވެސް ޒާތީއެއްޗެއްގައި އަތްލާކަށް ހައިކަލް ބޭނުމެއްނޫނެވެ. ނަމަވެސް އަޒަލްގެ އެކުއްލި މަރުގެ ސަބަބު އޭނައަށްވެސް އެނގެންވާނެއެވެ. އަޒަލްގެ އަމިއްލަ ކަންތައް ފުލުހުންނާއި ހިއްސާކުރުމަށްވުރެ އަމިއްލައަށް އެނގުނަސް މާ ރަގަޅުވާނެކަން ނޭގެއެވެ. އެ ޑައިރީއިން ކިތަންމެ ސިއްރެއް ހާމަވާނެއެވެ. ނަމަވެސް ޑައިރީއަށްވުރެވެސް ހައިކަލްއަށް މުހިއްމީ އެހެން މައުލޫމާތްތަކެވެ. އެނދުގެ ދެފަރާތުގައި ހުރި ވައްގަނޑުތައް ބަލާލާފައި މާ މުހިއްމު އެއްޗެއް ނުފެނުމުން އަލަމާރި ހުޅުވަން ބެލިއިރު އެއްފަރާތް ހުރީ ތަޅުލާފައެވެ. ކުއްލިއަކަށް ސޯފާމަތީގައި ހުރި ކުޝަންދަށުގައި ފޮތްތަކެއް ހުރިހެން ހީވެގެން ހިއްލައިލިއިރު އަދި ބާ ފޮތެކެވެ. ދުވަސްވުމުގެ ސަބަބުން އޮތީ ކޮންމެވެސް ވަރަކަށް މުށިކުލަ އަރާފައެވެ. ފޮތް ހުޅުވާލުމާއިއެކު ހައިކަލްގެ ހިތް ހުއްޓުނުފަދަ އިހުސާސެއްކުރެވުނެވެ. މިއީ އޭނަގެ އަންހެނުން ސަލްވާގެ އަތުލިޔުމެވެ. ސަލްވާގެ ޑައިރީއެވެ.

ސަލްވާއަކީ ވިޝާމްގެ ލޯބިވެރިޔާއެވެ. ސަލްވާ ވިޝާމްއަށް މުޚާތަބުކޮށް ލިޔެފައިވަނީ "ޖާން" އަދި "ވިޝްޕޫ" އެވެ. ވިޝާމް ސަލްވާއަށް އަޅާދިން ފަނުން ހަދާފައިވާ ގެއެއްގެ ވާހަކަ ލިޔެފައިވިއެވެ. އެތަނުގައި ދެމީހުން ވަރަށް ގިނަ ވަގުތު ހޭދަކުރާކަމަށާއި ޓޮފީއާއި ތަފާތު ވައްތަރުގެ ހަލްވާ ކަހަލަ އެއްޗެހި ކައި އުޅޭވާހަކަ އޮތެވެ. ދެކުދިން ވާރެއާއި އަވީގައިވެސް އަތުގައި ހިފާލައިގެން އެތާތިބެގެން ތަރިތައް ގުނާކަމަށާއި ހުވަފެންތައް ބަލާވާހަކަ އޮތެވެ. މޫދަށް އެރި ނޫނީ އަތިރިމަތީގައި އެކީ އުޅޭއިރު އެހާ އުފާވެރިއެވެ. ލޯބީގެ ވާހަކަތައް ކޮންމެހެން ލިޔެފައި ނެތަސް ސަލްވާގެ ހިތުގައި ވިޝާމްއަށް އޮތް ޚާއްސަކަން ކިތަންމެ ރީއްޗަށްވެސް ސާފުވިއެވެ. ފުދޭވަރަކަށް ލޯބި ޑައިރީއެކެވެ. ޑައިރީތެރޭގައި ސަލްވާއާއި ވިޝާމްއެކީގައި ނަގާފައި ހުރި ފޮޓޯތަކަކާއި ސިޓީތަކެއް ވިއެވެ. ވިޝާމްގެ އިޝްގީ ސިޓީތައް ކިޔާލާފައި ހައިކަލްގެ ހިތުގައި ވި ނުރުހުން އިތުރުވިއެވެ. ސަލްވާގެ ޕަރުވާނާއެއްގެ ގޮތުގައި ހުރެ އޭނަގެ ހުރި ފުރާނަފަދަ ދަރިފުޅު ނަގާލައިފިއެވެ. ވިޝާމް އެގޮތަށް ކަންތައްކުރަން އަޒަލްގެ އޮތީ ކޮން ކުށެއްހެއްޔެވެ؟

ލޯބީގެ ނޯޓްސްތަކާއި ސިޓީތައް ކިޔާނިންމާލެވުނު އިރު މެހެރީނާގެ ވާހަކަތަކަކީ ތެދުކަން ޔަގީންވިއެވެ. މެހެރީނާ ފަހަރެއްގައި ކޮންމެވެސް ވަރަކަށް ބޮޑުކޮށްފައި ދައްކަފާނެއެވެ. ނަމަވެސް ހެކިތައް މިހިރީ ދިމާލަށް ފެންނާށެވެ. ހައިކަލްގެ ހިތަށް ލިބުނު ވޭނާއި ރިހުން އެހެން ކަމަކާއި އަޅާނުކިޔޭނެއެވެ. ބަޔާންނުކުރެވޭފަދަ ހިތިކަމެއް އެހިތަށް ލިބިއްޖެއެވެ.

މެހެރީނާ އޭނަގެ އަތުގައި ހުރި ވީޑިއޯއާއި ވިޝާމް އެކޮޓަރިއަށް ވަދެ ހުއްޓާ ނެގި ފޮޓޯތައްވެސް ދެއްކިއެވެ. ހައިކަލްގެ ހިތް އިތުރަށް ގޯސްކުރުވިއެވެ. ހައިކަލް ދެކުނު ހުރިހާ ހުވަފެންތައް ވިއްސިވިހާލިވެ ސަލްވާއަށް ކުރެވުނު އިތުބާރު ގެއްލުނެވެ. ސަލްވާ ކެމީލާ އަދި ރައުދާގެ ހުރީ ކޮންތަފާތެއް ހެއްޔެވެ؟ ހުރިހާ އަންހެނުންނަކީވެސް މަކަރުވެރިންނެވެ.

ވިޝާމްގެ މަންމަ ފާގިޔާގެ ރަށަށް ދިޔަ ދަތުރުގައި ފްލައިޓްގައި ދެމީހުން ތިބީ ޖެހިޖެހިގެން ހުރި ސީޓުގައެވެ. އެހާ ކައިރީގައި ތިބެންޖެހުމުން ވިޝާމްގެ ހިތުގައި އިތުރަށް ރިހުން ނޫންކަމެއްނުވިއެވެ. ކައިރީގައި އެހެނަސް އެންމެ ދުރުގައެވެ. ދުވަހަކުވެސް އަތްނުލެވޭނެކަމަށް ސަލްވާ ބުނެފައިވަނީ ސާބިތުކަމާއިއެކީގައެވެ. ދެމީހުންގެ ވާހަކަ އެކައްޗަކަށްވި އިރެއްވެސް އައެވެ. ނަމަވެސް މިހާރު ދެ މަންޒިލް ނޫންހެއްޔެވެ؟ ސަލްވާއަށްޓަކާ އެހިތުގައިވާ ލޯތްބަށް އަދިވެސް އެއްވެސް ބަދަލެއްނާދެއެވެ. އަމިއްލަ ނަފުސަށްވުރެ އޭނަ ސަލްވާއަށް އަޅައިލިއެވެ. ލޯބިވިއެވެ. ބަދަލުގައި އެއްޗެއް ލިބޭނެކަމުގެ އުއްމީދު މިއަދު ގެއްލިފައިވީނަމަވެސް އަދިވެސް މިހިރީ ސަލްވާގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއްކުރާށެވެ.

ވިޝާމްގެ މަންމަ ފާގިޔާ އުޅުނީ ކުޑަ ކުޑަ ޖިފުޓިއެއްކަހަލަ ތަނެއްގައެވެ. ގެ ކުރިމަތީގައި ހުރި ތަންކޮޅުގައި މާ މެލާ މެލި އަޅާފައިވާ ގަސްތަކުގެ އިތުރުން ތަރުކާރީ އާއި މޭވާވެސް ހައްދާފައި ހުރުމުން މަންމައަކީ ގަސް އިންދުމަށް ފޯރި ހުރިމީހެއްކަން ވިޝާމްއަށް އެނގުނެވެ. ފާގިޔާ ކާށިހެހެން ހުރެފަ ބަލައިލީ ބީރައްޓެހިކަމުގެ ނަޒަރަކުންނެވެ. އެދެލޯ ފެނުމާއިއެކު ސަލްވާއަށް ހީވީ ވިޝާމްގެ ލޮލަށް ބަލައިލެވުނުހެންނެވެ. ކޮންފަދަ ރީތި ދިގު އެސްފިޔަތަކެއް ހެއްޔެވެ؟ ފާގިޔާ ދުވަހަކު ނުދެކޭ ޒުވާން ދެކުދިން ފެނުމުން އަތްދޮވެލައިގެން އައިސް ހުއްޓުނުގޮތަށް އެއްޗެކޭ ނުބުނެ ބަލަން ހުރީއެވެ.

"މަންމާ...." ވިޝާމް ގޮވައިލިއެވެ. ފާގިޔާ ޖަވާބެއްނުދީ ހައިރާންކަމާއިއެކު ވިޝާމްގެ މޫނަށް ބަލަން ހުރީ އިތުރު ތަފުސީލަކަށް ބޭނުންވެފައެވެ. އެދެލޮލުގައިވީ އެތައް ސުވާލުމާކުތަކެވެ. ވިޝާމް ކުރިއަށް ޖެހިލާ މަންމަގެ އަތުގައި ހިފައިލިއެވެ. ލަސްލަހުން ވާހަކަ ނުދައްކާ ކުއްލިއަކަށް ބުނެފިއްޔާ މަންމަ އަނބުރައިގެންފާނެއެވެ. ވިޝާމް ވާހަކަ ފެށީ ދުރުދުރުންނެވެ. ވިޝާމް އޭނަގެ ބައްޕަގެ ފަރާތުން އިވުނު ވާހަކަތައް ކިޔާދީފައި ރޯޒްމެހެލްގައި މަންމަ އުޅުނު ކޮޓަރިއަށްވަން ވާހަކައާއި އެބިއްގަނޑުން ވިޝާމްގެ ނަން ފެނުނު ވާހަކަ އިވުމާއިއެކު އެނިކަމެތި މަންމަގެ ހިތަށްވެސް ބަރުދާސްތު ނުކުރެވޭވަރުވިއެވެ. ދަރިފުޅު މަރުވިކަމަށްބުނެ އޭނައަށް އޮޅުވާލާފައިވާތީ އެހިތް ޝަކުވާއިން ފުރުނެވެ. ފާގިޔާގެ ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް ނުފިހެއްޓުނެވެ. ދަރިފުޅު ޒުވާނަކަށް ވެފައި ހުއްޓާ ފެނުނުކަމާއިމެދުވެސް ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. މާ ބޮޑު އެއްޗަކަށް އުއްމީދުނުކޮށް ދުވަހުން ދުވަހަށް ދުނިޔޭގައި އުޅެމުން ދިޔަ ފާގިޔާގެ ދުނިޔެ މިއަދު ފުރިހަމަވެއްޖެއެވެ.

މަދުމީސްކޮޅެއް އުޅޭ އަމާން ރަށެއްކަމުން ފާގިޔާއަށް ރަށުގެ ފިރިހެންވެރިންގެ ފަރާތުން އެއްވެސް ދުއްތުރާއެއް ކުރިމަތިވެފައެއްނުވެއެވެ. އަވަށްޓެރިއަކަށް ތިބީ މަސްވެރި އާއިލާއެއްކަމުން ކޮންމެ ދުވަހަކު އެގެއިން ރޯމަސް ފޮނުވާދެއެވެ. ފާގިޔާ އުޅެނީ އެރަށު ސްކޫލްގެ މަސައްކަތުމީހަކަށް ކަމުގައިވުމުން އެކަށީގެންވާ މުސާރައެއް ލިބެއެވެ. ކުރީކޮޅު ބާކީވެފައި ވިޔަސް އޭނަގެ ބުރަ މަސައްކަތުންވަނީ ރަށުމީހުންގެ ގަދަރު ހޯދާފައެވެ. މަންމަގެ ވާހަކަތައް އަހާފައި ވިޝާމްގެ ހިތަށް އަސަރުކުރިއެވެ. އޭނަގެ މަންމަ ބުރަ މަސައްކަތްކޮށްގެން އެހެން މީހުންގެ ނޯކިރީކަމުގައި ހާދަ ޒަމާނެއްވާންދެން އުޅެފިއެވެ. އިރާދަކުރެއްވިއްޔާ ދެން މަންމަ މަސައްކަތްކުރާކަށް އޭނަ ނުޖައްސާނެއެވެ. މިއީ އޭނަގެ މަންމައެވެ. އޭނަގެ ކުޑަކުޑަދުނިޔޭގެ ރާނީއެވެ. ވިޝާމް ކޮންމެވެސް ވަރަކަށް ސަލްވާގެ ހާލު ކިޔައިދިނުމުން ފާގިޔާ ބުނީ ބޭނުންހާ ދުވަހަކަށް ސަލްވާއަށް އެގޭގައި ހުރެވޭނެކަމުގައެވެ.

ވިޝާމް އެރަށު ސިއްހީ މަރުކަޒުން ވަޒީފާއަކަށް ސިޓީލިޔަސް އެތަނުގައި ޑޮކްޓަރަކު ހުރުމުން އެކަން ހަމަޖެހޭނެ އަލިމަގެއް ނުފެނުނެވެ. ވިޝާމްއަކަށް މަންމައާއި ސަލްވާ އެކަނި ދޫކޮށްލާފައި ދުރަށްދާކަށްވެސް ނުކެރޭނެއެވެ. ނަމަވެސް އޭނަ މަސައްކަތެއްކުރަން ކޮންމެހެންވެސް ޖެހޭތީ މަހަށްދާންފެށިއެވެ. އެއީ މަޖާކަމަކަށްވެސް ވިއެވެ. ފަރުމަސްޖަހައިގެން ކައިރީގައި ހުންނަ ރަށްރަށަށް ވިއްކުމުން ކޮންމެވެސް ވަރަކަށް ފައިސާލިބި އުޅެވޭވަރުވިއެވެ. އެވަރުންވެސް އޭނައަށް ސަލްވާއާއި މަންމަ އުފަލުގައި ނުގެންގުޅެވޭނެކަން އެނގިގެން އިތުރު މަސައްކަތެއްކޮށް އޮންލައިން ވިޔަފާރިއެއްވެސް ފެށިއެވެ. އޭރު ވިޝާމްގެ އުއްމީދަކީ ސަލްވާގެ ހިތުގައި އޭނައަށްޓަކާ ކޮންމެވެސް މަގާމެއްލިބުމަށެވެ. ހައިކަލްގެ ފަރާތުން ވަރި ނެގިދާނެ ނޫންހެއްޔެވެ؟ ދުނިޔެ އުޅުމަށް އޭނައަށް ހިތްވަރު ލިބުނީ އެ އުއްމީދުންނެވެ. އުއްމީދުގެ ދާވަނިފަށުގައި ހިފަހައްޓާފައި ހުރިކަމުންނެވެ.

ދުވަސްކޮޅެއް ނުވެ ސަލްވާ ވަރުބަލިވެ ހެދުނު ހޮޑުލަވާގޮތްވާންފެށިއެވެ. ތެދުވާނެ ވަރެއްވެސް ނުހުރެއެވެ. ސަލްވާއަށް ވިސްނުނު އެއްޗަކުން އޭނަގެ ހިތުގައި މަސްހުނި ޖަޒުބާތުތައް ހިލުނެވެ. ހައިކަލްއާއި ވަކިވިނަމަވެސް އޭނަގެ ކައިރީގައި ހައިކަލްގެ ނިޝާނެއް ވުމަށް އޭނަ ކުރި އުއްމީދާއި ދުޢާ އިޖާބަވީކަން ނޭގެއެވެ.

"އަލްހަމްދުލިﷲ........" ސަލްވާގެ ލޮލުން ކަރުނަ ފާއްދާލުމައިއެކު ހެވުނެވެ.

ސަލްވާ އެކަން ޔަގީންކުރަންވެގެން ސިއްހީމަރުކަޒަށް ގޮސް ޓެސްޓްހެދިއިރު ބަނޑުބޮޑުކަން އެނގުމުން ސަލްވާ އެތައްފަހަރު ޝުކުރުވެރިވިއެވެ. ގެއަށް އައިމަގުމަތީގައި މޮޔައެއްފަދައިން ހެވުނެވެ. މޫނު ބުރުގާ އަޅައިގެން ހުރުމުން ރަށުމީހުންނަށް އޭނަގެ ސޫރަ ނުވެސް ފެންނާނެއެވެ. އެއްވެސް މީހަކު ބެހި ގޯނާކޮށެއް ނަހަދައެވެ. މިނިވަންކޮށް އުޅުމުގެ ފުރުސަތު ސަލްވާއަށް ކިތަންމެހާ ވަރަކަށްވެސް ލިބިފައިވިއެވެ. ނަމަވެސް އަންހެންކުދިން މިގޮތަށް އުޅުމަކީ އެއްގޮތަކަށްވެސް ހުއްދަކަމެއް ނޫނެވެ. މިއީ ދީނީގޮތުން އުޅެންޖެހޭނެ ގޮތެއްނޫންކަމަށް އޭނަގެ އަމިއްލަ ނަފުސް ވިސްނައިދީ އެކަން ރަގަޅުކުރަން ބާރުއަޅައެވެ. އޭނަގެ ބައްޕައާއި ފިރިމީހާއަށް ފިލައިގެން މިހެން އުޅުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. ނަމަވެސް ހައިކަލްގެ ވާހަކަތައް ހަދާންވުމާއިއެކު ސަލްވާގެ ކުށްވެރި އިހުސާސްތައް ފަނޑުވިއެވެ. ގެއަށް ވަނުމާއިއެކު އޭނަ ޝުކުރުގެ ސަޖިދައެއްޖެހިއެވެ. އެތައް ފަހަރު ހަމްދުކުރިއެވެ. މެހެރީނާމެން ބޭނުންވާގޮތަށް ނުވެ ބައެއްފަހަރު ތަގުދީރު އަދި އެހެން ޕްލޭނެއްވެސް ކޮށްފާނެއެވެ. ނަމަވެސް ކުރީފަހަރުވެސް ދަރިފުޅު ބައިގެން ދިޔަ ހަދާންވެފައި ސަލްވާގެ ހިތަށް ލިބުނު އުފާވެރިކަން ނެތި ބިރުވެރިކަމުގެ ރާޅުތައް ނާރުތަކުގައި ދުވަންފެށިއެވެ. ޖަޒުބާތުގެ ސަބަބުން އެތައް އިރެއްވާންދެން ނުތެދުވެ ރޯންއޮތްތަން ފާގިޔާއަށް ފެނި ވީގޮތް އޮޅުން ފިލުވަން އެހިއެވެ.

"ޓެސްޓްހެދިއިރު ޕްރެގްކަމަށް ދެއްކީ...." ސަލްވާ ހީލިއެވެ.

"ވީއިރު ވީހާވެސް ގިނައިން އަރާމުކޮށް ރަގަޅު ކާއެއްޗެހިކާންވާނެ. އަންނާނަން ކުރުނބާ ގަނެލައިގެން...." ފާގިޔާ އުފާވިވަރުން އަޑުވެސް ތުރުތުރުލިއެވެ. އެހެންމީހެއްގެ ދަރިއެއް ނަމަވެސް އޭނައަށް އެދަރިފުޅު މާމަކިޔާފާނެ ނޫންހެއްޔެވެ؟ އޭނަގެ އުއްމީދަކީވެސް ސަލްވާ ވިހައިގެން ވިޝާމްއާއި ކައިވެނިކުރުމެވެ. މިހާ ރަގަޅު ޅީދަރިއެއް ލިބިއްޖެއްޔާ ކޮންފަދަ އުފަލެއްހެއްޔެވެ؟

ފާގިޔާ ކުރިއަށް ވުރެ ބޮޑަށް ސަލްވާއާއި އަޅާލާ އެހީތެރިވާންފެށިއެވެ. ކެވޭނެހެން ހީވާ ކޮންމެ އެއްޗެއް ގެނެސްދޭން ފާގިޔާ ހުންނަނީ އަތުކުރި އޮޅާލާފައެވެ. ފެންވަރަން ގިފިލިއަށް ވަންނަންވާއިރަށް ޓައްޕަކަށް ފެންއަޅާ ފުރާލާފައި ބަހައްޓައެވެ. ސަލްވާއަށް ރާއްޖެތެރޭގެ ސާދާ ސީދާ ދިރިއުޅުން އޮމާންވެފައި އުފާވެރިކަން ކުޑައެއްނޫނެވެ. ދުނިޔޭގެ ދެކުލަ ފެނުމަކީ ތަޖުރިބާއެކެވެ. އިއްޒަތާއި މަތިވެރިކަމުގައި އޭނަ ރަނިކަން ކުރި ދުވަހެއްވެސް އައެވެ. އޭރު ލިބުނީ ހިތާމައެވެ. ހިތްދަތިކަމެވެ. ހިތާމައަކީ ވިޝާމްގެ ބަދަލުގައި މުއްސަދި ފިރިހެނަކު ދެކެ އޭނަގެ ބަސްނާހާހިތް ލޯބިވީތީއެވެ. އަދިވެސް އެހިތުގައި ހަމައެކަނި ހައިކަލްގެ ނަން ވާތީއެވެ. ހައިކަލްއަށް ހުރިހާކަމެއް ފޮރުވިޔަސް އޭނަ ދަރިފުޅުގެ ވާހަކަ އަންގާނެއެވެ.

ސަލްވާ ހައިކަލްއަށް މެސެޖްކުރިއެވެ. ކުރު މެސެޖެކެވެ.

(ނުނިމޭ)

infinity loading...
×
DB released 01.