ޓްރަމްޕާއި ކިމް އަމަލު ކުރައްވަނީ ސްކޫލް ކުދިން ގޮތަށް: ރަޝިއާ

ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޮވް ވަނީ އެމެރިކާގެ ރައީސާއި އުތުރު ކޮރެއާގެ ލީޑަރަށް ފާޑު ވިދާޅުވެފަ -- ފޮޓޯ: އީޕީއޭ

މޮސްކޯ (ސެޕްޓެމްބަރު 23): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަމަލު ކުރައްވަމުން ގެންދަވަނީ ޕްރީ ސްކޫލަށްދާ އުމުރުގެ ކުދިން ގޮތަށް ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޮވް ވިދާޅުވެއްޖެ އެވެ.

ލަވްރޮވް އެފަދައިން ވިދާޅުވީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޓްރަމްޕާއި ކިމް ބަހުގެ ހަމަލާތައް ބަދަލު ކުރެއްވި ފަހުންނެވެ. އެގޮތުން އެމެރިކާ އިން އުތުރު ކޮރެއާ ނައްތާލަން ތައްޔާރަށް އޮތް ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ކިމް ވަނީ ޓްރަމްޕަކީ 'ސިކުނޑި ހަމަނުޖެހޭ' ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.

އަދި އެއަށް ރައްދު ދެއްވަމުން ޓްރަމްޕް ވެސް ވަނީ ކިމް އަކީ ގައުމުގެ ރައްޔިތުން ބަނޑަށް ޖައްސައި، މަރަން ފަސްނުޖެހޭ 'މޮޔަ' ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ސަބަބުން ލަވްރޮވް ވަނީ އެއީ ޕްރީސްކޫލުގައި ކުޑަކުދިން ތަޅާފޮޅާ ގޮތް ކަމަށާއި، އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރަންވީ އދ.ގެ ސަލާމަތީ މަޖިލީހުން ކަނޑައަޅާ ސިޔާސީ މަރުހަލާތަކުގެ ދަށުން، ޗައިނާއާ ގުޅިގެން ކަމަށް ވިދާޅުވެފަ އެވެ. އަދި އުތުރު ކޮރެއާ އިން ހަތިޔާރު ޓެސްޓު ކުރާ އިރު ހަނު ތިބުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވި ނަމަވެސް އެ ގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަކީ ވެސް ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އުތުރު ކޮރެއާއަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރާ އެކު ރައީސް ޓްރަމްޕް އދ.ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަގުރީރާ ގުޅިގެން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ ލީޑަރު ކިމްގެ ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި ވަނީ އުތުރު ކޮރެއާގެ އަގު ވެއްޓޭ ގޮތަށް ޓްރަމްޕް ވާހަކަ ދެއްކެވި ކަމަށާއި އެމެރިކާއަށް އޭގެ ބަދަލު ދޭނެ ކަމަށް ބުނެފަ އެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލަ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެއީ އެގައުމުގެ ލީޑަރަކު ބޭރު ގައުމަކަށް ސީދާ މެސެޖެއް ފޮނުވި ފުރަތަމަ ފަހަރެވެ. އަދި އޭގެއިން މައްސަލައިގެ ސީރިއަސްކަން ހާމަވާ ކަމަށް މާހިރުން ވިދާޅުވި އެވެ. (ބީބީސީ)

comment ކޮމެންޓް