ހާލުގައި ޖެހުނު ދުވަހު ވެސް ބަދަލު ނުވި ހިޖާބު، ރިވެތި މިސާލެއް!

ރޮހިންގާ މުސްލިމުން- ހާލުގައި ޖެހުނު ދުވަހުވެސް އެމީހުންގެ ރިވެތި ސިފަތައް ދޫނުކޮށްލާ--ސަން ފޮޓޯ/ ހުސައިން ހަސަން

(ކޮކްސް ބާޒާރު، ބަނގުލަދޭޝް)- އިސްލާމް ދީނުގެ އުސޫލުތަކަކީ އެންމެ މަތިވެރި އުސޫލުތަކެވެ. އެދީން އަހަރަމެންނަށް ދަސްކޮށްދެނީ މަތިވެރި އަހުލާގެވެ. ގައިން ތާހިރުވުމުން ފެށިގެން ގޮސް ހެދުން އެޅުން ހުންނަން ވާނެ ގޮތްވެސް ވަނީ އެދީނުގައި އަންގަވާފައިވެ އެވެ. އަދި އިންސާނުން ދުނިޔޭގައި އުޅެންވީ އެންމެ ރަނގަޅު ގޮތް ވަނީ ދީނުގައި އުނގަންނައިދީފަ އެވެ.

ފަހަކަށް އައިސް އަޅުގަނޑުމެން ރާއްޖެ ވެސް ހިމެނޭ ގޮތަށް، ދީނުގައި އަންގަވާފައިވާ ގޮތަށް ހެދުން އެޅުމާއި، އަޚްލާގީ ރިވެތި އުސޫލުތައް ބެހެއްޓުމަކީ، "ކަޑަ" ކަމަކަށް ވަނީ ވެފަ އެވެ. އެމީހަކު އެމީހަކު ބޭނުން ގޮތަކަށް ހެދުން އަޅަނީ އެވެ. ތިމާއަށް ލިބިފައިވާ މިނިވަންކަމުގެ ނަމުގައި ހިތަށް އެރިގޮތަކަށް ހެދުން އަޅަނީ އެވެ.

ބަންގާޅު ސަރަހައްދުގެ އެންމެ ދުރަށް މިޔަންމާ ބޯޑަރާއި ކައިރީގައި އޮންނަ މަސްވެރި ސަރަހައްދެއް ކަމަށްވާ ޝަދިއްޕަރު ސަރަހައްދުގައި ތިބި ބައެއް ރޮހިންގާ އަންހެނުން---ސަން ފޮޓޯ

މިފަދަ މުޖްތަމައުއެއްގައި އުޅުމަށް ފަހު ރޮހިންގާ މުސްލިމުންގެ ހާލަތު ދިވެހިންނާ ހަމައަށް ގެނައުމަށް ބަންގާޅަށް މިކުރި ދަތުރުގައި އެ މުސްލިމުންގެ ފަރާތުން ވަނީ ތަފާތު ކަމެއް ފާހަގަވެފަ އެވެ. ހާލުގައި ޖެހުނު ދުވަހު ވެސް އެމީހުން ވަނީ އިސްލާމީ ރިވެތި އުސޫލު ހިފަހައްޓައިފަ އެވެ. އެމީހުން ވަނީ އެ ރިވެތި އަހުލާގުގެ މަތީގައި ދީނުގައި އަންގަވާފައި އޮތް ގޮތަށް އެކަން ހިފަހެއްޓޭތޯ މަސައްކަތް ކޮށްފަ އެވެ.

ޓެކްނަފް ސަރަހައްދަށް ރޮހިންގާ މުސްލިމުން ބަނދަރު ކުރާތަނަށް ދެ ފަހަރަކު ދާން ފުރުޞަތު ލިބުނެވެ. އެ ދެފަހަރު ވެސް އެތައް ސަތޭކަ ބަޔަކު ބަންގާޅަށް އެތެރެވި މަންޒަރު ދެލޮލުން ދުށީމެވެ. އެމީހުންގެ ތެރޭގައި އެތައް ބައިވަރު އަންހެން ކަނބަލުން ތިބި އިރު އެމީހުން ތިބީ އިސްލާމީ ރިވެތި އުސޫލުން ނިވާވެފަ އެވެ. ހާލުގައި ޖެހުނު ދުވަހު ވެސް އެ އުސޫލަށް ބަދަލެއް ނާދެ އެވެ. އެމީހުންގެ ތުއްތު ޅަދަރީނގެ އުނު އޮރިޔާން ނިވާކޮށްލާނެ ފަދަ ނެތް ނަމަވެސް އެމީހުންގެ ސަގާފަތަށް ގައްދާރުވާން އެމީހުން ބޭނުމެއް ނުވެ އެވެ.

ރޮހިންގާ މުސްލިމު އަންނެހުންތަކެއް އިށިންދެލައިގެން--އެމީހުން އަދިވެސް ތިބީ ކާބަފައިންގެ އުސޫލުތަކުގެ މަތީގައި--ސަން ފޮޓޯ/ ހުސައިން ހަަސަން

"މިހެންވެ އެމީހުން އަހަރަމެން އެތަނުން ބޭރުކޮށްލީ. އަހަރަމެން ބޭނުމެއް ނޫން ކާބަފައިންގެ އުސޫލު ދޫކޮށްލާކަށް. އަހަރަމެންގެ މައިންވަތަވެފައިން ތިބީ މިހެން. އަހަރަމެން ވެސް ތިބޭނީ މިހެން. މި ބުރުގާއާއި މި ހިޖާބެއް ދުލެއް ނުކުރާނަން. އިސްލާމީ އުސޫލު ދުލެއް ނުކޮށްލެވޭނެ،" ކުޑަ ކުއްޖަކު ކިހިލި ޖަހައިގެން ހުރި ހަރު އުމުރުގެ އަންހެނަކު ބުންޏެވެ.

ޓެކްނަފް ސަރަހައްދުން ދިމާވި ބައެއް އަންހެނުންނާ ސަލާންކޮށްލަން އަތް ދިއްކޮލުމުން އެކަމަށް ބައެއް އަންހެންވެރިން އުޒުރުވެރިވި އެވެ. ސަބަބަކީ އަޅުގަނޑަކީ ހިލޭ ފިރިހެނަކަށް ވުމެވެ. އެމީހުނަށް އެފަދަ ކުދިކުދި އުސޫލުތައް ވެސް އިއްޔެ ވެސް މިއަދު ވެސް މުހިއްމެވެ. ކެމެރާއިން ފޮޓޯއެއް ނަގަން ލެންސް ދިއްކޮށްލާއިރަށް އެމީހުން ބޯ ނިވާކުރެ އެވެ. އެ ހާލުގައި ވެސް އެމީހުންގެ އުސޫލުތައް އެމީހުން ބެލި އެވެ.

ރޮހިންގާ މުސްލިމު އަންހެނަކު އޭނާގެ ދަރިފުޅު ގޮވައިގެން--ސަން ފޮޓޯ/ ހުސައިން ހަސަން

"މިއީ އަހަރެމެންނަށް ދަސްވެފައި އޮތް ދީނުގައި އޮންނަ ގޮތް. އަހަރެމެންގެ ސަގާފަތް. މިއަށް ބަދަލެއް ނުގެނެވޭނެ،" ކުތުންޕަލަންގް ކޭމްޕްގައި އިން އަންހެނަކު ބުނީ މިހެންނެވެ.

ރޮހިންގާ މުސްލިމުންނާ ދިމާވެ ބަދަލުވެ، ދެއްކި ވާހަކަތަކުގެ ތެރޭގައި، އެމީހުން ކަންބޮޑުވާ އެންމެ ބޮޑު އެއް ކަމަކީ ނަމާދުކޮށް އަޅުކަން ކުރެވޭނެ ފަސޭހަ ގޮތެއް ގާއިމު ވެފައި ނެތުމެވެ. ކޭމްޕް ސަރަހައްދުގައި ބައެއް މިސްކިތްތައް ހުރި ނަމަވެސް އެމީހުނަށް އެހާ ދުރަށް ހިނގުމަކީ ބޮޑު ތަކުލީފަކަށް ވެގެންދާ ކަމަށް ބުނެ އެވެ. އަދި ބަންގާޅުގައި އެމީހުން ތިބޭ ސަރަހައްދުން ނުކުތުން ވެސް އޮންނަނީ މަނާކޮށްފަ އެވެ.

އަމިއްލައަށް އަޅައިގެން، މިހާރު އެމީހުން ދިރިއުޅެމުންދާ ޖިފުޓިތަކުގެ އިސްކޮޅުގައި ހަތަރުފޫޓު ކިރިޔާ ހަމަވާ އިރު އެތަނުގައި ނަމާދު ކުރުމަކީ ވެސް އެންމެ ފަސޭހަ ގޮތެއް ނޫންކަމަށް އެމީހުން ބުނެ އެވެ. ސަބަބަކީ ބިން ނަޖިސްވުމާއި ސާފު ފެން ނުލިބުމެ އެވެ. ނަމަވެސް އެ ހުރިހާ ކަމެއް އެގޮތަށް ހުރި ކަމުގައިވީ ނަމަވެސް އަޅުކަމުގައި އެމީހުން ވަގުތު ހޭދަކުރެ އެވެ.

ހާލުގައި ޖެހި އަމިއްލަ ވަތަނުން ބޭރުކޮށްލާފައިވާ އެ މުސްލިމުން އަޅުގަނޑުމެން ކޮންމެ މީހަކާ ވެސް ބައްދަލު ކުރަނީ އިސްލާމީ ރިވެތި ސަލާމާ އެކު އެވެ. އަދި ކޭމްޕް ސަރަހައްދަށް އެތައް ސަތޭކަ ބަޔަކު ދަތުރު ކުރާއިރު ހައި ހޫނު ކަންމަތީ ތިބޭ އެ މުސްލިމުން އެފަދަ މީހުންގެ ގަޔަށް ބޮލަށް އަރާތަނެއް ނުދެކެމެވެ. ފޭރެން މަަސައްކަތް ކުރާތަނެއް ވެސް ނުދެކެމެވެ.

ރޮހިންގާ މުސްލިމު އަންހެނަކު އޭނާގެ ކުޑަ ދަރިފުޅު އުރައިގެން--ސަން ފޮޓޯ/ ހުސައިން ހަސަން

މިޔަންމާއިން ބަންގާޅަށް އެތެރެވި އިރު ލައިގެން ތިބި ހެދުމާ އެކު ވެސް އެމީހުން ތިބީ އިސްލާމީ އުސޫލުތަކުގަ އެވެ. މޫނު ނިވާކޮށްގެން ތިބި މީހުން ކޮންމެ ހާލެއްގައި ހިޖާބު ހުރި ނަމަވެސް ތިބީ މޫނު ނިވާކޮށްގެންނެވެ. ބުރުގާ އަޅާމީހުން ފޮތިކޮޅަކުން ނަމަވެސް ބޯ ނިވާކޮށްގެންނެވެ. މިއީ މިފަދަ ޒަމާނެއްގައި ނުފެންނާނެ ހިތްގައިމު އަދި ހިތަށް ތަސައްލީ ގެނުވާ ކަމެކެވެ.

"އަހަރަމެން ބަންގާޅަށް އެތެރެވި އިރު އެންމެ ބޮޑު ހިތް ހަމަޖެހުމަކީ އެމީހުންނަކީ މުސްލިމުންނަށް ވުން. މިތާ ރައްޔިތުން ވަރަަށް ރަނގަޅު. އަހަރަމެންނަށް އަޅާލައި ވީ ވަރަކުން އެހީތެރިވެދޭ،" އާދިއްތަ ދުވަހު ބަންގާޅަށް އެތެރެވި މުސްލިމު އަންހެންނަކު ކިޔައިދިނެވެ.

މިޔަންމާގެ ސިފައިން ހިންގަމުންދާ ޓެރަރިޒަމްގެ އަމަލުތަކަށް ކެތް ނުކުރެވިގެން އަވައްޓެރި ބަންގާޅަށް އެތައް ލައްކަ ރޮހިންގާ މުސްލިމުން ދަތުރު ކުރަމުންދާތާ ދުވަސް ތަކެއްވެއްޖެ އެވެ. މިވަގުތު އެ ގައުމުގައި ތިބި ރޮހިންގާ މުސްލިމުންގެ ސީދާ އަދަދު ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ހާމަ ކޮށްފައި ނުވިނަމަވެސް ފަސް ލައްކަ އަށް ވުރެ ގިނަ މީހުން އެގައުމަށް އެތެރެވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.

މިވަގުތު ބަންގާޅަށް އެތެރެވެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަނިޔާވެރިކަމާ އެކު ނަސްލު ނައްތާލުމުގެ މަސައްކަތް މިޔަންމާސިފައިން ކުރަމުންދާ އިރު އެ ގައުމުގެ ގިނަ އަދެއްގެ ފިރިހެނުން މިހާރު ވެސް ވަނީ ގަތުލުކޮށްފަ އެވެ.

comment ކޮމެންޓް