ޝޮމީލާ އަކީ އުމުރުން 10 އަހަރުގައި ކައިވެނިކޮށް ދިރިއުޅުމެއް ފަށާފައިވާ އަންހެން ކުއްޖެކެވެ. ރާކިން ސިޓީގައި ރޮހިންގާ މުސްލިމުންނަށް ކައިވެނި ކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް އޭނާ ގުޅުނީ އޭނާ އަށް ވުރެ ހަ އަހަރު ދޮށީ މީހަކާ އެވެ.
މުޅި ދުނިޔެއާ ވެސް އެކެހެރިކޮށްލާފައިވާ ރާކިން ސިޓީގައި އެތައް ބައިވަރު ލާއިންސާނީ ޖަރީމާތައް ހިންގި އިރު އޭނާގެ އެންމެ ޅަ ދުވަސް ވަރު ހޭދަވީ އެ އަނިޔާގަ އެވެ. އުމުރުން 15 އަހަރުވީ އިރު އެ ގައުމުގެ ސިފައިން ހިންގި އެތައް ބައިވަރު ލާއިންސާނީ އަމަލުތަކަކަށް އޭނާ ހެކިވި އެވެ. ބަޑި ޖަހާ މަރާލި އޭނާގެ ދޮށީ ބޭބެ ވަޒަން އެރުމާ އެކު ވެއްޓުނީ އޭނާގެ ފައިބުޑަށެވެ. އެ ހަނދާންތަކުން ދުރު ނުވެ އުޅެނިކޮށް އޭނާގެ ފިރިމީހާ ވެސް އެ އަނިޔާގެ ޝިކާރައަކަށްވީ އެވެ.
"ގޭގައި ފިރިމީހާ ހުއްޓައި ސިފައިން އައިސް މި ބުނަނީ ނުކުންނާށޭ. ދެން އޭނާ ގަދަކަމުން ގެންދިޔައީ، އެއަށް ފަހު ހަފުތާއެއްވީ ޢިރު ހަބަރެއް ނުވޭ. އޭގެ ދެ ހަފްތާ ފަހުން ފިރިމީހާ ފެންނަނީ މާރާލާފައި އޮއްވައި،" ފިރިމީހާގެ މަރުގެ ހާދިސާ އަސަރާ އެކު ކިޔައިދެމުން އޭނާ ބުންޏެވެ.
ފިރިމީހާގެ ހަށިގަނޑު ފެނުނު އިރު އޭނާ އަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ފިރިމީހާއާ އެކު އެ އާއިލާގެ އިތުރު މެމްބަރުންތަކެއް ވެސް މަރާލާފައި ވަނިކޮށް ވަނީ ފެނިފަ އެވެ.
ޝޮމިލާ ބުނާ ގޮތުން އޭނާ ހުރީ ދުހަކު ވެސް އެ މީހުން ދިރިއުޅުނު ފަސްގަނޑު ދޫކޮށްލާ ގޮތަކަށް ނޫނެވެ. ނަމަވެސް ބޮލުގައި ބަޑި ޖައްސައި އާއިލާ އެއްކޮށް ނައްތާލުމުން ދަރިފުޅަށް ޓަކައި ހިޖުރަ ކުރަން ޖެހުނީ އެވެ.
އެމީހުންގެ އަނިޔާވެރިކަން ހުރި ވަރު ވިސްނާލާ. މައުސޫމު ކުޑަ ކުދިން ގަޔަށް ބަޑިޖަހައި އެބަ މަރާ. އަހަރެންގެ އަވައްޓެރިއެއްގެ ތުއްތު ތިން ކުދިން މަރާލީ މިޔަންމާ ސިފައިން ގަސްދުގައި. އެކުދިންގެ ގަޔަށް އަމާޒުކޮށްފައި ބަޑިޖެހީ،" ޝޮމީލާ ކިޔައިދިނެވެ.
ޝޮމީލާ ބަންގާލަށް އެތެރެވީ ޖަންގަލި ތެރޭގައި ތިން ދުވަހު ހޭދަ ކުރުމަށް ފަހު އެވެ. އޭނާ ބުނާ ގޮތުން ބޯޑަރު ކައިރި އައްސޭރި ފަށުގައި ވަޅުލާފައި ހުރި މައިންތަކަށް އެރި ބޮޑެތި ޒަހަމްތައް ލިބި މަރުވެފައިވާ މީހުންގެ ހަށިގަނޑު އޭނާ އަށް ފެނުނެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ވެސް ހިމެނޭ ކަމަށް އޭނާ ކިޔައިދިނެވެ.
ޝޮމިލާ ބުނީ އޭނާ ދަރިފުޅު ގޮވައިގެން ބަންގާޅު ބޯޑަރަށް އެތެރަވީ އޭނާ ފަދަ އެކަނިވެރި މަޔަކަށް އެހީއެއް ލިބޭނެ ކަމުގެ އުންމީދުގަގައި ކަމަށެވެ. އަދި އިންސާނުންގެ ފުރާނަ އަށް ހުރުމަތްތެރިކޮށް ނުހިތާ ބަޔަކު އުޅޭ ތާކު މަޑުކުރަން ބޭނުން ނުވީ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަންނަށް އަދި އެންމެ 15 އަހަރު، ކައިރީގައި މި ތިބީ އަހަރެންގެ ދެ ފިރިހެން ކުދިން. މި ކުއްޖާ އަށް ފެނުނު ކަންތައްތައްތަކުގެ ސަބަބުން އެ ހުންނަނީ ގަބު ކައިފައި. "ކައިރީގައި އޭނާގެ ދަރިފުޅު ދައްކާލަމުން ޝޮމީލާ ބުންޏެވެ.
ޝޮމީލާއާ އަޅުގަނޑާ ބައްދަލުވީ އޭނާ ޓެކްނަފް އަށް އެތެރެ ވުމަށް ދިޔަ މަގުމަތީގަ އެވެ. އޭރު އޭނާގެ ދަރިފުޅު ހުސް ފުޅިއެއް ހިފައިގެން ހުރި އިރު އޭނާގެ މުޅިގައިގާ އޮތީ ކިސަޑެވެ. އެ ކުއްޖާއާ ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް އޭނާ ހުރީ އެއަށް ވުރެ ހައި ވެފަ އެވެ. އަނގާގައި އޮތް ފުޅި ނަގާ އިސް އުފުލާ ބަލައިލި އިރު ވެސް އޭނާ ގަނެފައި ހުރި ބިރާއި ވެފައި ހުރި ވަރުބަލިކަން އެނގިގެން ދިޔަ އެވެ.
މާގިނަ ވާހަކަތަކެއް އޭނާއާ ދެއްކޭ ގޮތެއް ނުވި އެވެ. ފުރާވަރުގެ އެ މަންމަ ކުރި ދިގު ދަތުރުގެ ސަބަބުން ވަރުބަލިވެ ކުރިއަށްދާން ބޭނުންވީ އެވެ. ނަމަވެސް އޭނާ މުސްލިމު އުންމަތަށް ވަނީ މެސެޖެއް ދީފަ އެވެ.
"މިއީ އަހަރަމެން ބޭނުންވި ގޮތެއް ނޫން. މި ނޫން ގޮތެއް ނެތީ،" މިހެން ބުނެ ަކައިރީގައި ހުރި އޭނާގެ ލޯބިލޯބި ދަރިފުޅުގޮވައިގެން ހިނގައިގަތެވެ.