ބަންގާޅު ސަރަހައްދުގެ އެންމެ ދުރަށް މިޔަންމާ ބޯޑަރާއި ކައިރީގައި އޮންނަ މަސްވެރި ސަރަހައްދެއް ކަމަށްވާ ޝަދިއްޕަރުދުގައި ދިރިއުޅޭ އުމުރުން 40 އަހަރުގެ ބަޝީރު އަކީ މަސްވެރިއެކެވެ. އެ ސަރަހައްދާ އިންވެގެން އޮންނަ ނަފް ކޯރަކީ އޭނާ ފަރިތަ ކޯރެކެވެ.
މަސްވެރިކަން ކުރުމަށް ނަފް ކޯރުގެ އެކި ހިސާބުތައް އަތް ފުނާ އަޅާތާ 20 އަހަރުވެފައިވާ ބަޝީރާއި ބައްދަލުވެ، އެ ކޯރާ ބެހޭ މައުލޫމާތު ސާފުކޮށްލުމުން އޭނާގެ ދެލޮލޮން ފާއްދަލި ކަރުނަތައް ކޯމައްޗަށް އޮހިގެން ދިޔަ އެވެ. އިރެއްގައި އެ ކޯރަކީ އެމީހުންގެ ރޯދި ކަމުގައިވީ ނަމަވެސް މިހާރު އެކޯރަކީ އެމީހުންނަށް ހިތްދަތި ހަނދާންތަކެއް ކުރުވާތަނަކެވެ.
"އަހަރެން މި ކޯރަށް ގޮސް މަސްވެރިކަން ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ. އެންމެ ކުޑައިރުން ފެށިގެން ވެސް އަހަރެން މި ކޯރަށް އެރި މަސްހިފާ ހަދަން. އޭރު މި ކޯރަކީ އަހަރަމެންނަށް އުފާވެރިކަން ގެނެސްދޭ ވަސީލަތެއް. ނަމަވެސް މިއީ މިހާރު ހިތްދަތި ހަނދާންތަކެއް އެތަނަކާ ގުޅިފައިވާ ތަނެއް،" ބަޝީރު އޭނާގެ ވާހަކަ ފެށީ މިހެންނެވެ.
ނަފް ކޯރު ހުރަސްކޮށް ކޮންމެ ދުވަހު ރޮހިންގާ މުސްލިމުން ބަންގާޅަށް އެތެރެވާއިރު އެމީހުން އައިސް ބަނދަރު ކުރަނީ ބަޝީރުގެ އުފަން ބިމަށެވެ. އެ ތަނަށް ފައިބައި ރޮހިންގާ އަހުންނާ އޭނާ ބައްދަލުކޮށް ވާހަކަ ދައްކާ ހަދަ އެވެ. މުންޑަކާއި ޓީޝާޓެއް ލައިގެން، އޭނާގެ ތިން ކުދިން ގޮވައިގެން ނަފް ކޯރުގެ އައްސޭރީގައި ހުރެ ބަޝީރު ބުނީ ރޮހިންގާ ކުދިން ގެނބިގެން ލައްގާފައި ވަނިކޮށް އޭނާ އަށް އެތައް ފަރަކު ފެނުނު ކަމަށާއި އެ ނިކަމެތި މައުސޫމް ކުދިން އެ ހާލުގައި ތިއްބައި ފެނުމުން ހިތް ފަޅައިގެންދާ ކަމަށެވެ.
"އަހަރެން ދުށިން ކުޑަ ކުދިން ގެނބިގެން މަރުވެ މި ގޮނޑުދޮށަށް ލައްގާފައިވާ ތަން. ވަރަށް ބައިވަރު ކުދިން ފެނޭ. އަހަރެންގެ މިތިބަ ދަރިން ވަރުގެ ކުދިން ވެސް މަރުވެ މި ގޮނޑު ދޮށަށް ލައްގާފައި ވަނިކޮށް ފެނުނު،" އޭނާގެ ކައިރީގައި ތިބި ފަސް ހަ އަހަރުގެ ކުދިންނަށް އިޝާރަތްކޮށް އޭނާގެ އެ ހިތްދަތި ހަނދާންތައް ސަންއާ ހިއްސާ ކުރި އެވެ.
ބަޝީރު ބުނާ ގޮތުން މީގެ ދުވަސް ކޮޅެއް ކުރިން މުސްކުޅިންނާއި ކުޑަކުދިން އަދި އަންހެނުންގެ ގަބުރު އެ ގޮނޑު ދޮށުން ނުފެންނަ ދުވަހެއް ނުދެ އެވެ. ރޮހިންގާ މީހުން ރޭގަނޑުގެ ކަނު އަނދިރީގައި މިޔަންމާ ދޫކޮށް ބަންގާޅަށް އަންނަ އިރު އެ ދަތުރު މަތީގައި ހިނގާ ހާދިޝާތަކުގެ ސަބަބުން ދުވާލުގެ އިރު އެރުމާ އެކު އެ ގޮނޑު ދޮށުން ގަބުރު ފެނުމަކީ އާންމުކަމެކެވެ.
"ދުވަސް ކޮޅެއް ދިޔަ ހަމަ ކޮންމެ ދުވަހަކު ގަބުރު ފެންނަ. އަހަރަމެން ހެނދުނު ގޮނޑު ދޮށަށް ދާއިރު މައުސޫމް ކުދިން މަރުވެގެން ލައްގާފައި އޮންނަ މަންޒަރު ފެނޭ. އެއީ މިހެން ކިޔައިދިނަސް ބަޔާން ނުކޮށްދެވޭ ވަރުގެ ހިތްދަތި މަންޒަރެއް،" ދެލޮލުން އަންނަ މުން ދިޔަ ފެން ފުހެލަމުން ބަޝީރު ބުންޏެވެ.
ބަޝީރުގެ ވާޙަކައިގެ ތެރޭގައި ވިސްނާލަން ޖެހޭ މުހިންމު ވާހަކައެއް ވެސް ބުންޏެވެ. އޭނާ ބުނީ ރޮހިންގާ މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ކަނޑަށް ގެނބިގެން މަރުވަނީ ދޯނިތަކަށް ނުކަތާ ވަރަށް މީހުން އަރުވާތީ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އަބަދު ވެސް އެމީހުން ބަންގާޅު ބޯޑަރަށް ގެންނަ މީހުންނަށް ނަސޭހަތެރިވާ ކަމަށެވެ.
ބަޝީރުގެ ވާހަކަ ނިންމާލާފައި އޭނާ ހިނގައި ގަތީ މުންޑުގައި އެލިގަނެގެން ތިބި އޭނާގެ ތުއްތު ދެ ކުދިން ރޯން ފެށުމުންނެވެ. ދަމުން އަހަރަމެންނަށް ގޮވާލާފައި ބުންޏެވެ. މި ތަނުގައި ދިރިއުޅޭ ކޮންމެ މީހެއްގެ ގާތުގައި ވެސް އަހާށެވެ. ތިޔަ ކޯރަށް ބަލާލިޔަސް އިވޭނީ މަރުވެގެން ދިޔަ ކުދަކުދިން އެހީ ތެރިމަށް އެދި ރޯއަޑެވެ.