ރާއްޖޭގައި ބާއްވާ 13 ވަނަ ހޮޓެލް އޭޝިއާ އެގްޒެބިޝަން 175 ސްޓޯލާއެކު މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި އެ ފެއާ ހުޅުވައި ދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.
ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުނައްވަރު ވިދާޅުވީ، ކާމިޔާބުކަމާއެކީ އެއް އަހަރުން އަނެއް އަހަރަށް އެ ފެއާ ފުރިހަމަ ކަމާއެކީ ކުރިއަށް ގެންދާކަމަކީ ފެއާގެ ކަންތައް އިންތިޒާމްކުރާ ފަރާތްތަކުގެ މަސައްކަތްތަކާއި ބައިވެރިންގެ ބައިވެރިވުން ރަނގަޅުކަން ހާމަވާ ކަމެއް ކަމަށެވެ.
މުނައްވަރު ވިދާޅުވީ އެފަދަ ފެއާ ތަކަކީ ޓޫރިޒަމް ދާއިރާ އާއި ގުޅިފައިވާ ބޭނުންތެރި ފެއާ ތަކެއް ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން އެފަދަ ފެއާތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ އެގްޒިބިޝަން ބާއްވަނީ މޯލްޑިވްސް އެގްޒެބިޝަން އެންޑް ކޮންފަރެންސް ސާވިސް އާއި ބެސްޓްބައި މޯލްޑިވްސް ގުޅިގެންނެވެ.
މިފަހަރުގެ އެގްޒެބިޝަންގައި 35 ގައުމެއްގެ 2000 އަށްވުރެ ގިނަ ބްރޭންޑްގެ އުފެއްދުންތަކާއި ޚިދުމަތްތައް ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާއަށްގެނެސް ދައްކާލާނެ ކަމަށް ބެސްޓްބައި މޯލްޑިވްސްއިން ބުންޏެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ އެ އެގްޒެބިޝަނާ އެކު މި އަހަރުގެ ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖްވެސް ވަނީ ފަށާފައެވެ. އަދި އެ އެގްޒެބިޝަންގެ ތެރެއިން މާސްޓާ ކްލާސްތަކާއި ސެމިނާތައް ކުރިއަށްދާނެ ކަމަށްވެސް ބެސްޓްބައި މޯލްޑިވްސްއިން ބުންޏެވެ.
މިފަހަރުގެ އެގްޒެބިޝަންގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންވަނީ ރާއްޖެ އައިސްފައެވެ. އެފެއާގައި ބައިވެރިވާ މީހުންގެ އަދަދު ގިނަކަމުން މިހާރު މާލޭގެ ހުރިހާ ހޮޓެލްތަކެއްވަނީ ފުރިފައިކަމަށްވެސް ބެސްޓްބައި މޯލްޑިވްސްއިން ބުންޏެވެ.