"އެއީ ވެސް އަނިޔާ، މިއީ ވެސް އަނިޔާ"

ތިން ދަރިން އަދި ފިރިމީހާ މިޔަންމާ އަނިޔާވެރިންގެ ޝިކާރައަކަށްވެފައިވާ ރޮމިދާ ސަންއާ ވާހަކަދައްކަނީ--ސަންފޮޓޯ/ ހުސެއިން ހަސަން

(ކޮކްސް ބާޒާރު، ބަނގުލަދޭޝް)- "އެ ދަރިފުޅުގެ އިއްފަތްތެރިކަން މިޔަންމާ ސިފައިން ނަގާލީ އަހަރެންގެ ކުރިމަތީގައި. އޭނާގެ ބައްޕަ މަރާލިތާ އަދި ނުވާނެ މަސް ދުވަސް. އެވެރިންނަކީ އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނެތް ބައެއް. އަހަރެން ހިތަށް އަރަނީ މިނޫން ގޮތެއް ހަމަ ނެތީބާއޭ،"

އާދިއްތަ ދުވަހު ރޮހިންޔާއިން ޓަކްނަފަށް އެތެރެވި ރޮމިދާ އޭނާގެ އުދާސްތައް ބޭރުކޮށްލީ މިހެންނެވެ. ބަންގާޅަށް އެތެރެވި ގޮތަށް އޭނާ އިނީ ދާނެ ތަނެއް، ހަަދާނެ ގޮތެއް ނޭނގިފަ އެވެ. ދިރިއުޅެން ބިނާ ކުރި ގެއާއި އެއްކުރި މުދާތައް ދޫކޮށް އަންނަން ޖެހުނީ، ދޮށްޓަށް ތިބި ތިން ކުދިން ވެސް ނުލަ އެވެ. ބަންގާޅުގެ ބީރައްޓެހި ކަމާ އެކު އޭނާ އިނީ "ހިތާމައިގެ ކޯރަކަށް" ގެނބިފަ އެވެ.

"ސިފައިން އެއް ދުވަހު އައިސް ފިރިމީހާ ގެންދިޔައީ. މީހުން ބުނޭ އޭނަގެ ބޯ ބުރިކޮށްލީއޭ. އެ ދުވަހަކަށް ފަހު އޭނައެއް ނާދޭ. އެހެން ހުއްޓާ އަހަރެންގެ އަންހެންދަރީގެ އިއްފަތްތެރިކަން ނަގާލީ،" އުމުރުން 38 އަހަރުވެފައިވާ ރޮމިދާ އަސަރާ އެކު ކިޔައިދިނެވެ.

ރޮމިދާ ބަންގާޅަށް އައީ މިޔަންމާ ސިފައިން އޭނާގެ އަންހެން ދަރިފުޅު މަރާލުމަށް ފަހު ދޮށްޓަށް ތިބި ދެ ފިރިހެން ކުދިން ގެންދިޔުމުންނެވެ. އޭނާގެ ހަގަށް ތިބި ދެ ކުދިންނަށް ވެސް އެހެން ހަދާފާނެ ކަމުގެ ބިރަށްޓަކަ އެވެ. ވަލު "ޖަނަވާރުތަކެއް" ފަދައިން ހަމަލާދޭ މިޔަންމާގެ ހަރުކަށި ބުޑިސްޓުންނާއި ސިފައިން ކޮށްފައި ނުކުރާނެ ކަމެއް ނޭނގޭތީ އޭނާ އަވަހަށް ދަރިން ގޮވައިގެން ފިލީ އެވެ.

"އަހަރެން މިއައީ ފިލައިގެން. ކިހިނެއް އެތާ އުޅޭނީ. އެ މީހުން ނުބުނޭ އަހަރަމެންގާތު ވެގެން އުޅޭ ގޮތް ވެސް. ހަމަ އައިސް ނެރެފައި ގެވެސް އަންދާލަނީ،" ރޮމިދާ ބުންޏެވެ.

އޭނާ ކިޔައިދން ގޮތުގައި މިޔަންމާ އިން ދިރިހުރުމަށް އޭނާ ނުކުތް ނަމަވެސް ބަންގާޅުގައި ދިރިހުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ. ހަތް ދުވަހުގެ ދިގު ދަތުރަކަށް ފަހު އޭނާ ބަންގާޅަށް އެތެރެވެ ހޭދަވީ 18 ގަޑިއިރު ތެރޭ ހަރު ކާއެއްޗެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"މިއޮތީ ދަރިފުޅު އޭނާ އެހުރީ ހުސްބަނޑާ. މިތަނަކުން އަހަރަމެންނަކަށް ނުފެނުނު އެހީދޭ ބައެއް. މިތަނަށް އައި ފަހުން ލިބުނީ މިކަހަލަ ޕެކެޓެއް (އޯއާރްއެސް ޕެކެޓް) އަދި އެއްފުޅި ފެން އަހަރަމެން އެންމެންނަށް،"

އިންސާނިއްޔަތުގެ މިންވަރެއް ހޯދުމަށް ރޮމިދާ ކުރަމުންދާ ދަތުރުގައި އޭނާ ވަރުބަލި ވެއްޖެ ކަމަށް އޭނާ ބުނެ އެވެ. އޭނާގެ އާދޭހަކީ އެމީހުންނަށް މާ ބައިވަރު ފައިސާތަކެއް ދިނުމެއް ނޫނެވެ. އިންސާނުންނަށް ވީތީ އިންސާނުންގެ ތެރޭގައި ލިބެންޖެހޭ އިންސާނިއްޔަތުކަން ދިނުމެވެ.

"އަހަރަމެން ބޭނުންވަނީ ސަލާމަތްތެރިކަން. މިތަނަށް މިއައީ ގޮތެެއް ނެތިގެން. ލޮލުގެ ކުރި މަތީގައި އަންހެން ދަރިއަށް އެހެން ހެދި އިރު އަސަރެއް ނުކުރާނެތަ. މިހާރު ހިތަށް އަރަނީ އެއީ ވެސް އަނިޔާއޭ މިއީ ވެސް އަނިޔާއޭ. އުންމީދު މިކުރަނީ ރަނގަޅު ގޮތެއްވޭތޯ،" ރޮމީދާއަށް ވާހަކަ ދެއްކުނީ މިހިސާބަށެވެ. އޭނާގެ އެ ހިތާމަވެރި، ވޭނީ ކެކުޅުންތަކާ އެކު ވަރުބަލިވެ ބަސްހުއްޓުނީ އެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނައާއި އަޅަމުންދިޔަ ވޭނީ އުދާހުގައި އިތުރަށް އެއްޗެކޭބުނެވޭގޮތް ނުވީ އެވެ.

ރޮމިދާ ފަދަ އެތައް ބަޔަކު މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމުގައި ޖެހި ބިކަވެފައި ބަންގާޅުގައި މަގުމަތިވެފައިވާތަން އަޅުގަނޑު ދުށީމެވެ. އެއް ބަޔަކު އެމީހުންގެ ފިރިން ވީ ތަނެއް ނޭނގިގެން އުޅުނު އިރު އަނެއްބަޔަކު ދަރިންތައް ގެއްލިގެން ހޯދަނީ އެވެ. ދެ ކުދިން ގޮވައިގެން ރޮމިދާ އަދި އޭނާގެ އާއިލާ އުހިޔާ ކޭމްޕަށް ދަތުރު ކުރާނެ ކަމަށް ބުނީ މާދަމާ އެވެ.

comment ކޮމެންޓް