ހިތް ކުދިކުދިވެ، ކަރުނަވެސް ނުހިފެހެއްޓުނު

ބަންގުލަދޭޝްގެ ކޮކްސް ބާޒާރު އުހިޔާ ސަރަހައްދުގެ މަގެއްގައި ބަޔަކާއެކު އަންހެނަކު އިށީންދެގެން: އަނިޔާގެ ހަނދާންތަކާ ދުރަށް ނުދެވި، ކުޑަކުދިންނާއި އަންހެނުން ވަނީ ބިއްޖެހިފައި-- ސަން ފޮޓޯ/ ޙުސައިން ޙަސަން

(ކޮކްސް ބާޒާރު، ބަނގުލަދޭޝް) - ދިވެހިންގެ އާބާދީއަށް ވުރެ މިތަނަށް ޖަމާވެފައިވާ ރެފިއުޖީން ގިނަ އެވެ. ބޯ ޖަންގަލީގެ ތެރޭގައި ސާފު ބޯފެނެއް ނުލިބި، އޮނު ދަނޑިތަކެއްގައި ކޮތަޅު އައްސައިގެން ބޯ ހިޔާކޮށްގެން މިތިބީ 400،000 އަށް ވުރެ ގިނަ މީހުންނެވެ.

ސަންގެ ނޫސްވެރިން ބަނގްލަދޭޝަށް މި ފެށި ދަތުރުގައި ރޮހިންގާ މީހުންގެ ކޭމްޕުތަކަށް ކުރި ފުރަތަމަ ދަތުރުގެ މަންޒިލަކީ މިއަންމާ އާއި ބަނގްލަދޭޝާ ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޮކްސް ބާޒާރުގެ އުހިޔާ ސަރަހައްދެވެ. ބިޔަ ގަސްތަކާއި ހާމަކަންބޮޑު ފެހި ބިންތައް އޮންނަ އުހިޔާ ކޭމްޕަށް މިއަދު އަޅުގަނޑުމެން ދިޔައީމެވެ.

ފެނުނީ ދެކެން ބޭނުންވާ މަންޒަރުތަކެއް ނޫނެވެ. އަޑު އިވުނީ ކެތްކުރެވޭވަރުގެ ވާހަކަތަކެއް ނޫނެވެ. ހަސަދައިގެ ނަފުރަތުގައި ހިންގި ގަތުލު އާންމުން ސަލާމަތްވި މީހުން ތިބި ހާލަތު ފެނިފައި ހިތްކުދިކުދިވި އެވެ.

ސިއްހީ ރައްކާތެރިކަން ކަށަވަރުކުރެވިފައެއް ނެތް

  • ބަލިމަޑުކަން ފެތުރިދާނެ ކަމުގެ ބިރު
  • ހަނގުރާމައިގެ ޖަރީމާ ފެނުނު އަންހެނުންނާއި ކުޑަކުދިން ތިބީ ނަފްސާނީ ބަލީގައި ބަނދެވިފައި
  • ތުއްތު ކުދިންނާއެކު ގިނަ ބަޔަކު އަދިވެސް ނިދަނީ ޖަންގަލި ތެރޭގައި

އެތައް ބަޔަކު އެތިބީ އުނުއޮރިޔާން ނުކުރެވޭ ހާލަތުގަ އެވެ. ހާއްސަކޮށް ތުއްތު ކުދިންނެވެ. ބޯހިޔާވަހިކޮށްލާނެ ގޮތެއް ނެތިގެން މަގުތަކުގައި ކާނާއާއެކު ބަރުކޮށްފައިވާ ލޮރީތަކުގެ ދަށުގައި ވެސް އެއްބަޔަކު ނިދާފައި އެބަތިބެވެ. ވަންނާނެ ތަނެއް ނެތިފައެވެ. ގައުމުތަކުން މިތަނަށް ފޮނުވާ ކާނާއަކުން އަދި ފަރުޖެއްސޭކަަށްނެތެވެ. އެ މީހުން އެ ތިބަ ސަރަހައްދުގައި ސިއްހީ ރައްކާތެރިކަމެއް ނެތެވެ.

ރޮހިންގާ މީހުންނަށް އެހީގެ ތަކެތި ބަހަނީ: އެކަށީގެންވާ ވަރަށް އެހީ ލިބެމުންދޭ --- ސަން ފޮޓޯ/ ޙުސައިން ހަސަން

ސަބަބަކީ އެ ތުއްތު ކުދިން ބޮޑުކަމު ދެވެނީ ގަޔަށެވެ. ބޮޑެތި މީހުން ކުޑަކަމުގޮސް، ގަޟާހާޖާ ކުރަނީ ހާމަކަންބޮޑު ޗަކަ ބިމަށެވެ. އުފެދިދާނެ ބަލިމަޑުކަން އިހްސާސުކޮށްލާށެވެ.

ކޭމްޕު ޖަހަން ހާއްސަކޮށްފައިވާ ސަރަހައްދުން ބޭރަށް ރޮހިންގާ މީހުންނަކަށް ނުދެވެ އެވެ. ލީތަލް ހަތިޔާރާއެކު ސިފައިން ދަނީ ޗެކްޕޮއިންޓުތައް ޖަހައިގެން އެ ސަރަހައްދަށް ވަންނަ އުޅަނދުތަކާއި ނުކުންނަ އުޅަނދުތައް ޗެކްކުރަމުންނެވެ.

ނަމަވެސް އެ ކޭމްޕުގެ ތެރޭގައި ސިއްހީ ހާލަތު މެނޭޖު ކުރާނެ އިންތިޒާމުތަކެއް ނެތެވެ. ތުއްތު ކުޑަކުދިން ގައިގެ އެތަން މިތަން ފާރުވެފައިވާ މަންޒަރު ފެންނަން ހުއްޓެވެ. ބޮޑުކަމު ދެވުމުގެ ސަބަބުން ބައެއް ކުދިންގެ ފުރަގަސްފަރާތް ފާރުވެފައި އެބަހުއްޓެވެ. އުނަގަނޑާއި ހަށިގަނޑުގެ އެތަންމިތަނުގައި ބިހި ނަގައި ގައި ހިރުވާތީ ކެހުމުގެ ސަބަބުން ތެޔޮހަން ނެއްޓި ފާރުވެފައި އެބަހުއްޓެވެ.

ގައިން ގަޔަށް އަރާ ބަލިތައް ކޮންޓްރޯލު ކުރުމަށްޓަކައި ބަލިޖެހިފައިވާ މީހުން އެހެންމީހުންނާ އެކަހެރިކޮށް، ފަރުވާ ދޭންޖެހޭ މަރުކަޒުތަކެއް ނެތެވެ. އިންސާނީ ތާރީހުގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ލާއިންސާނީ ގަތުލުއާއްމުގެ މަންޒަރު ފެނުނު އަންހެނުންނާއި ކުޑަކުދިންނަށް ނަފްސާނީ އެހީ ފޯރުކޮށްދޭނެ ގޮތެއް ވެސް ނެތެވެ.

އެ މީހުން ދިރިއުޅޭތަނުގައި ކަރަންޓެއް ނުހުރެ އެވެ. ވަގުތީ ގޮތުން އެސިޑް ބެޓަރި ބޭނުންކުރެ އެވެ. ކަރަންޓު ނެތުމާއެކު އެ މީހުން ވަނީ ޒަރޫރީ މުހުތާދުތައް ނުފުއްދިފަ އެވެ.

ދުވާލުގެ ވަގުތުގައި ރަތް އަވިން ދައްކާ ހޫނުން ތުއްތު ކުދިންގެ ހަންގަނޑު އަނދަމުންދެ އެވެ. ކައްކައި ކައިބޮއި ހަދަނީ ދަނޑިން ކޮޅަށް ޖަހައި ހިޔާކޮށްފައިވާ، ކޭމްޕުތަކުގެ ތެރޭގަ އެވެ.

ސަންގެ ނޫސްވެރިޔާ ޙުސައިން ޙަސަން ރޮހިންގާ އަންހެނަކާ އިންޓަވިއު ކުރަނީ--- ސަން ފޮޓޯ/ މުހައްމަދު ސަމާހު

އަނިޔާގެ އަޑު އިވިފައި ކަރުނަވެސް ނުހިފެހެއްޓުނު

  • މީހުން މެރިތަން ގަސްތުގައި އަންހެނުންނަށް ދެއްކި
  • ބޭނުމަކީ އެނބުރި ބިރުން މިއަންމާއިން ފުރުވާލުން
  • ފިރިން މަރައި، އަނބިންގެ އިފަތްތެރިކަން ފޭރުނު

އެ މީހުންގެ ދިރިއުޅުން ވެއްޓިފައި އެވަނީ ފުންމިން ނޭނގޭ އަނދަވަޅަކަށެވެ. ދީނީ ހަސަދަވެރިކަމުގައި ހިންގި ގަތުލްއާއްމުގައި ތުއްތު ދަރިން އެވަނީ މައިންބަފައިން ގެއްލިފަ އެވެ. ބަފައިންގެ ކުރިމަތީގައި އަނބިންގެ އިއްފަތްތެރިކަން ފޭރި، ތުއްތު ދަރިންގެ ލަގޮނޑިވަޅުން ހަށިގަނޑު އެ ވަނީ ވަކިކޮށްފަ އެވެ. ނަސްލީ ތަފާތުކުރުންތަކުގައި ފެށުނު އަނިޔާވެރިކަން ގޮސް އެ ނިމެނީ ޝަހުވާނީ އެދުންވެރިކަމާ ހަމައިންނެވެ. އެ ބޭނުމަކަށްޓަކައި އެތައް ފިރިހެނުން މަރައި، ގޮތް ހުސްވެފައިވާ އަންހެނުން އެތިބީ ހުވަފަތްވެފަ އެވެ.

އޭގެ ތެރެއިން އެކަކަކީ ދެ ދަރިން ގޮވައިގެން ބަނގުލަދޭޝަށް އެތެރެވި އުމުރުން 30 އަހަރުގެ ރާބިއަހު އެވެ. އޭނާގެ ފިރިމީހާ ވަނީ ގެއްލިފަ އެވެ. އޭނާ ބުނިގޮތުގައި މީހުންގެ ކަރު ބުރިކުރި ކުރީ އޭނާގެ ކުރިމަތީގަ އެވެ. ބަނގުލަދޭޝަށް އެތެރެވާން ދަތުރުފެށީ އެ މަންޒަރު ފެނިފައި އެކަމާ ބިރުން ކަމަށް ރާބިޔާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެ އަމަލު ހިންގީ މިއަންމާގެ އަސްކަރިންއިންނެވެ. ބޭނުމަކީ ދެން ތިބި މީހުންނަށް ބިރު ދައްކައިގެން އެ ގައުމުން ފައްސާލުމެވެ.

ރޮހިންގާ ރެފިއުޖީން ދިރިއުޅޭ ކޭމްޕަކަށް ބަޔަކު ހިނގާފައި ދަނީ--- ސަން ފޮޓޯ/ ޙުސައިން ޙަސަން

އަދިވެސް އެހެން ވާހަކައެކެވެ. އުމުރުން 24 އަހަރުގެ ތުންބުރު ތާނަ އެވެ. އޭނާ ބުނިގޮތުގައި މަތިންދާ ބޯޓުތަކުގައި އެ މީހުން ދިރިއުޅުނު އަވަށަށް ބޮން އެޅި އެވެ. ބަޑީގެ ހަމަލާތަކެއް ވެސް ދިނެވެ. އެ ހަމަލާތަކުގައި 600 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ތުންބުރު ބުންޏެވެ. އެ ހަމަލާތަކަށް ބިރުން އަވަހަށް ފިލި ކަމަށް އޭނާ ބުންޏެވެ. ފިރިމީހާ ވީތަނެއް ނޭނގި ހުއްޓާ ފަސް ދުވަސް ފަހުން ބައްދަލުވީ ބަނގުލަދޭޝުން ކަމަށާއި ތުއްތު ދަރިފުޅާ ވެސް ދިމާވީ އެތަނުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެއް ދުށިން ދިރިއުޅުނު ގެތަކުގެ މައްޗަށް ބޮން އަޅަމުންދިޔަތަން. ޖެހުނުތާކުން ނުކުމެގެން އެތައް ބަޔަކު ދުއްވައިގަތް. ދެން ފެށީ ބަޑިޖަހަން. އެކިތަންތަނަށް ވަޒަން އަރައިގެން ހިރުވައި ނުލެވިފައި އެތައް ބަޔަކު ތިބިތަން ފެނުނު. އެ މަންޒަރު ބަލަން ނުހުރެ އަހަރެން ވެސް މިއައީ މިތަނަށް،" ތުއްތު ދަރިފުޅާއި ފިރިމީހާއާއެކު ކޮކްސް ބާޒާރުގެ އުހުޔާގައި ކޭމްޕުތަކުގައި ދިރިއުޅޭ ތުންބުރު ބުންޏެވެ.

މީގެ 917 އަހަރު ކުރިން ފެށިގެން ދިރިއުޅެމުންދިޔަ ވަޒަނުން އެ މީހުން އެ ވަނީ ބޭރުކޮށްފަ އެވެ. މިޔަންމާގެ އެންމެ ފަގީރު އެއް އަވަށް ރަހީން ސްޓޭޓުން އެ މީހުން ބޭރުކޮށްލީ ރަތް އަލިފާނުން އެ މީހުންގެ ގެދޮރުތައް އަޅިއަށް ހަދާލުމަށްފަހުއެވެ. ފިލަން ދުއްވައިގަތީ މަޅަމުންދިޔަ ތޫނު ހައްޖަރުން ސަލާމަތްވާށެވެ. މޭ ފަޅާލައި، ގުނަވަންތައް ކޮށައިލި މަންޒަރު ބަލަން ކެތް ނުކުރެވިގެން އެތިބީ މިތަނަށް އައިހެވެ.

-----

އުނުއޮރިޔާން ނިވާކުރަން ދިވެހިންނަށް އަންނައުނު ލިބެ އެވެ. ހަނޑަސްބުރި ޖަހައިގެން ފާހާނަ ކުރާކަން ދިވެހިންނަކަށް ނުޖެހެ އެވެ. ސާފު ބޯފެނާއި ނަރުދަމާ ވެސް އެބަލިބެ އެވެ. ކިރު ދޫނިތަކެއްހެން އަޅުގަނޑުމެންގެ ދަރިން އާއިލާއާއެކު އުފަލާ މަޖަލުގައި އުޅެމުން އެ ދަނީ އެވެ. ދިވެހި ފަސްގަނޑުގައި ނިއުމަތްތައް ފުރިއުތުރިފައި އޮތް މަންޒަރު ފެނޭ ހެއްޔެވެ؟ ލިބޭ ނިއުމަތްތަކަށް ދިވެހިން ޝުކުރު ކުރަންވީ ހެޔޮ ނިޔަތަކާއެކުގަ އެވެ. ނިއުމަތްތައް އިތުރުވެގެން ވަނީ ޝުކުރު ކުރުމުގެ މައްޗަށެވެ.

ރޮހިންގާ މީހުން ބަންގުލަދޭޝްގެ ކޮކްސް ބާޒާރުގެ އުހިޔާ ސަރަހައްދުގައި--- ސަން ފޮޓޯ/ ޙުސައިން ޙަސަން

ނަމަވެސް އެ ނިއުމަތްތަކުން ރޮހިންގާގެ މުސްލިމުން މި ވަނީ މަހުރޫމްވެފަ އެވެ. ރާއްޖެއާ 3،200 ކިލޯމީޓަރު ދުރުގައި އޮތް މިއަންމާ އާއި ބަންގްލަދޭޝް ބޯޑަރު ގުޅޭ ސަރަހައްދަށް ޖަމާވެފައިވާ މި މީހުން ބަރުދާސް ކުރަމުންދާ ވޭން ތަހަންމަލް ކުރެވޭތޯ އެވެ؟ މަހާއި ކައްޓާ ވަކިކޮށް، ޅިޔަ އަޅައި ލެއިން ކޮށަމުންދާ އިންސީންގެ ވޭނުގެ އަޑު ހިވޭ ހެއްޔެވެ؟

އަޅުގަނޑުމެން ނޫސްވެރިން މިވާހަކަތައް އަޑުއިވިފައި ހިތް ކުދިކުދިވެއްޖެ އެވެ. ހިފަހައްޓަން ބޭނުންވިޔަސް، ކަރުނަ ވެސް ނުހިފެހެއްޓުނެވެ.

comment ކޮމެންޓް