ރޮހިންގާ މުސްލިމުންނަށް ކިޔަނީ މަރުހަބާއެއް ނޫން، ކުރަނީ "ކުރުނީސް"

ރޮހިންގާ މުސްލިމުންނާ މެދު ބަނގްލަދޭޝް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ތާއީދު ކުރުމުގެ ގޮތުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ކޮޒް ބާޒާރު އެއާޕޯޓުން މަރުހަބާ ކިޔުމަށް އާންމުން އެއްވެފައި -- ސަން ފޮޓޯ / މުހައްމަދު ސަމާހް

ބަނގްލަދޭޝާ މިޔަންމާ ގުޅޭ ބޯޑަރަށް އަޅުގަނޑުމެން ފެށި ދަތުރަކީ 28 ގަޑިއިރުގެ ދިގު ދަތުރެއްކަން ކުރިއަކުން ނޭނގެއެވެ. މި ދަތުރަށް ސިއްކަ ޖަހައިދިން ބަންގުލަދޭޝް އެމްބަސީން އެ މުސްލިމުންގެ ވާހަކަ ތިލަ ކުރަން ފުރުސަތެއް ދީފާނެ ކަމާ މެދު ކޮންމެވެސް ވަރަކަށް ސުވާލު އުފެދުނެވެެ.

ނަމަވެސް އެންމެ ފުރަތަމަ ވިސާ ޖެހުމަށް ބަންގާޅު ހައިކޮމިޝަނަށް ދިޔަ ދުވަހު ވެސް ބަންގާޅުން މިކަން ދުނިޔެއަށް، ޚާއްސަކޮށް ދިވެހިންނަށް ކިޔައިދޭން ބޭނުންވާ މިންވަރު އެނގިގެން ދިޔައެވެ. އާންމުކޮށް ދެ ދުވަސް ނަގާ ވިސާ 12 ގަޑިއިރުގެ ތެރޭގައި އެމީހުން ނިންމާފައި ދިނެވެ. އަދި އެ ކަމަކީ ބަންގާޅުން ވެސް ބޭނުންވާ ކަމެއް ކަމަށް ބުނެ ހުރިހާ ކަމެއް ވެސް ވަރަށް އަމާން އޮމާންކޮށް ނިންމާލިއެވެ. އޭގެ ފަހުން ޑާކާއަށް އައިސް އެއާޕޯޓުން ވެސް އަޅުގަނޑުމެންގެ ބޭނުމަކީ ރޮހިންގާ ރެފިއުޖީ ކޭމްޕް ތަކުގެ ހާލަތު ކަވަރު ކުރުންކަން އެނގުމުން ހާއްސަ ގޮތެއް ބެހެއްޓިއެވެ.

މާލެއިން ބަންގާޅަށް އައި އިރުވެސް ބަންގާޅު މީހުން ރޮހިންގާ މުސްލިމުންނާ މެދު ދެކެނީ ކިހިނެއް ކަމާއި އެ މީހުންގެ ބިމުން ހާލުގައި ޖެހިފައި ތިބި މުސްލިމުން ތަކަކަށް ބިމެއް ދޭން ބޭނުންވާނެތޯއާ އެމީހުންގެ ހިތުގައި އެ މުސްލިމުންނާ މެދު އޮތީ ކޯއްޗެއްތޯ ހޯދަން ބޭނުންވިއެވެ.

ބަނގުލަދޭޝް ރައްޔިތަކު ސަން އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ މުހައްމަދު ސަމާހް

"ރޮހިންގާ މީހުން ވަރަށް ހާލުގަ އުޅެނީ. އަހަރަމެން މިތާ ތިބޭ އިރުވެސް ފެނޭ އެ މަންޒަރު އެކިއެކި ވަސީލަތްތަކުން. ސަރުކާރަށް އަހަރެމެން ގޮވާލަން، ވީ ވަރަކުން އެމީހުންނަށް އަޅާލަން. އެހީތެރިކަން ދޭން ގޮވާލަން،" ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރާ އުމުރުން 30 އަހަރުގެ އިސްރާފީލް މިއާ ބުންޏެވެ.

ޑާކާގެ މަގުމަތިން ދިމާވި ބައެއް އެހެން މީހުންނާ ވެސް ރޮހިންގާ މުސްލިމުންނާ ގުޅޭގޮތުން ސުވާލުކުރީމެވެ. އެމީހުންގެ ޖަވާބުގައި އެއީ އަޚުން ތަކެއް ކަމަށް ފާހަގަ ކުރިއެވެ. އަދި ނަސްލެއް ނެތް ބައެއް ކަމަށް ދުނިޔެއިން އެމީހުންނާ މެދު ދެކޭނަމަ އެމީހުންނަކީ ބަންގާޅު މީހުންގެ ގޮތުގައި ކަނޑައަޅަން ތާއިދު ކުރާ މީހުންނާ ވެސް ދިމާވިއެވެ.

"އަހަރަމެން ކުރުނީސް ކުރަން ރޮހިންގާ މީހުންނަށް. މިހާރު ކިތައް އަހަރުވީ ދީނާއި ނަސްލީ ތަފާތު ކުރުން ތަކުގައި އެމީހުން ދިރިއުޅޭތާ. ނަމަވެސް ދީން ދޫނުކޮށްލާ އެ ތިބެނީ. އެއީ އަސްލު މުސްލިމުންނަކީ،" ޑާކާ ޝާހްޖަހްރަތު އެއާޕޯޓް ކައިރީގައި ހުރި ކުޑަ ގާޑިއެއްގެ ކައިރީގައި ހުރި ބަންގާޅު މީހަކު ކިޔައިދިނެވެ.

ބަނގްލަދޭޝް ދެ ފުލުހަކު ސަން އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ ހުސެން ހަސަން

މުޅި ޑާކާއިންވެސް ފެނުނީ ހަމަ އެކަނި ރޮހިންގާ މުސްލިމުންނަށް މަރުހަބާ ކިޔާ މަންޒަރު އެކަންޏެއް ނޫނެވެ. ވަޒަނެއް ނެތި އަމިއްލަ ވަންތަކަމެއް ނެތި ފުރާނަ އަތަށްލައިގެން ރޮހިންގާ އަޚުން އެކުރަމުންދާ ޖިހާދަށް، "ކުރުނީސް" ކުރާ މަންޒަރެވެ. އެމީހުން އެ މުސްލިމުންނާ މެދު ފަޚުރުވެރިވެއެވެ. ﷲ ސުބުހާނަހޫ ވަތައަލާއަކީ އެއް ކައުވަންތަ ކަލާންގެކަމަށް އެތައް ގަރުނެއް ވަންދެން ގަބޫލު ކުރުމީ އެމީހުންގެ ކުށެއް ކަމުގައި ބަލައި ނުހައްގުން އަނިޔާ ކުރަމުންދާ ދިޔުމާ މެދު ބަންގާޅު ރައްޔިތުން ހަމަގައިމު ވެސް ދެކޮޅެވެ. އެމީހުން އެކަމަށް ނުރުހެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިޔަންމާގެ ރަކީން ނުވަތަ އަރަކާން ސްޓޭޓްގައި އުޅެމުންދާ ރޮހިންގާ އަޚުންގެ ތެރެއިން ހަތަރު ލައްކައަށް ވުރެ ގިނަ ބަޔަކު މިހާރު ވަނީ ބަންގާޅަށް ހިޖުރަކޮށްފައެވެ. އެ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގައި އެތައް ސަތޭކަ ބަންގާޅު މީހުން މިހާރު ވެސް ހަަރަކާތްތެރިވާއިރު ބަންގާޅުން މިހާރު ވަނީ އެ މީހުންނަށް ބިމެއް ދިނުމަށް ވެސް ނިންމާފައެވެ.

ޖީޑީޕީގެ ނިސްބަތުން އަހަރެއްގެ މައްޗަށް ބޮލަކަށް 1،538 ޑޮލަރު ޖެހޭ ބަންގާޅު މީހުން އެ ގައުމުން ބިމެއް ހުސްކޮށް ހާލުގައި ޖެހިފައިތިބި ރޮހިންގާ އަޚުންނަށް ދިން އިރު އެއީ ފަހަގަކޮށްލަންޖެހޭ ކަމެކެވެ. ބަންގާޅަކީ ފުދުންތެރި ގައުމަކަށް ނުވާއިރު އެ ގައުމުން އެފަދަ ގުރުބާނީއެއް އެ ވެދެނީ އިންސާނިއްޔަތާއި މުސްލިމު އުންމަތުގެ ހައްގުގައި ކަން ފާހަގަ ކުރަން ޖެހެއެވެ.

ހަގީގީ މުސްލިމު އަޚުން ތިބެންވީ ގޮތް މިއަދު ބަނގްލަދޭޝް ސަރުކާރުންނާއި އެ ގައުމުގެ ރައްޔިތުން އެ ދަނީ ސާބިތުކޮށްދެމުންނެވެ. މުސްލިމުންނަކީ އެއް ހަށިގނޑެއް ކަަމަށް ދީނުގައި ބުނެފައިވާއިރު އެ މަންޒަރު މިއަދު ބަންގާޅުން ފެނިގެން އެބަދެއެވެ. ހަށިގަނޑުގެ އެއް ގުނަވަނުގައި އަޅާވޭނުގައި މުޅި ހަށިގަނޑު ހޭލާ ހުރުމުންނާއި ހުން އައުމުގައި ބައިވެރިވާ ގޮތަށް އަވަށްޓެރި މުސްލިމު އަޚުންނަށް ދިމާވި ދަތި ހާލުގައި ބަންގާޅުން އެދަނީ ފުރިހަމައަށް ބައިވެރި ވަމުންނެވެ.

ބަންގާޅަށް އައިސް އެ ގައުމުގެ ވެރި ރަށުގައި މިވީ 28 ގަޑި އިރުން ކަށަވަރުވީ ބަންގާޅު މީހުން ރޮހިންގާ މުސްލިމު އަޚުންނަށް ކިޔަނީ މަރުހަބާ އެއް ނޫން ކަމެވެ. އެ މުސްލިމުންނަށް ބަންގާޅު މީހުން ކުރަނީ "ކުރުނީހެވެ."

comment ކޮމެންޓް