ކަރަންޓު ކެނޑޭތީ ޅޮހީ ރައްޔިތުން މަގުމައްޗަށް، ފެނަކައިން ބުނަނީ މައްސަލަ ހައްލު ކުރެވިއްޖެ ކަމަށް

ޅޮހީ ރައްޔިތުން އެރަށު އިންޖީނުގެ ކައިރީގައި އިހްތިޖާޖް ކުރަނީ--ފޮޓޯ/ ޅޮހީ ކައުންސިލް

އާބާދީގައި 915 މީހުން ދިރިއުޅޭ ނ. އަތޮޅު ޅޮހީ ރައްޔިތުން ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާތާ ދުވަސް ތަކެއްވެއްޖެ އެވެ. އިންޖީނުގެއިން އުފައްދާ ކަރަންޓުން އެ ރަށު ރައްޔިތުންނަށް ނުފުދޭ ކަމަށް ބުނެ ރަސު ރައްޔިތުން އިތުރު ޖަނަރޭޓަރެއް ހޯދަން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ނަމަވެސް ކަރަންޓުގެ ހަލަތު އެމީހުން ބޭނުންވާ ގޮތައް ބަދަލް ނުވެ އެންމެ ފަހުން ރައްޔިތުން މަގުމައްޗަށް ނުކުމެ އިހްތިޖާކުރަން ފެށީ އެވެ. އެ ރައްޔިތުންގެ އަގުބޮޑު މުދާ ހަލާކުވެފައިވާ ކަމަށް ބުނެ ޅޮހީ އިންޖީނުގޭގެ ނަންބޯޑު " ބާދަގަނޑު ބްރާންޗަށް" ވެސް ބަދަލް ކުރީއެވެ.

ޅޮހީ ރައްޔިތުން އެރަށު އިންޖީނުގެ ކައިރީގައި އިހްތިޖާޖް ކުރަނީ--ފޮޓޯ/ ޅޮހީ ކައުންސިލް

ޅޮހީގައި ޒަމާނުންސުރެ ކަރަންޓު ދެމުން އައީ 80 ކިލޯވޯޓްގެ ދެ ޖަނަރޭޓަރު ބޭނުންކޮށްގެން ދެ އަވަށަށް ވަކިންނެވެ. ކޮންމެ އަވަށަކަށް 80 ކިލޯގެ ރޭޓުންނެވެ. އޭގެ އިތުރުން 112 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ވެސް ކަރަންޓް އައީ ދެމުންނެވެ. ނަމަވެސް 112 ކިލޯވޯޓްގެ ޖަނަރޭޓަރު ހަލާކުވެ ރަށަށްވަނީ ކަރަންޓް އެންމެ އެކަށީގެންވާ ގޮތުގައި ދޭން ފަށައިފަ އެވެ.

ރައްޔިތުން ބުނަނީ އިހްތިޖާޖް ނިންމާލާނީ 200 ކިލޯވޯޓްގެ އައު ޖަނަރޭޓަރެއް ލިބުމުން ކަމަަށް

ރަށުގެ ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަމުން އެ ރަށު ކައުންސިލްގައި އެމްޑީއޭ ތަމްސީލް ކުރައްވާ މެމްބަރު އަބްދުﷲ މުއާޒް ވިދާޅުވީ ކަރަންޓުގެ ހާލަތު އެރަށުގައި އޮތީ ނާޒުކް ފައްތަރެއްގައި ކަމަށާއި އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. އަދި ސްކޫލާއި އޮޑި ހަރުގެ ތަކުން ފުދޭ ވަރެއްގެ ގިނަ އަދަދަކަށް ކަރަންޓް ބޭނުން ކުރާ ކަމަށާއި އެހެން ކަމުން ލޯޑް ނުހިފައްޓާކަމަށެވެ.

"ރައްޔިތުންގެ އަގުބޮޑު މުދާ ހަލާކުވެއްޖެ. ރައްޔިތުން މި ތިބެނީ ތަން ކޮޅެއް ބޮޑު އަދަދަކަށް ކަރަންޓް ނަގައި އިލެކްޓްރޯނިކް ވަސީލަތެއް ބޭނުން ކުރަން ނުކެރިފައި. މިހާލުގައި އުޅޭތާ އެތައް ދުވަސްތަކެއް ވެއްޖެ،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ އާދޭހަކީ 200 ކިލޯވޮޓްގެ ޖަނަރެޓާރެއް ރަށަށް ގެނެސް ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް ހިންދެމި ލައިގެން ތިބެވޭ ވަރަށް ކަރަންޓުގެ ހާލަތު ރަނަގަޅު ވެގެން ދިޔުމެވެ.

ޅޮހީ ގައި ކުރިއަށްދާ އިހްތިޖާޖްގެ ތެރެއިން--ފޮޓޯ/ ޅޮހީ ކައުންސިލް

ފެނަކައިން ބުނަނީ ކަރަންޓްދިން ނަމަވެސް ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމަށް ހުރަސް އަޅާކަމަށް

ފެނަކަ ކޯޕަރޭޝަނުން ޅޮހީގެ ކަރަންތުގެ ހާލަތާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޅޮއްސަށް 160 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އެ އިންޖީނު އިންސްޓޯލް ކުރުމަށް ބޮޑެތި ދަތިތަކެއް ރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ކުރި މަތިވީ ކަމަށެވެ. އެގޮތުން މި މަހުގެ 12 ވަނަ ދުވަހު 160 ކިލޯ ވޯޓުގެ އިންޖީނުން ކަރަންޓް ދިން ނަމަވެސް ބަޔަކު ވަދެ އިންޖީނު ނިވާލާފައިވާ ކަމަށެވެ.

ކައުންސިލް މެމްބަރު މުއާޒް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ވަދެ އެގޮތަށް އެކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ހަގީގަތް ބުނަން ނޭނގޭ ކަމަށެވެ.

ޅޮހީ ގައި ކުރިއަށްދާ އިހްތިޖާޖްގެ ތެރެއިން--ފޮޓޯ/ ޅޮހީ ކައުންސިލް

ކަރަންޓުގެ މައްސަލަ މިވަގުތައް ވަނީ ހައްލުވެފައި: ފެނަކަ

ފެނަކައިން ބުނަނީ މިހާރު މައްސަލަ މުޅިން ހައްލުވެފައިވާ ކަމަށާއި އެގޮތުން މިހާރު ވަނީ 160 ކިލޯ ވޯޓްގެ ޖަނަރޭޓަރު ބޭނުންކޮށްގެން ކަރަންޓް ދީފައި ކަމަށެވެ. އަދި މިހާރު ޅޮހީގައި އެކުންފުނީގެ ޓެކްނިކަލް ޓީމެއް ހަރަކާތްތެރިވަމުންދާ ކަަމަށެވެ. މީގެ އިތުރުން ދެން ކުރިއަށްދާނީ ހަލާކުވެފައިވާ 112 ކިލޯ ވޯޓުގެ ޖަނަރޭޓަރު ހެދުމުގެ މަސައްކަތް ކަމަށާއި އެކަން ނިމުމުން ރައްޔިތުންގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ދެވޭނެ ކަމަށެވެ.

comment ކޮމެންޓް