މިޔަންމާ އަސްކަރިއްޔާއިން ވަނީ ރޮހިންޔާގެ 3000 މީހުން މަރާލާފައި: ބަނގުލަދޭޝް

ބަނގުލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި މިޔަންމާގެ މުސްލިމުން ތަކެއް ---ފޮޓޯ/ އޭޕީ

މިޔަންމާގެ ހުޅަނގުގައި އޮންނަ ރަހީން ސްޓޭޓުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި މިހާރު ހިނގަމުންދާ އަނިޔާވެރިކަމުގައި އެގައުމުގެ އަސްކަރިޔާއިން ރޮހިންޔާގެ 3000 މީހުން މަރާލާފައިވާ ކަމަށް ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރު އަބުލް ހަސަން މަހްމޫދު އަލީ އެގޮތަށް ވިދާޅުވީ، ރޮހިންޔާ ރެފިއުޖީންގެ ކަންކަމުގައި ބަނގުލަދޭޝް އިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން އަރަބި އަދި ހުޅަނގުގެ ގައުމުތަކުގެ ވަފުދުތަކަށާއި އދ.ގެ އެޖެންސީތައް ތަމްސީލު ކުރައްވާ އޮފިޝަލުންނަށް މައުލޫމާތު ހިއްސާކުރުމަށް ޑާކާގައި ބޭއްވި ބައްދަލުވުމަކަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

"އެމީހުން ވަނީ [މިޔަންމާގެ އަސްކަރިއްޔާއިން] 3000 އަށްވުރެ ގިނަ މީހުން މަރާލައި އަދި އެމީހުންގެ ގެތަކުގައި ހުޅުޖަހާފައި،" ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރު އަލީ މީޑިއާތަކަށް ވިދާޅުވިއެވެ.

އަދި ރަހީން ސްޓޭޓްގައި މިހާރު ހިނގަމުންދާ އަނިޔާވެރި ކަމަކީ އިންސާނީ ދަރިފަސްކޮޅެއް ނެތިކޮށްލަން ހިންގާ ގަތުލުއާއްމެއް ކަމަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ވެސް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.

މިޔަންމާގައި މިހާރު ހިނގަމުންދާ އަނިޔާވެރިކަަން ފެށުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ ކުޑަ ގްރޫޕަކުން ''ބޯޑާ ޕޯސްޓް''ތަކަކަށް ހަމަލާދިނުމާ ގުޅިގެން ކަމަށްވެއެވެ.

އަދި އެކަމުގެ ބަދަލު ހިފުމުގެ ގޮތުން މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ރަހީން ސްޓޭޓަށް ވަދެގަނެ އެތަނުގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންގެ ގެތަކުގައި ހުޅުޖަހާ، އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެ، އަންހެނުންނާއި ކުޑަކުދިން ރޭޕްކޮށް، ކުޑަކުދިންގެ ކަރު ބުރިކޮށްފައެވެ.

އަލީ ވިދާޅުވީ، މިޔަންމާގައި މިހާރު ހިނގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވެ ބަނގުލަދޭޝަށް މިހާތަނަށް ތިން ލައްކަ ރޮހިންޔާ ރެފިއުޖީން އެތެރެވެފައިވާ ކަމަށެވެ.

އަދި ވޭތުވެދިޔަ އަހަރުތަކުގައި ބަނގުލަދޭޝްގައި ހަތަރު ލައްކަ ރޮހިންޔާ ރެފިއުޖީން ދިރިއުޅެމުން ދިޔަ ނަަމަވެސް، މިޔަންމާގައި ފަހުން ފެށުނު އަނިޔާވެރިކަމާ ހަމަނުޖެހުންތަކުގައި ބަނގުލަދޭޝަށް އެތެރެވި ރޮހިންޔާ މުސްލިމުންނާއެކު އެ އަދަދު ހަތް ލައްކައަށް އިތުރުވެފައިވާ ކަމަށެވެ.

"މުޅި ދުނިޔެ އޮތީ ބަނގުލަދޭޝްއާއެކު. ބައިނަލްއަގްވާމީ މުޖުތަމައު އިން ވަނީ ރޮހިންޔާ ކާރިސާގައި ސިޔާސީ އަދި އިންސާނިއްޔަތަށްޓަކާ ވެސް އެހީތެރިވާން ތައްޔާރަށް. އަދި ބައެއް ގައުމުތަކުން އިތުރު ފަންޑުތަކެއް ދޭނެ ކަމަށް ވަނީ ބުނެފަ. އެ ފަންޑުތައް ހަމަޖެހިގެންދާނީ އދ. ގެ ތެރެއިން،" ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް