މި ރައިވެރި ދައިތަ ދިވެހީން އާޝޯޚުކޮށްލުވައިފި!

ހައްވާ މަނިކެ ރުކުން ރާ ބޭލުމުގެ މަސައްކަތުގައި--- ސަން ފޮޓޯ

ގދ. ގައްދުއަކީ ޒަމާނުންސުރެ "ފިސާރި އަންހެނުން ތަކެއް" ދިރިއުޅޭ ރަށެކެވެ. ފިރިމީހާ މަސައްކަތަށް ފޮނުވާފައި ހަމައެކަނި ގޭގައި ދަރިން ބަލަން ތިބޭކަށް އެރަށު އަންހެން ވެރިން ހިލާ ބޭނުމެއް ނުވެއެވެ. ޒަމާނުންސުރެ ކުނާ ވިޔުމުގައި އެ ރަށު އަންހެންވެރިން ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށް ވުރެ ކުރިއަރައި ދިޔައިރު ދަނޑުވެރިކަން ކުރުމުގައިވެސް އެ ރަށު ރައްޔިތުން ވަރުގެ ބަޔަކު ނެތެވެ.

މިފަހަރު މިއޮތީ ކުނާ ވިއުޔުމުގެ ވާހަކައެއް ނޫނެވެ. ޒަމާނުންސުރެ ފިރިހެނުންނަށް ޚާއްސަ ކަމެއްގެ ގޮތުގައި އޮތް ރައިވެރިކަން ނަގާ ކޮޅަށް ޖެހުމަށް ގައްދޫ އަންހެނަކު ނުކުމެއްޖެއެވެ. އޭނާ ރައިވެރިކަން ކުރާތާ އަށް މަހަށް ވުރެ ގިނަ ދުވަސް ވީއެވެ.

އުމުރުން 52 އަހަރުވެފައިވާ ހައްވާ މަނިކެއަކީ ގައްދޫގައި ހުރި ހަމައެކަނި އަންހެން ރައިވެރިއާއެވެ. މުޅި ރާއްޖޭގައި ވެސް ހުރި ހަމައެކަނި އަންހެން ރައިވެރިއާއަށް ވުން އެކަށީގެންވެއެވެ. ހައްވަ އެ މަސައްކަތް ކުރާތާ ގިނަ ދުވަސް ތަކެއް ވެފައިވާއިރު އޭނާ ރާ އަރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ މަޝްހޫރުވެފައެވެ.

ހައްވާ މަނިކެ ރުކުން ރާ ބޭލުމުގެ މަސައްކަތުގައި--ފޮޓޯ/ފޭސްބުކް

ހަރުގަނޑަކުން އަންހެނަކު ރުކަކަށްއަރައި ރާ ބާލާ މަންޒަރު އެ ވީޑީއޯ އިން ފެންނަ އިރު އެ މަސައްކަތް ފެށުނު ގޮތް ހައްވަ "ސަން" އަށް ކިޔައިދިނެވެ.

"މި ވީ ގޮތަކީ ފިރިމީހާ ނިޔާވުމާ އެކު އާއިލާ ބެލުމުގެ ޒިންމާ މިއައީ އަޅުގަނޑު ބޮލަށް. އޭރު އަޅުގަނޑު ދަނޑުވެރިކަން ކުރީ. ދެން އަބަދުވެސް މީހުން ރާވެރިކަން ކުރާ ތަން ފެންނާތީ އެކަން ވަރަށް ކުރާ ހިތްވޭ. މިހާ ދުވަސް ވަންދެން އެކަން ނުކުރެވި ހުރީ ފިރިމީހާ އެކަމަށް ރުހުން ނުދީގެން،" ފޯނުން ދިން އިންޓަވިއުގައި ހައްވަ ކިޔަދިނެވެ.

ފިރިމީހާ ނިޔާވުމާ އެކު އާއިލާ ބިނާ ކުރުމުގެ ފުރިހަމަ ޒިންމާ ބޮލުގައި އެޅިފައިވާ، ފަސް ކުދިންގެ މަންމަ އެ އާދަޔާ ޚިލާފު ބުރަ މަސައްކަތް ކުރަން ނިންމީ ބަޔަކު ކިޔާފާނެ އެއްޗަކަށް ބެލުމެއް ނެތިއެވެ. އެކަނިމާ އެކަނި ދަނޑުވެރިކަން ކުރުމުގެ ބަދަލުގައި އަމިއްލައަށް ރާ އަރައިގެން ރަނގަޅު އާމްދަނީއެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ.

"މިހާރު ދުވާލަކު 10 ރުކަށް އަރަން. މީހުން ބުނޭ ތިޔައީ އަންހެނަކު ކުރާ ވަރުގެ މަސައްކަތެއް ނޫނޭ. އަޅުގަނޑު ބުނިން ނޫނެކޭ އަންހެނުންނަށްވެސް ކުރާ ހިތުން ކޮށްފިއްޔާ އެ މަސައްކަތް ކުރެވިދާނެއޭ،" ހައްވަ ކިޔައިދިނެވެ.

ހައްވަ ކިޔައިދިން ގޮތުގައި އޭނާގެ ދަރިންވެސް ތިބީ އޭނާ ކުރާ މަސަކަތާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހިފައެވެ. އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ވެސް އެ ކުދިންގެ ފަރާތުން ކަަމަށް ހައްވަ ބުންޏެވެ.

"ދަރިން ވަރަށް ހިތްވަރުދޭ މިކަމަށް. އެއީ އަޅުގަނޑުގެ ހުރިހާވެސް ބަޔަކީ. އެކުދިން ދުވަހަކުވެސް ނުޖައްސާ މައްސަލަ އެއް މިކަން ކޮށްގެން،"

ހައްވަ ކޮންމެ ދުވަހަކުވެސް ރާވެރިކަމުގެ ބުރަ މަސައްކަތް ކުރާއިރު، އެތް އޮޅުމުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ވަންދެން ރުއްތައް ބަލަހައްޓަނީވެސް އޭނާއެވެ. މީސް މީހުންގެ ރުކަށް އަރާ އިރު އެއް ދުވަހު ލިބޭ ރާ ރުކުުގެ ވެރިންނަށް ދޭއިރު އަނެއް ދުވަހު ލިބޭ ރާ ލިބެނީ އޭނާއަށެވެ.

"މިއީ ރަނގަޅު މަންފާއެއް ލިބޭ މަސައްކަތެއް. 10 ރުކުން ލިބޭ ތިން ހަމުގެ ރާ. އަޅުގަނޑު ރާ ވިއްކަން. އަދި ދިޔާ ހަކުރު ހަދައިގެންވެސް އެ ވިއްކަން. ހުރިހާ މަސައްކަތެއް ކުރަނީ އަމިއްލައަށް،"

ހައްވާ މަނިކެ ރުކުން ރާ ބޭލުމުގެ މަސައްކަތުގައި--ފޮޓޯ/ފޭސް ބުކް

އުމުރުން ދުވަސްވީ ނަމަވެސް އަބަދުވެސް ކުރާ ހިތުން އުޅުނު ރާވެރިކަން ދޫކޮށްލާކަށް ހައްވަ ބޭނުމެއް ނޫނެވެ. އޭނާ ހުރީ އެ މަސައްކަތް ދަސްކުރަން އަންނަ ކޮންމެ މީހަކަށްވެސް މަސައްކަތް ދަސްކޮށްދޭ ގޮތަށެވެ. އަންހެން ކުއްޖަކު އެ މަސައްކަތް ދަސްކުރަން އައިސްފި ނަމަ ހިތުން ރުހުމުން އެކަން ކޮށްދޭން ހައްވަ ހުރި އިރު އެ ރަށު ރައްޔިތުންވެސް ހައްވައާ މެދު ފަޚުރުވެރިވެއެވެ.

"އަޅުގަނޑުމެން ފަޚުރުވެރިވަން މި ރަށުގައި އެފަދަ ހިތްވަރުގަދަ އަންހެނުން ތިބޭތީ. މިއީ މުޅި ރަށްވެސް ފަހުރުވެރިވާ ވަރުގެ ކަމެއް. ކައުންސިލުން މިފަދަ އަންހެން ވެރިންނަށް ފުރުސަތު ހޯދައިދެވޭތޯ މަސައްކަތް ކުރާނަން. ހަގީގީ ހަމަހަމަ ކަން މި ފެންނަނީ،" ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވިއެވެ.

ފިރިމީހާ ނިޔާވުމާ އެކު ހައްވަ ފެށި އެ މަސައްކަތަށް ކުޑަވެސް ހުއްޓުމެއް ގެންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ފިރިމީހާ އޭނާގެ މަސައްކަތަށް ހުރަސްއަޅާފާނެތީ ދެން މީހަކާ އިންނަން ވެސް ހައްވަ ބޭނުމެއް ނުވެއެވެ.

ހައްވާ މަނިކެ ރުކުން ރާ ބޭލުމުގެ މަސައްކަތުގައި--ފޮޓޯ/ފޭސް ބުކް

ދިވެހިންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަން ހޯދަން އުޅޭ މިފަދަ ޒަމާނެއްގައި ހައްވަ މި ދައްކައިދެނީ ހަގީގީ ހަމަހަމަ ކަމަކީ ކޮބައިކަމެވެ. ދިރިއުޅުމަށް މަސައްކަތް ކުރަންޖެހެނީ ވަކި ޖިންސެއްގެ ބަޔަކު ނޫންކަމެވެ. އަބަދުވެސް އަޅުގަނޑުމެން ދަންނަނީ ރައިވެރިބެ އެއްގެ ވާހަކައެވެ. ނަމަވެސް މިއީ ދިވެހި ބިމަށް އުފަން "ދިވެހި އަންހެން ރައިވެރި ދައިތަ"އެކެވެ.

comment ކޮމެންޓް