ތ.ގުރައިދޫ އެންޑޯމަންޓް މޫވްމަންޓް (ޖެމް)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 14 ވަނަ ޖެމް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިންސިއާ އިން ހޯދައިފިއެވެ.
އިއްޔެ ކުޅުނު އެ މުބާރާތުގެ ފައިނަލުގައި ވިންސިއާ އިން ޗެމްޕިއަންކަން ހޯދާފައި ވަނީ މިދިޔަ ހަތަރު އަހަރުއްސުރެ ވިދިވިދިގެން މުބާރާތް ކާމިޔާބު ކުރަމުން އައިސްފައިވާ އީވިލް ސްޕޯޓްސް ކްލަބުގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މެޗު ފެށިގެން 20 ވަނަ މިނެޓުގައި ވިންސިއާގެ ޖާޒީ ނަމްބަރު 17 މުހައްމަދު އަރީފު ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައި ދިނެވެ. އެ ލަނޑާއެކު ފުރަތަމަ ހާފު ކުރީގައި އޮވެ ވިންސިއާ ނިންމާލި އިރު ދެ ވަނަ ހާފްގެ 56 ވަނަ މިނެޓުގައި އެޓީމުގެ ލީޑް ފުޅާ ކޮށްދިނީ ޖާޒީ ނަމްބަރު 10 މުހައްމަދު އަރީފު އެވެ. އެ މެޗުގައި އީވިލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަމްބަރު 13 އިސްމާއީލް ސާމީ އެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިންސިއާ ސްޕޯރޓްސް ކުލަބުގެ ޖާޒީ ނަމްބަރު 17 މުހައްމަދު އަރީފު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވިފައިވަނީ އަރީފެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް އީވިލްގެ ޖާޒީ ނަމްބަރު 21 އަހްމަދު ނައުފަލް ހޮވިފައިވާއިރު މުބާރާތުގެ ފެއާރ ޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަމައެކްލަބުގެ ޖާޒީ ނަމްބަރު 7 އާދަމް ނާހިސް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފަ އެވެ. އަދި މުބާރާތުގެ ރަނައަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
އެ މުބާރާތަކީ ތ. ގުރައިދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ގުޅުން ބަދަހިކޮށް، ކުޅުންތެރިން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމާއި، ކުޅިވަރުގެ ގަވާއިދާއި އުސޫލުތަކަށް ބޯލަނބަން ދަސްކޮށްދިނުމާއި، ފުޓުބޯޅައިގެ ރޮނގުން ރަށާ ގައުމަށް ރީތިނަން ހޯދައިދޭފަދަ އަހުލާގު ރަނގަޅު ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްސަދުގައި ޖެމްއިން ކޮންމެ އަހަރަކު ވެސް އެ ރަށުގައި ކުރިއަށްގެންދާ މުބާރާތެކެވެ.