މިޔަންމާއިން އެގައުމުގެ ބޯޑަރުގައި ގޮވާތަކެތި ވަޅުލާ މައްސަލަ ބަންގުލަދޭޝުން ބަލަނީ

މިޔަންމާއިން ބޯޑަރުގައި ގޮވާތަކެތި ހަރުކުރާ ކަމަށް ބަންގުލަދޭޝްއިން ބުނޭ -- ފޮޓޯ: ރޮއިޓާސް

ދާކާ (ސެޕްޓެމްބަރު 7): މިޔަންމާ އާއި ބަންގުލަދޭޝް ގުޅޭ ބޯޑަރުގައި މިޔަންމާއިން ލޭންޑްމައިންތައް ވަޅުލާ ކަމަށް ބެލެވޭތީ، އެކަމާ ބެހޭ ގޮތުން އެގައުމުގެ ސަފީރާ ބަންގުލަދޭޝުން ސުވާލުކޮށްފި އެވެ.

ބަންގުލަދޭޝްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މިޔަންމާއިން އެ ލޭންޑްމައިންތައް ވަޅުލަނީ އެގައުމު ދޫކޮށްދާ ރޮހިންޔާ މުސްލިމުން އަނބުރާ ގައުމަށް ދިޔުން ހުއްޓުވުމަށް ކަމަށް ބެލެވެ އެވެ.

އަދި އެކަމާ ބެހޭ ގޮތުން ބަންގުލަދޭޝުން އެއްވެސް ފަރާތަކަށް ޝަކުވާ ހުށަހަޅާފައިވޭތޯ އެހުމުން އެގައުމުގެ ފޮރިން ސެކްރެޓަރީ ޝާހީދުލް ހައްގު ވަނީ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ނުދެއްވައެވެ.

ބަންގުލަދޭޝްގެ ބޯޑަރު ކައިރީގައި ހުރި ބީބީސީގެ ނޫސްވެރިޔަކު ބުނި ގޮތުގައި މިހަފްތާ ތެރޭގައި ލޭންޑްމައިންތަކުގެ ސަބަބުން ތިން މީހަކަށް އަނިޔާވެފައިވެ އެވެ.

ނަމަވެސް މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އެގައުމުގެ ބޮޑަރުގައި މިފަހުން އެއްވެސް ލޭންޑްމައިނެއް ވަޅުލާފައި ނުވާ ކަމަށް ބުނެފައެވެ. މިޔަންމާގައި އަސްކަރީ ވެރިކަމެއް އޮތް އިރު އެގައުމަށް ބޭރު ގައުމުތަކުގެ މީހުން ވަނުން ހުއްޓުވުމަށް، 1990އިގެ އަހަރުތަކުގެ ތެރޭގައި އެގައުމުގެ ބޯޑަރުގައި ލޭންޑްމައިންތައް ވަޅުލާފައިވެ އެވެ.

އަދި މިޔަންމާގެ ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫޗީގެ ތަރުޖަމާނު ޒޯ ޓޭ ވަނީ ބޯޑަރުގައި ގޮވާތަކެތި ވަޅުލީ ކޮންބައެއްކަން އެނގޭތޯ ސުވާލުކުރައްވާފައެވެ.

"އެމައިންތައް ވަޅުލީ ޓެރަރިސްޓުން ނޫންކަން ކަށަވަރުކޮށް ބުނަން އެނގެނީ ކޮން ބަޔަކަށް؟" ޒޯ ޓޭ ވިދާޅުވި އެވެ.

މިޔަންމާގެ މުސްލިމް އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ ރަހީން ސްޓޭޓުގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގާ ޖަރީމާތަކާ ބެހޭ ގޮތުން މީގެ ކުރިން ހަނު ހުންނެވި ސޫޗީ ވިދާޅުވި ގޮތުގައި މުސްލިމުންނަށް އަނިޔާ ކުރަމުންދާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެވެ. އަދި އެއީ ޓެރަރިސްޓުންނަށް ފައިދާވާ ގޮތަށް ކުރާާ ކަމެކެވެ. (ބީބީސީ)

comment ކޮމެންޓް