އަހަރެންގެ ރެކޯޑުތައް އެތައް އަހަރުތަކަކަށް ދެމިގެން ދާނެ: ބޯލްޓު

އޮލިމްޕިކްސްގެ 200 މީޓަރު ދުވުން ބޯލްޓް ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ދުވުން ހުއްޓާލިޔަސް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި ރެކޯޑުތައް އެތައް އަހަރުތަކެއް ވަންދެން ދެމިގެން ދާނެ ކަމަށް ސްޕްރިންޓު ދުވުމުގައި ދުނިޔެ މިހާތަނަށް ދުށް އެންމެ ކާމިޔާބު ދުވުންތެރިޔާ އުސެއިން ބޯލްޓު ބުނެފިއެވެ.

ބޯލްޓު ދުވުން ހުއްޓާލީ މިދިޔަ މަހު ލަންޑަންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕަށް ފަހުއެވެ. އޭނާ އަކީ 100 މީޓަރު އަދި 200 މީޓަރުގެ ސްޕްރިންޓު ދުވުމުގެ ދުނިޔޭގެ ރެކޯޑު އޮންނަ ދުވުންތެރިޔާ އެވެ. މީގެ އިތުރުން ބޯލްޓަކީ ތިން އޮލިމްޕިކް މުބާރާތެއްގައި 100 މީޓަރު އަދި 200 މީޓަރުގެ ދުވުމުން ރަން މެޑަލް ހޯދު ހަމައެކަނި ދުވުންތެރިޔާ އެވެ.

"އަހަރެން ދެކޭގޮތުގައި ރެކޯޑުތައް އެތައް އަހަރުތަކަކަށް ދެމިގެން ދާނެ، އަހަރެންނާއެކު ދުވި، ޔޯހާން ބްލޭކް، ޖަސްޓިން ގެޓްލިން އަދި އަސްފާ ޕަވެލް އަކީ އެތްލެޓިކްސްގެ އެންމެ ވަރުގަދަ ޒަމާން. އަހަރެންގެ ރެކޯޑު މުގުރާލާނެ ނަމަ މިތަނުން މީހަކު މުގުރާލާނެ،" ޖަޕާނުގައި އޮތް ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ބޯލްޓު ބުންޏެވެ.

ބޯލްޓުގެ ފަހު ދުވުން ނިމިގެން ދިޔައީ ހީކުރިގޮތާ މުޅިން ހިލާފަށެވެ. 100 މީޓަރު ދުވުމުގެ ފައިނަލުން ބޯލްޓަށް ލިބުނީ ތިން ވަނައެވެ. އަދި ރިލޭ ޓީމާއެކު ދުވަނިކޮށް އޭނާ އަށް ވަނީ އަނިޔާވެ ދުވެވޭ ގޮތް ނުވެފައެވެ.

ބޯލްޓު ބުނީ އޭނާ ދުވުން ހުއްޓާލި މައިގަނޑު ސަބަބަކީ އިތުރަށް ހާސިލް ކުރާނެ ކަމެއް ނެތުމުން ކަމަށާއި އޭނާ ބޭނުންވާ ހުރިހާ ކަމެއް ދުވާ ޓްރެކުގައި ހާސިލް ކުރެވިއްޖެ ކަމަށެވެ.

comment ކޮމެންޓް