ރޮހިންޔާ މުސްލިމުންނަށް ތުރުކީން އިތުރު 10،000 ޓަނުގެ އެހީ ފޮނުވަން ނިންމައިފި

ބަނގުލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި މިޔަންމާގެ މުސްލިމުން ތަކެއް --- ފޮޓޯ/ އޭޕީ

އަންކަރާ (ރޮއިޓާސް) - މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ތުރުކީން އިތުރު 10،000 ޓަނުގެ އެހީ ފޮނުވަން ނިންމާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ޔައްޔިބު އުރުދުޣާން މިއަދު ވިދާޅުވެއްޖެއެވެ.

ތުރުކީ އަކީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޮހިންޔާގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުގައި ހަމަނުޖެހުން ހިނގާ ސަރަހައްދަކަށް ބޭރު ގައުމެއްގެ އެހީ ދޭ އޭޖެންސީއަކަށް ވަނުމުގެ ހުއްދަ މިޔަންމާ ސަރުކާރުން ދިން ފުރަތަމަ ގައުމެވެ.

"މިޔަންމާގެ ލީޑަރު އާންގް ސަން ސޫކީއަށް އިއްޔެ ގުޅިން. ފޯން ކޯލަށްފަހު މިޔަންމާގެ ދޮރުތައް ހުޅުވާލި. ދެވަނަ ސްޓޭޖްގައި މި ފޮނުވަނީ 10،000 ޓަނުގެ އެހީ. މި އެހީތައް ބެހިގެންދާނެ،" އަންކަރާގައި ބޭއްވި ތުރުކީގެ ވެރިކަންކުރާ އޭކޭ ޕާޓީގެ ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނަށް ތުރުކީގެ ޓާކިޝް ކޯޕަރޭޝާން އެންޑް ކޯޑިނޭޝަން އޭޖެންސީ (ޓިކާ) އިން މިހާރު ވެސް 1000 ޓަނުގެ އެހީ ދަނީ ބަހަމުންނެވެ.

މި ފަހުން ފެށުނު ހަމަނުޖެހުންތަކަށް ދެ ހަފްތާ ވާން ކައިރިވެފައިވާއިރު، މިހާތަނަށް މިޔަންމާ ދޫކޮށް ގާތްގަނޑަކަށް 150،000 ރޮހިންޔާ މުސްލިމުން ވަނީ ބަނގުލަދޭޝް އަށް އެތެރެވެފައެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއާއެކު ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 400 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް