ފާއިތުވެ ހަތަރު ދުވަހު މުޅި ސޯޝަލް މީޑިއާ ކެކިގެން ދިޔައީ މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ދޭ ލާ އިންސާނީ ހަމަލާތަކުގެ ވާހަަކައެކެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅުގައި ރޮހިންޔާގެ މައްސަލަ ވެގެން ދިޔައީ އަދި މާބޮޑަށް ސަމާލުކަން ހުއްޓުނު މައުޟޫއަކަށެވެ.
މިޔަންމާގެ މައްސަލައަށް ދުނިޔޭގެ ކިތަންމެ ބޮޑު ސަމާލުކަމެއް ލިބުނު ކަމުގައި ވިޔަސް ގިނަ ބަޔަކަށް މި މައްސަލައިގެ އަޑިއެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ. އަދި މިއީ ކިހާ ޒަމާންވީ މައްސަލައެއް ކަމެއް ގިނަ ބަޔަކަށް ނޭނގޭނެ އެވެ.
އިންސާނީ މުސީބާތަކަށް ރޮހިންޔާގެ މުސްލިމުން ޖެހިފައިވާއިރު ހަމަ ބަލަހައްޓައިގެން ތިބެވޭކަށް ނެތެވެ. މި މައްސަލައިގެ އަޑި ހޯދުމަށް ފީނާ ބަލައި ފިކުރުކުރުމަކީ މިހާރު ކޮންމެހެން ކުރަން ވެއްޖެ ކަމަކަށް ވެއްޖެ އެވެ. އަދި އެ މައްސަލަ އިތުރަށް ގޯސްވެގެން ގޮސް މުޅި ސަރަހައްދަށް އެ ހަމަނުހެހުން ފެތުރިގެން ހިނގައިދާނެތީ ވެސް ވަރަށް ބޮޑަށް ވިސްނަން ޖެހެ އެވެ.
ރޮހިންޔާ މުސްލިމުންނަކީ ކޮންބައެއް؟
މިޔަންމާގެ ރާކިން ސްޓޭޓްގައި ދިރިއުޅޭ މުސްލިމުންނަކީ "ރޮހިންޔާ" މީހުންގެ ގޮތުގައި ބައިނަލްގްވާމީ ދުނިޔެ އިން ބަލައިގަނެފައިވާ ބަޔަކަށް ވިއަސް، މިޔަންމާގެ ގިނަ މީހުން ދެކޭގޮތުގައި ރޮހިންޔާ މުސްލިމުންނަކީ ސިޔާސީ ގޮތުން ބޭނުންކުރާ ނަމެކެވެ. އަދި ރޮހިންޔާ އަކީ ބަންގްލަދޭޝް އިން ހިޖުރަކޮށްގެން އުޅޭ އެކިއެކި ނަސްލުތަކުގެ މީހުން ކަމަށް މިޔަންމާއިން ބުނެ އެވެ.
އެހެންނަމަވެސް ރޮހިންޔާ އިން ދެކޭގޮތުގައި އެމީހުންނަކީ ބަންގާޅީންނެއް ނޫނެވެ. އަދި އެމީހުންނަކީ ވަކި ތަފާތު ނަސްލަކަށް ނިސްބަތްވާ ބައެކެވެ.
މިޔަންމާ ސަރުކާރުން ބުނާ ގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުން އެ ގައުމަށް ހިޖުރަކޮށްފައި ވަނީ ބަރުމާ އިނގިރޭސިންގެ އިސްތިއުމާރުންގެ ދަށުގައި އޮތް، އިނގިރޭސީންގެ ހިމާޔަތުގައި ބަރުމާ އޮތް އަށާރަ ވަނަ ގަރުނުގެ ކުރީކޮޅުގަ އެވެ. އަދި އޭގެ ފަހުން އިންޑިއާ އަދި ޕާކިސްތާނު އުފެދުނު ދުވަސްވަރާއި އަދި 1971 ވަނަ އަހަރު ބަންގްލަދޭޝް އުފެދުނު ދުވަސްވަރު ބަންގްލަދޭޝް އިން އެތައް ބަޔަކު އެ ގައުމަށް އެތެރެވި ކަމަށް ވެސް ބަރުމާ އިން ބުނެ އެވެ.
ތާރިީީހީ ލިޔުންތަކުން އެނގޭ ގޮތުގައި ނުވަ ވަނަ ގަރުނުގައި ވެސް ރާކީން ސްޓޭޓްގައި މުސްލިމުން ދިޔައީ އުޅެމުންނެވެ. ހަމައެފަދައިން ވިހި ވަނަ ގަރުނުގައި ބަންގާޅުން އެތައް ބަޔަކު ރާކިން ސްޓޭޓަށް ހިޖުރަ ކުރި ކަމަށް ވެސް ލިޔުންތަކުން ވެސް އެނގެ އެވެ. ނަމަވެސް އެޒަމާނަކީ ބޯހިމަނާ ޒަމާނަކަށް ނުވާތީވެ ސީދާ ސީދަލަށް ހިޖުރަކޮށްފައި ވަނީ ކިހާ ބައެއް ކަމެއް ބުނެދިނުމަކީ ވަރަށް އުނދަގޫކަމެކެވެ.
އިނގިރޭސިންގެ އިސްތިއުމާރުގައި އޮތް ދުވަސްވަރު ވަރަށް ގިނަ ގައުމުތަކަށް އެތައް ބަޔަކު ހިޖުރަކޮށްފައިވާކަން ފާހަގަ ކުރަން ޖެހެ އެވެ. އެގޮތުން މެލޭޝިއާ އަދި ސްރީލަންކާގައި އިންޑިއާގެ ދަރިކޮޅުގެ މީހުން ވަނީ ވަޒަންވެރިވެފަ އެވެ. އޭގެ ސަބަބުން ނަސްލީ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ބޮޑަށް ލަފާކުރެވެނީ މިހާރު ރޮހިންޔާ ސަރަހައްދުގައި އުޅޭ މީހުންނަކީ ރާކިން ސްޓޭޓްގައި އެތަކެއް ޒަމާނުއްސުރު އުޅުނު މުސްލިމުންނާއި އަދި ފަހުން ބަންގްލަދޭޝް އިން ހިޖުރަކުރި މީހުންނާ މަސްހުނިވެގެން އުފެދިފައިވާ ބައެއް ކަމަށެވެ.
އިންޑިއާ ބައްރަށް މިނިވަންކަން ލިބުނު ދުވަސްވަރު ރޮހިންޔާ މުސްލިމުންގެ ހާލަތު
ބަރުމާއަށް އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނީ 1948 ވަނަ އަހަރު އެވެ. ހަމަ އެދުވަސްވަރަކީ އިންޑިއާ އާއި ޕާކިސްތާނަށް މިނިވަންކަން ލިބުނު ދުވަސްވަރު ވެސްމެ އެވެ. އިންޑިއާ އިން ވަކިވެ މުސްލިމުން ވަކި ދައުލަތެއް އުފައްދަން އުޅުނު ދުވަސްވަރު ބަރުމާގެ ރާކިން ސްޓޭޓްގައި އުޅުނު ރޮހިންޔާ މުސްލިމުން ވެސް ބޭނުންވީ އިރުމަތީ ޕާކިސްތާން (އޭރުގެ ބަންގްލަދޭޝް) އާ ގުޅޭށެވެ. ނަމަވެސް ޕާކިސްތާނުގެ މިނިވަންކަމުގެ ބާނީ މުހައްމަދު އަލީ ޖިނާހު، ރާކިން ސްޓޭޓް، ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ބޭނުމެއް ނުވި އެވެ.
ހަމަ އެދުވަސްވަރަކީ ޖަޕާނާއި އިނގިރޭސިންގެ ދެމެދުގައި ހަނގުރާމަ ކުރެވުނު ދުވަސްވަރެވެ. އިނގިރޭސިންގެ އަތްދަށުން މިނިވަންވުމަށް ބަރުމާ އޮތީ ކެތްމަދުވެފަ އެވެ. އެހެންކަމުން ބަރުމާގެ ނޭޝަނަލިސްޓުން ދިޔައީ އިނގިރޭސިންގެ ކިބައިން މިނިވަންވުމަށް ޖަޕާނުގެ މަދަދު ހޯދަމުންނެވެ. އެއާ ޙިލާފަށް ރޮހިންޔާ މުސްލިމުން ދިޔައީ އިނގިރޭސިންގެ މަދަދާ އެކު ޖަޕާނާ ހަނގުރާމަކުރަމުންނެވެ. އެ ކޯޅުންތަކުގައި އެތައް ހާސް ބުޑިސްޓުންނާއި މުސްލިމުން ވެސް މަރުވި އެވެ.
މިޔަންމާގެ މިނިވަންކަމަށް ފަހު މުސްލިމުންގެ ހާލަތު
މިޔަންމާއަށް މިނިވަން ލިބުމަށް ފަހު މުސްލިމުންނާއި ބުޑިސްޓުންގެ ގުޅުން އޮތީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. އޭގެ ފަހުން ރޮހިންޔާ ބައެއް ޖަމާއަތްތަކުންް ވަނީ މިޔަންމާ ސަރުކާރުގެ އަތް ދަށުން މިނިވަންވުމަށް ޓަކައި ދޭތެރެ ދޭތެރެއިން ހަނގުރާމަކޮށްފަ އެވެ. އެގޮތުން 1947 ވަނަ އަހަރާއި 1960 އަހަރާ ދޭތެރޭ ރޮހިންޔާގެ ހަނގުރާމަވެރި ގްރޫޕްތަކާއި މިޔަންމާގެ ސަރުކާރާ ދޭތެރޭ ދޭތެރެއިން ބަދަލުކުރެވުން ދިޔަ ހަމަލާތައް ފާހަގަ ކޮށްލެވެ އެވެ.
މިޔަންމާ ސަރުކާރާއި އަދި އެ ގައުމުގެ ހަރުކަށި ބުޑިސްޓުން "ރޮހިންޔާ" އަކީ އެ ގައުމުގެ މީހުންގެ ގޮތުގައި ގަބޫލު ނުކުރި ކަމުގައި ވިޔަސް 1942 -1962 ވަނަ އަހަރާ ދެމެދު ރޮހިންޔާ މުސްލިމުންނަކީ އެ ގައުމުގެ ރައްޔިތުންގެ ގޮތުގައި އޭރުގެ މިޔަންމާ ސަރުކާރުން ބަލައިގެންފައިވާ ބައެކެވެ. އޭރު ރޮހިންޔާ މީހުންގެ މެދުގައި ރައްޔިތުކަން އޮތް އިރު އެ ގައުމުގެ އެހެން ރައްޔިތުންނެކޭ އެއްގޮތަށް ހުރިހާ އަސާސީ ހިދުމަތެއް ލިބެ އެވެ. މިޔަންމާގެ ޕާލަމެންޓުގައި ވެސް އޭރު ރޮހިންޔާގެ މުސްލިމުން ހިމެނެ އެވެ.
ނަމަވެސް މިޔަންމާގެ ވެރިކަން މިލިޓަރީ ޑިކްޓޭޓަރަކަށް 1962 ވަނަ އަހަރު ބަދަލުވުމަށް ފަހު، ނާވިންގެ ވެރިކަމުގައި ވަނީ ރައްޔިތުކަމުގެ ގަވައިދަށް ބަދަލުގެނެސް ރޮހިންޔާ މުސްލިމުންގެ ރައްޔިތުކަން ނިގުޅައިގެންފަ އެވެ. އެހެންކަމުން ރައްޔިތުންގެ ގޮތުގައި ލިބެން ޖެހޭ އަސާސީ ހިދުމަތްތަކުން އެމީހުން އޭރުއްސުރެ ވަނީ މަހުރޫމުކޮށްފަ އެވެ.
ރައްޔިތުކަން ނެތް މީހުން ދުނިޔޭގެ އެހެން ބައެއް ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ކުވައިތު އަދި ސީރިއާގައި ވެސް ވަރަށް ގިނައިން އުޅެ އެވެ. ސީރިއާގައި ކުރުދީ ނަސްލުގެ އެތައް ލައްކަ ބަޔަކު ރައްޔިތުކަން ނެތި އުޅެމުންދާ އިރު އެތައް ހާސް އަރަބިންނެއް ވެސް ސައުދީ އަރަބިއްޔާ އަދި ކުވައިތުގައި ރައްޔިތުކަން ނެތި އުޅެ އެވެ.
ނާވިންގެ ވެރިކަމުގައި މުސްލިމުންނާ ގުޅުން ގޯސްވިއިރު ބުޑިސްޓުން ވެސް ދިޔައީ ވަރަށް ބޮޑަށް މިލިޓަރީ ވެރިކަމުގެ އަނިޔާވެރިކަން ތަހައްމަކުރަމުންނެވެ.
ރޮހިންޔާ މުސްލިމުން މިހާރުގެ ހާލަތަށް ވެއްޓުމުގައި ހަރުކަށި ބޮޑިސްޓުންގެ ދައުރު ވަރަށް ބޮޑު
އދ. އިން ދާދި ފަހުން ނެރެފައިވާ ރިޕޯޓުގައި ވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށްދޭ ހަމަލާތައް ވަރަށް ރަނގަޅަށް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ރޮހިންޔާ މުސްލިމުން މެރުމާއި އިއްފަތްތެރިކަން ފޭރުމާއި، އަނިޔާ ކުރުމާއި ގެއްލުވާލުން ވެސް ހިމެނެ އެވެ. ރޮހިންޔާގެ ރެޕްރެޒެންޓޭޓިވްސް އިން އަންދާޒާ ކުރާ ގޮތުގައި މިޔަންމާ ސިފައިން އޮޕަރޭޝަން ފެށި ފަހުން 400 މުސްލިމުން ވަނީ މަރައިފަ އެވެ.
މުސްލިމުނާއި ބުޑިސްޓުންނާ ދެމެދު ހަމަލާތައް ފަހުގެ ތާރީހެއްގައި ފެށުނީ 2012 ވަނަ އަހަރު އެވެ. އެ ފަހަރުގެ ހަމަނުޖެހުންތައް ފެށުނީ ވެސް ބަޔަކު އަޑީގައި ތިބެ ރާވައިގެންކަން ވަރަށް ރީއްޗަށް ހާމަވާ ކިތަންމެ ކަމެއް ކަމެއް އެބަ ހުއްޓެވެ. އެފަހަރުގެ ހަމަނުޖެހުންތައް ފެށުނީ ރޮހިންޔާ މުސްލިމު ފިރިހެނަކު ބުޑިސްޓު އަންހެނަކު ރޭޕްކުރި ކަމަށް ތުންތުންމަތިން ވާހަކަ ދެކެވިގެންނެވެ.
އެވާހަކަ ބުޑިސްޓް ބިންލާދިންގެ ގޮތުގައި މަޝްހޫރުވެފައިވާ ހަރުކަށި ލީޑަރު އަޝިން ވިރަތޫ އޭނާގެ ފޭސްބުކްގައި ލިޔުމާ އެކު ރާކިން ސްޓޭޓް ހީވީ ކެކިގެން ދިޔަހެންނެވެ. ބުޑިސްޓުން މުސްލިމުންނަށް ދިމާކޮށްލައި ހަމަލާތައް ދޭން ފެށި އެވެ. ފަހުން އެނގުނު ގޮތުގައި ރޭޕްގެ މައްސަލަ ހުށައެޅި އަންހެން މީހާ ފުލުހުންނަށް ދޮގު މައުލޫމާތު ދިނީ ބަޔަކު އޭނާއަށް ފައިސާ ދީގެންނެވެ. އޭގެ ފަހުން ދޭތެރެ ދޭތެރެއިން ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.
ވިރާތޫ އޭނާއަށް ތަބާވާ މީހުން ވާވައްދައި މުސްލިމުންނަށް ހަމަލާދިނުމަށް ހިތްވަރު ދިނުމުގެ ގޮތުން ގެންގުޅޭ އުކުޅުތައް، ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި މުސްލިމުންނާ ދެކޮޅަށް ފަތުރާ ޕްރޮޕެގެންޑާތަކާ ވަރަށް އެއްވައްތަރުކަން ވަރަށް ބޮޑަށް ފާހަގަވެ އެވެ. މިއީ ހަމަ އިއްތިފާގެއް ބާވަ އެވެ؟
އެގޮތުން އޯގަނައިޒޭޝަން ފޯ އިސްލާމިކް ކައުންސިލް (އޯއައިސީ) އިން 2013 ވަނަ އަހަރު މިޔަންމާއަށް ކުރި ޒިޔާތަތާ ދެކޮޅަށް ވިރާތޫ ގެންގުޅުނު އުކުޅުތަކެވެ. އަދި އޯއައިސީ އިން މިޔަންމާ އަށް އައީ އިސްލާމީ ޝަރީއަތް ގާއިމުކުރަންކަމަށް ބުނެ އޭނާއަށް ތަބާވާ މީހުންގެ މެދުގައި ބިރުވެރިކަން އަށަގަތުމަށް މަސައްކަތްކޮށްފައިވާކަން ވަރަށް ރީއްޗަށް ހާމަވެ އެވެ. އިސްލާމީ ޝަރީއާގެ ވާހަކާއަކީ ހުޅަނގުގެ ގައުމުތަކުގައި ވެސް މުސްލިމުންނާ ދެކޮޅު ހަރުކަށި މީހުން އެ ގައުމުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ޓަކައި ބޭނުންކުރާ އުކުޅެކެވެ.
ވިރާތޫ އާންމުކޮށް މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި މުސްލިމު ފިރިހެނުން ބުޑިސްޓު އަންހެނުން ގަދަކަމުން އިސްލާމުދީނަށް ވައްދާ ކަމަށާއި އަދި ހުރިހާ ސިޓީއެއްގައި ބުޑިސްޓު އަންހެނުން ދަނީ ރޭޕްކުރަމުން ކަމަށް ބުނެ ވާހަކަ ދެއްކުން ހިމެނެ އެވެ. އަދި މުސްލިމުން ޖަނަވާރު ކަތިލުމަކީ ދުނިޔޭގެ ސުލްހައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ވިރާތޫ އޭނާއަށް ތަބާވާ މީހުންވާ ވެއްދުމަށް ބުނެ އުޅެ އެވެ. އަދި ރާކީން ސްޓޭޓް އެއްކޮށް ކުޑަދުވަސް ކޮޅެއް ތެރޭ މުސްލިމުންގެ ފުރިހަމަ އަގްލަބިއްޔަތު އޮންނަ ސިޓީއަކަށް ވެދާނެ ކަމުގެ ބިރުވެސް އޭނާ ދައްކަ އެވެ.
ރޮހިންޔާގެ މުސްލިމުންގެ ވާހަކަ ދައްކާއިރު އަވައްޓެރި ސްރީލަންކާގައި ވެސް ބުޑިސްޓިން މުސްލިމުންނަށް ހަމަލާދިނުމުގެ ސިލްސިލާތަކެއް 2014 ވަނަ އަހަރު ފެނިގެން ދިޔަ އެވެ. މިޔަންމާގެ ބުޑިސްޓުންނެކޭ އެއްގޮތަށް ސްރީލަންކާގެ ބުޑިސްޓުން ވެސް ދިޔައީ އެ ގައުމުގެ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ޓަކައި ވަރަށް ބޮޑަށް ދޮގު ވާހަކަ ފަތުރަމުންނެވެ.
ހަމަ އެ އަހަރު ވިރާތޫ ވަނީ ސްރީލަންކާގެ ބުޑިސްޓުން ރައްކާތެރިކުރުމަށް ކަމަށް ބުނެ އެގައުމުގެ ބުޑިސްޓުންނާއި އެއްބަސްވުމެއް ހަދައިފަ އެވެ.
ރޮހިންޔާއަށްދޭ ހަމަލާތައް ނުހުއްޓޭ ނަމަ މުޅި އިރުމަތީ އޭޝިއާގައި ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު ބޮޑު ކުރިމަރިލުމަކަށް ހިނގައިދާނެ
ރޮހިންޔާގެ މައްސަލާގައި މުސްލިމުން ބުޑިސްޓުންނާ މެދު ދެކޭގޮތް ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވާން ފަށައިފަ އެވެ. އެއްބަޔަކު ސޯޝަލް މީޑިއާގައި ހުރިހާ ބުޑިސްޓުންނަކީ ޓެރެރިސްޓުންކަމަށް ދަނީ ސިފަކުރަމުންނެވެ. ހަމައެއާ އެކު ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު އުފެދިފައިވާ ކުރިމަތިލުންތައް މުޅި ދެކުނު އިރުމަތީ އޭޝިއާއަށް ފެތުރުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ.
ރޮހިންޔާ އަށްދޭ ހަމަލާތަކާ ގުޅިގެން އިންޑޮނީޝިއާގެ ހަރުކަށި މުސްލިމު ގްރޫޕަކުން ވަނީ އެ ގައުމުގައި އުޅޭ ބުޑިސްޓުންގެ ފައްޅިއަކަށް 2013 ވަނަ އަހަރު ބޮމުގެ ހަމަލާއެއް ދީފަ އެވެ. އޭގެ އިތުރުން ބުޑިސްޓުންނާ ދެކޮޅަށް މެލޭޝިއާގައި ހަމަލާ ދިނުން ވެސް ވަނީ އިތުރުވެފަ އެވެ.
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި މުސްލިމުންގެ އާބަދީ 42 ޕަސެންޓް ހިއްސާ ކުރާއިރު ބުޑިސްޓުންގެ އާބާދީ އަކީ 40 ޕަސެންޓެވެ. އެހެންކަމުން އެ ސަރަހައްދުތަކުގައި ދީނީ ހަމަނުޖެހުންތަކުގެ ހުޅު ފަޅައިގެން ގޮސްފި ނަމަ އެކަމުގެ އަސަރު މުޅި އިރުމަތީ އޭޝިއާއަށް ކުރާނެ އެވެ.
އަލްގައިދާ އިން ދާދި ފަހުން ނެރެފައިވާ ބަޔާނުގައި ވަނީ މުސްލިމުން މިޔަންމާ ސަރުކާރާ ދެކޮޅަށް ޖިހާދު ކުރުމަށް ގޮވައިލައިފަ އެވެ. އެހެންކަމުން ހަރުކަށި މުސްލިމުންގެ ޖަމާއަތްތަކުން ރޮހިންޔާގެ މައްސަލަ ހައިޖެކް ކުރުމަކީ ވެސް ވަރަށް ބޮޑަށް އޮތް ފުރަސެތެއް ކަން ހަނދާން ކުރަން ޖެހެ އެވެ.
ސުުލްހައަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ބޭނުންވާނީ ރޮހިންޔާގެ މައްސަލަައަށް އަވަސް ހައްލެކެވެ. ނަމަވެސް މިއީ ޒަމާންވީ މައްސަލައަކަށް ވެފައި އެކަން ހައްލުކުރުމަކީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫންކަން ގަބޫލުކުރަން ޖެހެ އެވެ.
ދުނިޔޭގެ ބާރުތަކުން އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރާ ކަމުގެ އެއްވެސް އަލާމާތެއް މިހާތަނަށް ފެނިފައެއް ނެތެވެ. އެއާ ހިލާފަށް ފެންނަނީ ދުނިޔޭގެ ބޮޑެތި އެހެން މައްސަލަތަކެކޭ އެއްގޮތަށް މައްސަލަ އިތުރަށް ދިގު ދަންމަން މަސައްކަތް ކުރާ ތަނެވެ. ރޮހިންޔާ މުސްލިމުން އެ ހާލުގައި އުޅޭތާ މިހާރު ވެސް ހަ އަހަރުވަނީ އެވެ.