ފުރާވަރުގައި އެރި ސައިކަލުން ތިޔަ ވެއްޓެނީ "އަނދަވަޅަކަށް"!

މާލޭގެ މަގުމަތި -- ސަންފޮޓޯ/ އަލީ ނަސީރު

ރާއްޖޭގައި އެންމެ ފަހުން، 2014 ވަނަ އަހަރު ހެދުނު ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން އާބާދީގެ 27 އިންސައްތަ އަކީ ފުރާވަރުގެ ކުދިންނެވެ. އާބާދީގެ ބޮޑު އިންސައްތައެއް ފުރާވަރުގެ ކުދިން ހިއްސާ ކުރާއިރު އެ ކުދިންނަކީ ގައުމުގެ މުސްތަގުބަލެވެ. ގައުމު މާދަމާ ދާނެ މިސްރާބު އޮތީ އެ ކުދިންގެ އަތްމަތީގައެވެ. އެހެން ކަމުން ފުރާވަރުގެ ކުދިން ޒިންމާދާރު ކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެކެވެ.

މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދުވަސްވީ މީހަކު މަރުވި ހަބަރަކީ ފުން ހިތާމައެއް ގެނުވި ހަބަރެކެވެ. މަގުމައްޗާ މެދު އާންމުން ހޭލުންތެރިތޯ ހިތުގައި އޮތް ސުވާލު އިތުރަށް ބޮޑު ކުރުވި ހާދިސާއެކެވެ. އެ ހާދިސާގައި ނިޔާވި މީހާގެ ސައިކަލުގައި ޖެހުނު ސައިކަލް ދުއްވަން އިންމީހާ ފިލުމަކީ ވެސް މިކަމާ މެދު އޮތް ކަންބޮޑުވުން އިތުރުވި ކަމެކެވެ. އަދި އެއަށް ފަހު އެ މައްސަލައާ ގުޅިގެން ކުޑަ ދެ ކުދިން ހައްޔަރު ކުރުމަކީ އިސްވެ ދެންނެވުނު ޒިންމާ އާދަކުރެވޭ މިންވަރާ މެދު ސުވާލު އުފައްދަން ލިބުނު ފުރުޞަތެކެވެ.

ރާއްޖޭގައި ހިނގާ އެކްސިޑެންޓް ތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެ ދިޔަ ފަސް އަހަރު އެ އިންސައްތަ އައީ އިތުރުވަމުންނެވެ. ދެހާސް ތޭރަ ވަނަ އަހަރު 1814 އެކްސިޑެންޓް ރެކޯޑް ކުރެވިފައިވާއިރު 2014 އަހަރު ވަނީ 1955 މައްސަލަ ރެކޯޑް ކުރެވިފައެވެ. އެއީ 1.41 އިންސައްތަ އިތުރު ވުމެކެވެ. 2015 ވަނަ އަހަރު އެ އިންސައްތަ ވަނީ 0.89 އިންސައްތަ އިތުރުވެފައެވެ. އެއީ 2015 ވަނަ އަހަރު ރެކޯޑް ކުރެވިފައިވަނީ 2044 މައްސަލައެވެ. އެންމެ ފަހުން މިދިޔަ އަހަރު 2242 އެކްސިޑެންޓް ރެކޯޑް ކުރެވިފައިވާއިރު މި އަހަރުގެ މިހާތަނަށް 1494 މައްސަލަ ވަނީ ރެކޯޑް ކުރެވިފައެވެ. މި ހިސާބު ތަކުން ދައްކާ ގޮތުގައި އަހަރަކަށް ވުރެ އަހަރެއް ޓްރެފިކް މައްސަލަތައް އިތުރުވަމުންދާއިރު އެއީ ކަންބޮޑުވާންވީ މައްސަލައެކެވެ.

އަންހެނަކު ދުއްވަން އުޅުނު ސައިކަލެއް، ޕާކިންޒޯނުން ނެރެން އުޅުނު ވަގުތު ކޮންޓްރޯލު ނުވެގެން ގޮސް، މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓު-- ފޮޓޯ/ ޓްވިޓާ

ފުރާވަރުގެ ކުދިން ލައިސަންސް ނެތި ސައިކަލު ދުއްވާ މައްސަލައަކީ އަބަދުވެސް ދައްކާ ވަަހަކައެކެވެ. އާންމުކަމެކެވެ. ނަމަވެސް ވަރިހަމަވެގެން ތިބެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ. މުޅި ރާއްޖެއަށް ބަލާއިރުވެސް މި މައްސަލައަކީ އާންމު މައްސަލައެކެވެ. ނަމަވެސް ސުވާލަކީ ފުރާވަރުގެ ކޮންމެ ކުއްޖަކީ ސައިކަލެއް ގަނެވޭނެ ފެންވަރުގެ ކުއްޖަކަށް ނުވާއިރު އެމީހުންނަށް އެ ފުރުޞަތު ލިބެނީ ކިހިނެއްބާއެވެ.

ހަމަ ޔަގީނުންވެސް އެނގޭ އެއް ކަމަކީ މަޔަކު ބަފަޔަކު ކުއްޖާ އަތަށް ވަޅިއެއް ދީފައި މާރާމާރީ ހިންގާކަށް ނުފޮނުވާނެއެވެ. ނަމަވެސް ހަމަ އެއްކަލަ ކުއްޖާއަށް ސައިކަލް ދީފައި ފޮނުވާ މައިންބަފައިންވެސް މި ކުރަނީ އެފަދަ ކަމެއް ނޫންބާއެވެ. ސައިކަލެއް ކޮންޓްރޯލް ކުރެވޭ ފެންވަރުގެ ވިސްނުން ސިކުނޑީގައި ނެތް ކުއްޖާއަށް ސައިކަލް ދީފައި ފޮނުވާއިރު އެ ކުއްޖާއަށް ނޭނގި ނަމަވެސް އެކްސިޑެންޓެއް ހިނގައި މީހަކަށް ގެއްލުންވެދާނެކަން މައިންބަފައިން އެބަ ދަންނަން ޖެހެއެވެ.

މައިންބަފައިން މިހާރަށް ވުރެ ހޭލުންތެރި ވާންޖެހޭ

އައްޑޫ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓްގައި ސައިކަލުން ކަހާލައިގެން ވެއްޓުނު މީހާއަށް ފަރުވާދެނޭ: އޭނާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައި --- ފޮޓޯ: ސޯސަލް މީޑިއާ

ކުއްޖާ ފުރާވަރަށް އެޅި ބޭރަށް ފެންނަ ފެނުމަށް ކުއްޖާގެ ހަށިގަނޑު ބޮޑުވުމަކީ އޭނާގެ ނާށިގަނޑު ތެރޭގައި އޮތް ސިކުނޑި ތަސައްރަފު ފުދުމެއް ނޫންކަން މައިބަފައިން ދަންނަން އެބަޖެހެއެވެ. މަގުމަތީގައި ހުންނަ ފުލުސް މީހައަށް ކުއްޖާ ބަލާލާފައި އޭނާއަކީ 18 އަހަރު ނުވާ ކުއްޖެއްކަން ފަހަރުގަ ނޭނގިދާނެއެވެ. ނަމަވެސް މައިބަފައިން ދަންނަން ޖެހެނީ އެގޮތަށް އެއްފަހަރު ދެ ފަހަރު އަނދަވަޅަކަށް ނުވެއްޓި ދުއްވިދާނެ ކަމެވެ. ނަމަވެސް ތިން ވަނަ ފަހަރު ދުއްވަން ނުކުމެ އުޅޭ ކުއްޖާ އަތުން ހިނގާ ކަމަކުން އުމުރު ދުވަހު ގޮޅިއެއްގައި ބެދި ދާނެކަން ދަންނަން ޖެހެއެވެ.

ކުރީގެ ސީނިއާ ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލީސް އަބްދުއް ޝުކޫރު ވިދާޅުވީ މަގުމައްޗަށް ފުރާވަރުގެ ކުދިން ދޫކޮށްލާއިރު ބެލެނިވެރިން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ. އަދި ބެލެނިވެރިން މިހާރަށް ވުރެ ބޮޑަށް މަގުމަތީގެ ގަވައިދުތަކަށް ދަރިން ހޭލުންތެރި ކުރުވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި ފުރާވަރުގެ ކުދިން ލައިސަންސް ނެތި ސައިކަލް ދުއްވުމަކީ އޭރުވެސް މިހާރުވެސް ބޮޑު މައްސަލައެއް. ބެލެނިވެރިން އެބަޖެހޭ މިހާރަށް ވުރެ ފަރުވާތެރިވާން. ކުއްޖާގެ ކޮންމެ އެދުމެއް ކޮންމެ އުފަލެއް ކޮންމެ އުފަލެއް ފުރިހަމަ ކޮށްދޭން ވެއްޖެއްޔާ ދާއިމީ ގޮތެއްގައި އުފާވެރިކަން މަހުރޫމްވެދާނެކަން ވިސްނަން އެބަޖެހޭ،" ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރައްވާފައިވާ ޑީސީޕީ ޝުކޫރު ވިދާޅުވި އެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގު ތާރުއެޅި ސަރަހައްދުގައި އެކްސިޑެންޓް ހިނގާފައި --- ފޮޓޯ: އިބްރާހިމް ނާސިހު

ޝުކޫރު ވިދާޅުވީ ކުޑަކުއްޖާގެ އިހުމާލުންވާ ކަންކަމުގެ ޒިންމާ ބެލެނިވެރިން ނަގަންޖެހޭ އިރު އެފަދަ ކަމެއް ނުހިނގާނެ ހެން ކަންކަން ކުރަން ޒިންމާދާރު ވާންޖެހޭ ކަމަށެވެ. ކުއްޖާއަށް މަގުމަތީގެ ނުރައްކާތެރި ކަމުގެ ވާހަކަ ކިޔައިދޭން ޖެހެއެވެ. އަދި ހަމަ އެގޮތަށް ގާނޫނުގައި އޮންނަ ގޮތަށް އެކަންކަން ކުރުވަން ބާރު އަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ގާނޫނު ބުނަނީ ބެލެނިވެރިއާާ އަދި ސަރުކާރުން ވެސް ޒިންމާ ނަގަން ޖެހޭ

އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނު ބުނާ ގޮތުން 18 އަހަރު ފުރުމުގެ ކުރިން ލައިސަންސް ނެތި ސައިކަލް ދުއްވުމަކީ ކުށެކެވެ. އެ ކުށުގެ ސަބަބުން ދެވޭ ތަފާތު އަދަަބުތައް ބަޔާންކޮށްދީފައި ވާއިރު ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނުން އެކުދިން ކުށްތަކާއި ދުރުކުރުމަކީ ސަރުކާރު އަދި ކުދިންގެ މައިން ބަފައިންގެ ޒިންމާއެކެވެ.

ރާއްޖޭގެ ގާނޫނުތައް ބުނަނީ ސަރުކާރުން ކުޑަކުދިން ކުށްކުރުމުން ދުރުކުުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގައި އެ ކުދިންނަކީ މުޖަތަމައު އަށް ފައިދާ ކުރާނެ ބަޔަކަށް ހަދަން ޖެހޭ ކަމެވެ. އަދި ކުދިންނަށް އާޅާ ނުލައި އެ ކުދިންނާ މެދު އިހުމާލުވުމަކީ ބެލެނިވެރިން ކުށްވެރިވާނެ ކަމެކެވެ.

އޮލިމްޕަސް ކައިރީގައި ސައިކަލަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ރާއްޖޭގައި މަގުމަތީ ރައްކާތެރިކަމާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނުތައް ވަރަށް ފުރިހަމައަށް ހެދި ފައިވާއިރު އެ ގާނޫނު ތަކުން ބެލެނިވެރީނަށް ލާޒިމް ކުރާ ކަންކަމާ މެދު ބެލެނިވެރިން ހޭލުންތެރިވާންޖެހޭ ކަމަށެވެ. އަދި އެކުދީން ކުރާ ކަންތައްތަކާ މެދު މިހާރަށް ވުރެ ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ގާނޫނު ލާޒިމް ކުރާ ގޮތަށް ސަރުކަރުން ހޭލުންތެރި ކުރުވުމުގެ ކަންތައްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ބެލެނިވެރިންވެސް އެބަޖެހޭ ވަރަށް ބޮޑަށް ވިސްނަން ދަރިފުޅާ މެދު. މަގުމައްޗަކީ ރައްކާތެރި ނޫން ތަނެއްކަން ދަނެ އެކުދިން އެފަދަ ކުށްތަކަށް އެރުން އެބަޖެހޭ ހުއްޓުވަން. އަދި ސަރުކާރުން މިހާރަށް ވުރެ ބޮޑަށް މިފަދަ ގާނޫނު ތަކަށް މީހުން ހޭލުންތެރި ކުރުވަން އެބަޖެހޭ،" ސުއޫދު ވިދާޅުވިއެވެ.

ހައްލަކީ ކޮންމެ މީހަކުވެސް ޒިންމާ ނެގުން

ދަރިން ތަރުބިއްޔަތު ކުރުގެ ބޮޑު މަސްއޫލިއްޔަތު މައިންބަފައިންގެ ބޮލުގައި އެޅިފައި އޮތް ނަމަވެސް މުޖްތަމައުގެ ކޮންމެ މީހަކީވެސް ކުދިން ހަރުދަނާ ބަޔަކަށް ހެދުމުގައި ޒިންމާވާން ޖެހޭ ބައެކެވެ. ތިމާގެ ސައިކަލް މީހަކަށް ދޭއިރު އެ މީހަކީ ލައިސަންސް އޮތް މީހެއްތޯ ޔަގީން ކުރަންޖެހެއެވެ. ނިދާއިރު ސައިކަލް ތަޅުދަނޑި އޮތީ ކުޑަ ކުއްޖަކު އަތްފޯރާ ހިސާބުގަތޯ ޗެކްކުރަން ޖެހެއެވެ. ފުލުހުންވެސް މިހާރަށް ވުރެ ބޮޑަށް ކުޑަކުދިންނަށް ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ހިންގައި އެކުދިންނަށް ކަމުގެ ނުރައްކާތެރިކަން ކިޔައިދޭން އެބަޖެހެވެ.

މިއަދު އިހުމާލުގެ ސަބަބުން އެންމެ މަރެކެވެ. މާދަމާ ނުހުޓޭ ވަރަށް މައްސަލަ އިތުރުވާނެއެވެ. ސަމާލުވާށެވެ.

comment ކޮމެންޓް