ފިކުރީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖޭގެ ފުރިހަމަ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ފަދަ ގޮތަކަށް ބޭރުގެ ބާރުގަދަ ނުފޫޒުތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ ހިތޯބުގައި މިނިވަން ދުވަހުގެ ތަހުނިޔާ އާއި މުރާބަކްބާދީ ޑީއާރުޕީގެ ޒަޢީމުގެ ހައިސިއްޔަތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަނީ ރާއްޖޭގެ ރައްޔިތުންނަށް ވިދާޅުވެފަ އެވެ.
މިއަދު ފާހަގަ ކުރަމުންދާ 46 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް މައުމޫން ނެރުއްވި ޚިތާބުގައި ވިދާޅުވީ ގައުމީ މިނިވަންކަމަކީ ވަރަށް އަގުބޮޑު ނިއުމަތެއް ކަމަށާއި އެނިޢުމަތް ހެޔޮގޮތުގައި ދެމެހެއްޓުމަކީ ގައުމުގެ އެންމެންގެ އެންމެ އިސް ގައުމީ ވާޖިބު ކަމަށެވެ.
ރައީސް މައުމޫންގެ ޚިތޯބުގައި މިހާރު ދުނިޔެ އަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން ބޭރު ގައުމަކުން ރާއްޖެއާ ހަނގުރާމަކޮށް ރާއްޖެ އަޅުވެތި ކުރުމަކީ ދުރުކަމެއް ކަމުގައިވީ ނަމަވެސް، ފިކުރީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖޭގެ ފުރިހަމަ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ފަދަ ގޮތަކަށް ބޭރުގެ ބާރުގަދަ ނުފޫޒުތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި މިއީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް މިވަގުތު ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"މި ހަގީގަތް ރަނގަޅަށް ދެނެތިބެ، ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ މިނިވަންކަން އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަކީ މާބޮޑަށް މިހާރު އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް،" ރައީސް މައުމޫންގެ ހިތޯބުގައި ވިދާޅުވެފައިވެ އެވެ.
ނަވާރަސަތޭކަ ފަސްދޮޅަސް ފަސް ވަނަ އަހަރު ރާއްޖެ އަށް މިނިވަންކަން ލިބުނުއިރު ރާއްޖެ އޮތީ ވަރަށް ނިކަމެތި ފަގީރު ގައުމެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ވޭތުވެދިޔަ 46 އަހަރު ދުވަހުގެ ތެރޭ ރައްޔިތުންނާއި ސަރުކާރުން ކުރި މަސައްކަތުން ރާއްޖެ މިވަނީ ތަރައްގީވެ ފުދުންތެރި ގައުމަކަށް ވެފައި ކަމަށް ރައީސް މައުމޫންގެ ހިތޯބުގައި ވިދާޅުވެފައިވެ އެވެ. އަދި ރާއްޖެ ފަދަ މުއްސަނދިކަމުގެ ވަސީލަތްތައް މަދު ކުޑަ ގައުމެއްގެ ރައްޔިތުން މިނިވަންކަން ހިމާޔަތްކޮށް ވަރުގަދަކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ގައުމީ މިނިވަންކަމެއް ހޯދުމަށްޓަކައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު މިނިވަންކަމަށް ދެވިފައިވާ އަހަންމިއްޔަތު ނުދެވި އޮތުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭނެ ހަގީގަތަކީ، މިނިވަންކަން ދަމަހައްޓައި ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭނެ ކަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ހިތޯބުގައި އަދި ވިދާޅުވީ 1995 ވަނަ އަހަރު މިނިވަން 30 ފާހަގަކޮށްފައިވާ އިރު، މީގެ ހަތަރު އަހަރު ފަހުން އަންނަ "މިނިވަން 50" ކުރިއަށް ވުރެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކާ އެކު ފާހަގަކުރުމަށް މިހާރުއްސުރެ ފަށައިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.
އަދި ޚިތޯބު ނިންމާލައްވާފައި ވަނީ ރާއްޖޭގެ މިނިވަން ކަމަށާއި ސިޔާދަތައް ކުރިމަތިވެދާނެ ސީދާ ނުވަތަ ނުސީދާ ގޮންޖެހުންތަކުން ގައުމު ސަލާމަތްކޮށް، މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ވަރުގަދަ ވިސްނުމާއި، ހިތްވަރާއި، ގާބިލިއްޔަތު އަންނަން އޮތް ޖީލަށް ދެއްވުން އެދި ދުއާ ކުރައްވަމުންނެވެ.