ކާނިވާ ސަރަހައްދު ހުސްކުރަން އިތުރު މުއްދަތެއްދީފި

ކާނިވާ ސަރަހައްދުގައި ހުރި ތަންތަން ހުސްކުރަން މަސްދުވަސް އިތުރުކޮށްދީފި --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

އަލިމަސް އުފާ ކާނިވަލުގައި ކުރިއަށްގެންދަން ނިންމާފައިވާ ތަރައްގީގެ މަޝްރުއުތަކާ ގުޅިގެން އެ ސަރަހައްދުގައި ހުރި ވިޔަފާރި ކުރާ ތަންތަން ހުސްކުރަން ހައުސިން މިނިސްޓްރީން ދިން ތިން މަހުގެ މުއްދަތަށް އެއް މަސްދުވަސް އިތުރުކޮށްދީފިއެވެ.

އެގޮތަށް މިނިސްޓްރީން ނިންމީ އެ ސަރަހައްދުގައި ފަށަން އުޅޭ ތަރައްގީގެ ބިޔަ ޕްރޮޖެކްޓް ފަށަން އަދި ދުވަސް ކޮޅެއް ނަގާތީ ކަން ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ސަންއަށް ޔަގީންކޮށްދެއްވައިފައެވެ.

ގިނަ އަދެއްގެ ރެސްޓޯރެންޓް، ކެފޭ ފަދަ ތަންތަން ހިމެނޭ އެ ސަރަހައްދު ހުސްކުރަން ހައުސިން މިނިސްޓްރީން ތިން މަސްދުވަހުގެ ނޯޓިސް ފޮނުވާފައިވަނީ މިދިޔަ ޖޫން މަހުގެ ފަސްވަނަ ދުވަހުއެވެ. އެ މުއްދަތު މި އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ހަމަވާއިރު މިނިސްޓްރީން ވަނީ އިތުރު އެއް މަސްދުވަސް ދީފައެވެ.

މިނިސްޓްރީގެ ނޯޓިސްއާ ގުޅިގެން މީގެ ކުރިން ބަންދު ކުރަން ނިންމާފައިވާ ބައެއް ތަންތަން ވަނީ އިތުރުކުރި މުއްދަތު ހަމަވަންދެން ހުޅުވާފައި ބެހެއްޓުމަށް ނިންމައިފައެވެ. އެގޮތުން 4000 އަށް ވުރެ ގިނަ ޒުވާނުން ރަޖިސްޓްރީ ވެގެން ހިންގާ ޖިމް " ދި ހެމާ" މީގެ ކުރިން އެކެއް ސެޕްޓެމްބަރުގައި ބަންދު ކުރަން ނިންމާފައި ވީ ނަމަވެސް އަލުން އެތަނުން ހިދުމަތްދޭ ގޮތައް ވަނީ ހަމަޖައްސާފައެވެ.

" ދި ހެމާ" ގެ ޗެއާމަން އަހްމަދު މުއާޒް ސަން އަށް ވިދާޅުވީ ހައުސިންގ މިނިސްޓްރީން ބިމުގެ މުއްދަތު އިތުރު ކޮށްދިން ކަމުގެ ސިޓީއެއް ލިބިފައިވާ ކަމަށާއި އެހެން ކަމުން ޖިމް ބަންދު ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެތައް ބައިވަރު ޒުވާނުންގެ ހައްގުގައި ތަރައްގީގެ މަޝްރޫއު ފެށެންދެން ބިން ހުސް ކުރުން މަޑު ޖައްސައިދެއްވި ކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

" ވިޔަފާރިއަށް ވަރަށް ބޮޑު ގެއްލުމެއް ވީސް، އެ ދުވަހު ތަން ބަންދު ކުރަން ޖެހުން ނަމަ. އަސްލު ހަދާނެ ގޮތެއް ނެތިފަ އަޅުގަނޑު ހުރީ ވަރަށް ބައިވަރު ޒުވާނުންނާއި ގުޅިފައިވާ ޖިމް އެއް މިއީ. ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށާއި ހައުސިން މިނިސްޓަރު ޑރ މުއިއްޒަށް ވަރަސް ބޮޑަށް ޝުކުރު އަދާ ކުރަން މިގޮތަށް ނިންމެވީތީ. މިހާރު އެނގިއްޖެ ދިރުމެއް އޮތިއްޔާ އުންމީދެއްވެސް އޮންނާނެ ކަން،" މުއާ ވިދާޅުވިއެވެ.

އަލިމަސް އުފާ ކާނިވާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއާ ގުޅިގެން އެ ސަރަހައްދުގައި ހުރި އެހެން ބައެއް ތަންތަން ވެސް ހުސް ކުރުމަށް ސަރުކާރުން އޭރު އަންގަވާފައިވާއިރު އެ ނިންމުން ބަދަލުކޮށް، އިތުރު މުހުލަތެއް ދިނުމަކީ ލިބޭ ހިތް ހަމަޖެހުމެއް ކަމަށް އެ ސަރަހަށްދުގައި ވިޔަފާރި ކުރާ އެހެން ބައެއް ފަރާތްތަކުންވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް