ލޯން އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ ޕީއެސްޖީއަށް!

މޮނާކޯގެ ހުނަރުވެރި ޒުވާން ފޯވަޑް ކީލިއާން އެމްބާޕޭ --- ފޮޓޯ/ އޭޕީ

މޮނާކޯގެ އަރަމުން އަންނަ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ވާދަވެރި ޕީއެސްޖީއަށް ބަދަލުވުމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

އުމުރުން 18 އަހަރުގެ އެމްބާޕޭ ޕީއެސްޖީގައި ހޭދަކުރާ ލޯނުގެ މުއްދަތު ހަމަވުމުން އޭނާ 166 މިލިއަން ޕައުންޑަށް ގަތުމުގެ ފުރުސަތު ޕީއެސްޖީއަށް އޮންނާނެ ކަމަށް ރިޕޯޓުތަށް ބުނެއެވެ.

އަދި މި ޓްރާންސްފާއާ ގުޅޭގޮތުން މޮނާކޯ އާއި ޕީއެސްޖީއާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބެލެވޭއިރު އެމްބާޕޭ ބޭނުން ވަނީ ލޯނުގެ މުއްދަތު ހަމަވުމުން ދާއިމީކޮށް ޕީއެސްޖީއަށް ބަދަލުވާން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީއިން އެމްބާޕޭ ލޯނު އެއްބަސްވުމެއްގެ ދަށުން ގެންދަން ނިންމީ އެއް ޓްރާންސްފާ މާކެޓެއްގައި ބޮޑު އަގުގައި ދެ ކުޅުންތެރިއަކު ގަންނަން ޔޫއެފާގެ ފައިނޭންޝަލް ފެއާޕްލޭގެ ގަވާއިދުތަށް ހުރިގޮތުން އެ ކްލަބަށް ތަންނުދޭތީއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީން ވަނީ ދުނިޔޭގެ ރެކޯޑު އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯގެ އަގަކަށް ބާސެލޯނާއަށް ކުޅެމުން އައި ނޭމާ ގެނެސްފައެވެ.

އެމްބާޕޭގެ ގައުމީ ޓީމުގެ ކޯޗު ކަމަށްވާ ފްރާންސްގެ ކޯޗު ޑިޑިއެ ޑެޝޭމްޕް ބުނީ ޕީއެސްޖީ އަކީ އެމްބާޕޭ ބަދަލުވާން ބޭނުންވި ކުލަބު ކަމަށާއި އެކަން އޭނާ އެ ކުރީ ހިނިތުންވުމާއި އެކުގައި ކަމަށެވެ. އަދި ދާދި ފަހުން ބޮޑު އަގަކަށް ބާސެލޯނާއަށް ބަދަލުވި އުސްމާން ޑެމްބެލޭއަށް ވެސް އޭނާ ވަނީ ތައުރީފު ކޮށްފައެވެ.

comment ކޮމެންޓް