ދިއްގަރުން ކަރަންޓް ކަނޑާލިގޭގެ އަށް ކޯޓުގެ އަމުރުގެ ދަށުން ކަރަންޓް ގުޅައިދީފި

މ. ދިއްގަރުގެ ކަރަންޓް އަގުބޮޑު ކުރުމުން ކަރަންޓް ބިލުނުދައްކައިގެން ކަރަންޓް ކަނޑާލި 43 ގެއަށް ކޯޓު އަމުރުގެ ދަށުން އަލުން ކަރަންޓްދީފި އެވެ.

އާބާދީގައި 1200 މީހުން ދިރިއުޅޭ ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއިލް މިއަދު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ކަރަންޓް ބިލަށް ފައިސާ ނުދެއްކީ މިދިޔަ މަހުން ފެށިގެން ކަރަންޓްގެ އަގު ކައުންސިލުން ބޮޑުކުރުމުން އެކަމާ މެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.

ނަމަވެސް އިމްރާން ވިދާޅުވީ ކަރަންޓްގެ އަގު ބޮޑުކުރަން ޖެހުނީ ތެޔޮ އަގުބޮޑުވެ އެ ނޫން ގޮތެއް ނެތުމުން ކަމަށެވެ.
ކުރިން ތިން ރުފިޔާ އަށް ވިއްކި ކަރަންޓް ޔުނިޓެއްގެ އަގު މިދިޔަ މަހު 15 އިން ފެށިގެން ވަނީ ފަސް ރުފިޔާ އަށް ޔުނިޓެއް ބަދަލުކޮށްފަ އެވެ.

ކައުންސިލުން ބުނީ 43 ގެއަކުން އިއްޔެ ކަރަންޓް ކަނޑާލީ ބިލުގެ މުއްދަތު ހަމަވި އިރު ވެސް ފައިސާ ދައްކާފައި ނުވާތީ ކަމަށާއި ނަމަވެސް ކޯޓު އަމުރާ ގުޅިގެން އެގެތަކަށް އަލުން ކަރަންޓް ގުޅައިދިނީ ރޭ ކަމަށެވެ.
"އެމީހުން ބޭނުން ވަނީ އިންޖީނުގެ ޔުޓިލިޓީސް އަށް ދޭން. އެމީހުން އެކަމާ ދެކޮޅު ހަދާފައި ފައިސާ ނުދެއްކީ. ފައިސާ ނުދައްކައި ބިލުގެ މުއްދަތު ހަމަވުން ކަރަންޓް ކަނޑާލީ. ނަމަވެސް ރޭގައި ކޯޓު އަމުރު އައިމާ އަޅުގަނޑުމެން ކަރަންޓް ދިފައި އެ ހުރީ،" އިމްރާން ވިދާޅުވި އެވެ.

ކަރަންޓްގެ އަގު ދިއްގަރު ކައުންސިލުން ބޮޑުކުރުމާ އެކު އެ މައްސަލަ އެ ރަށުގެ ބަޔެއް ރައްޔިތުން ވަނީ ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް ވައްދައިފަ އެވެ. އެ މައްސަލަ ކޯޓުގައި ވައްދާފައި ވަނިކޮށް އިއްޔެ ކަރަންޓް ކަނޑާލުމުން އެ 43 ގެއިން ވަނީ އަލުން އެގެތަކަށް ކަރަންޓް ގުޅައިދިނުމަށް އެދި ވަގުތީ ކޯޓު އަމުރަކަށް އެދިފަ އެވެ. އެކަން ވަނީ ކައުންސިލުން ވެސް އަދި ދިއްގަރު ރައްޔިތުން ވެސް ސަން އަށް ޔަގީން ކޮށްދީފަ އެވެ.

ރޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ 43 ގެއަށް ދެ ގަޑިއރު ތެރޭގައި އެ ގޭގެ އަށް ކަރަންޓް ގުޅައިދިނުމަށާއި އަދި އެ ގެތަކުން މިއަދު 4 ޖެހުމުގެ ކުރިން ނުދައްކާ ހުރި ބިލްތަކުގެ ފައިސާ ދައްކައި ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

އިމްރާން ވިދާޅުވީ މިއަދު ހަތަރެއް ޖަހަންވާ އިރަށް އެ ފައިސާ ނުލިބިއްޖެ ނަމަ އެ ގޭބިސީތަކުން އަލުން ކަރަންޓް ކަނޑާލާނެ ކަމަށެވެ. އަދި އެވަގުތުގައި ރަށުގައި ހަމަނުޖެހުމެއް ހިނގާފާނެތީ ފުލުހުން ވެސް މިހާރު އެ ރަށަށް އައުމުގެ މަގުމަތީގައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުލުހުންނާއި އެންމެންގެ އެއްބާރުލުމާ އެކު މިކަން ތަންފީޒް ކުރެވޭނީ. ނިސްބަތުން މަދުބަޔެއް މި އުޅުއްވަނީ ހިތްޕުޅު ހަމަޖެހިވަޑައިނުގެން. އަޅުގަނޑުމެން ރަށުގެ ރައްޔިތުންގެ އެއްބާރުލުމާ އެކު ކުރަން ނިންމާފައިވާ ނިންމުމެއް އެއީ،" ކަރަންޓް އަގު ބޮޑު ކުރަން ޖެހުނު ސަބަބު އިމްރާން ވިދާޅުވި އެވެ.

އެ ރަށުގައި ރައްޔިތުންގެ އިންޖީނުގެ އިން އަންނަނީ އެ ރަށުގެ 203 ގޭބިސީއަކަށް ކަރަންޓްގެ ހިދުމަތް ދެމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު