ޕޯޗުގަލްގެ ކޯރެއްގެ މަތިން ތިން ޒުވާނަކު ދުވެފައި ދިޔަކަމަށް ދައްކާ ވީޑިއޯއެއްގެ ފަހަތުގައި ހައި-ޓެކް ޝޫޒްގެ އެއްވެސް އަތެއް ނުވާ ކަމަށް އެކުންފުނިން ބުނެފި

14:30


ޕޯޗުގަލްގެ ކޯރެއްގެ މަތިން ތިން ޒުވާނަކު ދުވެފައި ދިޔަކަމަށް ދައްކާ ވީޑިއޯއެއްގެ ފަހަތުގައި ހައި-ޓެކް ޝޫޒް ކުންފުނީގެ އެއްވެސް އަތެއް ނުވާ ކަމަށް އެކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ ޑޭނާ ޕެނޭލްސް ބުނެފި އެވެ.


ޔޫޓިއުބް ސައިޓަށް އަޕްލޯޑްކޮށްފައިވާ އެވީޑިއޯއިން ދައްކާފައިވަނީ ތިން ޒުވާނަކު އަޑިއަށް ދިޔުމެއް ނެތި ފެންމަތިން ދުވެފައިދާ ތަނެވެ. މިހަރަކާތުގައި ބައިވެރިވި ތިން މީހުންގެ ތެރެއިން އެކަކު ކަމަށްވާ އުލްފް ގާޓްނަރ ބުނެފައިވަނީ ފެންމަތިން ދުވެފައިދިޔުމަކީ ކުރެވޭނެ ކަމެއްކަން މިހަރަކާތުން އެނގިގެން ހިގައްޖެ ކަމަށާއި އެކަން ޓެސްޓް ކުރުމަށް ބޭނުންވީ ކޯރާ ދިމާލަށް ކުޑަ ގާކޮޅެއް އެއްލާލުމުން އެގާކޮޅު ފެންމަތިން ފުރޮޅެމުންދާ ގޮތް ފެނިފައި ކަމަށެވެ. އަދި ކޯރާ ދިމާއަށް ބާރު ސްޕީޑެއްގައި ދުއްވައިގަތުމުން ކޯރުމަތިން ދުވެފައިދެވޭނެ ކަމަށާއި އެކަމަށްޓަކައި ހަމައެކަނި ބޭނުންވަނީ ރަގަޅު ކޮލިޓީއެއްގެ ރަބަރު ބޫޓެއް ކަމަށް ވެސް އޭނާ ބުންޏެވެ.


މިކަމާ ގުޅިގެން މިއީ ހައި-ޓެކް ޝޫޒްއިން އުފައްދާ ބޫޓުތައް މާކެޓް ކުރުމުގެ ގޮތުން އުފައްދައި އެޑިޓް ކޮށްފައިވާ ވީޑިއޯ އެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ ޑޭނާ ޕެނޭލްސް ބުނެފައިވަނީ މިކަމުގައި އެކުންފުނީގެ އެއްވެސް އަތެއް ނުވާ ކަމަށާއި މިވީޑިއޯ އާ އެކުންފުންޏާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.


މައުލޫމާތު ލިބޭ ގޮތުގައި ޔޫޓިއުބް ސައިޓުން ތިން މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރޭ މިވީޑިއޯ ދެކެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު