ތައިލެންޑްގެ ކަލިނަރީ އެކަޑަމީގެ ފައުންޑާ އަދި ޗެއާމަން ޝެފް ވިލިމެންޓް ލިއޮންގ އާ އެކު ރާއްޖޭގައި ކެއްކުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތައް ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މޯލްޑިވްސް އެގްޒެބިޝަން އެންޑް ކޮންފަރެންސް ސާވިސް (މެކްސް) އާއި ބެސްޓްބައި (ބީބީއެމް) ގުޅިގެން މިއަދު ހުޅުލޭ އައިލެންޑް ހޮޓެލްގައި ފެށި އެ ތަމްރީން ޕްރޮގްރާމަކީ އެއްދުވަހުގެ މުއްދަތަށް ކުރިޔަށްދާ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މައްސަދަކީ އަންނަ ސެޕްޓެންބަރު މަހު ބާއްވަން ހަމަޖެހިފަވާ ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަށް ރާއްޖޭގައި މަސައްކަތް ކުރާ ޝެފުން ތަމްރީނުކޮށް ތައްޔާރު ކޮށްދިނުމެވެ. އެ ޕްރޮގުރާމުގައި 60 ރިސޯޓަކުން 145 މީހުން ވަނީ ބައިވެރި ވެފައެވެ. މިއީ އެ ޕްރޮގްރާމް ހިންގާތާ ފަސްވަނަ އަހަހަރެވެ.
"މި ހިންގާ ޕްރޮގްރާމްގެ ސަބަބުން ކުރިން ނޭނގޭ އެތަކެއް ކަމެއް މިހާރުވެސް އެނގިގެން ގޮސްފި. ތަޖުރިބާ ހުރި މިފަދަ މީހެއްގެ ތަޖުރިބާތައް ހިއްސާކޮށް އެފަދަ މީހުންގެ ފަރާތުން ދަސްކުރުމުގެ ފުރުސަތު ލިބުނީތީ މިކަން އިންތިޒާމް ކުރި ފަރާތްތަކަށް ޝުކުރު އަދާކުރަން،" ޕްރޮގްރާމްގެ ބައިވެރިއެއް ބުންޏެވެ.
ބީބީއެމްގެ ސީއީއޯ މުހައްމަދު މަޒްލޫމް ވިދާޅުވީ ބީބީއެމް އަކީ ރާއްޖޭގެ ކާބޯތަކެތީގެ ދާއިރާގައި މައިގަނޑު ކޯޕަރޭޓް ކުންފުނި ކަމަށެވެ. އެހެންކަމުން އެކުންފުނިން އިން އިސްކަންދެނީ ރާއްޖޭގެ ކަބޯތަކެތީގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގެ ތަމްރީން ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެފް އެންޑް ބީ ގެ ދާއިރާއިން ރާއްޖެ ކުރިއަރަމުންދާ ތަފާތު އެކި ސެކްޓަރ ތަކަށް އަމާޒުކޮށްގެން ތަކުރާރުކޮށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށާއި ރާއްޖޭގެ ޝެފުން ތަމްރީން ކުރުމަށް ބޭރަށް ފޮނުވުމަށް ބީބީއެމް އިން އިސްކަންދެން،" ބީބީއެމްގެ ސީއީއޯ މަޒްލޫމް ވިދާޅުވިއެވެ.
އަންނަ މަހު 17 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަލިނަރީ ޗެލެންޖަކީ 22 ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތެކެވެ. އެ މުބާރާތުގެ މައިގަނޑު އިނާމް ތަކަކީ މޯސްޓް އައުޓްސްޓޭންޑިން ޝްފް، މޯސްޓް އައުޓްސްޓޭންޑިން ޕޭސްޓްރީ ޝެފް، ޓޮޕް މޯލްޑިވިއަން ޝެފް، ބެސްޓް ކަލިނަރީ އެސްޓެބްލިޝްމަންޓް، އަލަން ޕާމާ ޗެލެންޖް ޓްރީފީ، އަދި ޖަޖުންގެ ޚާއްސަ އިނާމްތައް ހިމެނެއެވެ.
މީގެ އިތުރުން ރަންމެޑަލް ހޯދާ ފަރާތްތައް ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމަށް ހޮޓެލް އޭޝިއާ އާއި ބީބީއެމް ގުޅިގެން އަންނަނީ ފުރުސަތުދެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ގޯލްޑް މެޑަލް ހޯދާފައިވާ ޝެފް އަހުމަދު ފަތީން އާއި ޝެފް އިސްމާއިލް ނަސީރު ވަނީ މި އަހަރު ހޮންގކޮންގ ގައި ބޭއްވި ހޯފެކްސް ގައި ރިހި މެޑަލް ހޯދައިފައެވެ.