މިފަހަރު ހޮޓެލް އޭޝިއާ އެގްޒެބިޝަންގެ ބައިވެރިން ރިކޯޑް އަދަދަކަށް ގިނަވެއްޖެ

"ހޮޓެލް އޭޝިއާ ކަލިނަރީ އެގްޒިބިޝަން 2015" ދަރުބާރުގޭގައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ބާއްވާ ހޮޓެލް އޭޝިއާ އެގްޒެބިޝަންގައި ރިކޯޑް އަދަދަކަށް ބައިވެރިންގެ އަދަދު ގިނަކަމަށް މޯލްޑިވްސް އެގްޒެބިޝަން އެންޑް ކޮންފަރެންސް ސާވިސް (އެމްއީސީއެސް) ގެ ޖެނަރަލް މެނޭޖަރު ހުސައިން ރައޫފް ވިދާޅުވެއްޖެއެވެ.

އަންނަ މަހު 18 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ބާއްވަން ހަމަޖެހިފަވާ ހޮޓެލް އޭޝިއާ އެގްޒެބިޝަންގައި 600 މީހުން ބައިވެރިވާއިރު 175 ސްޓޯލް ހުންނާނެކަމަށް ހުސައިން ރައޫފް ވިދާޅުވިއެވެ. އަދި އެ ސްޓޯލް ތަކުން 35 ގައުމެއްގެ 2000 އަށްވުރެ ގިނަ ބްރޭންޑްގެ އުފެއްދުންތަކާއި ޚިދުމަތްތައް ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާއަށްގެނެސް ދައްކާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ އެގްޒެބިޝަން ބާއްވަނީ އެމްއީސީއެސް އާއި ބެސްޓްބައި މޯލްޑިވްސް ގުޅިގެންނެވެ. އެ އެގްޒިބިޝަންގައި މިފަހަރު ރިކޯޑް އަދަދަކަށް މީހުން ބައިވެރިވެގެން ދިއުމުގެ ސިއްރަކީ އެކަމުގައި ހިއްސާވާ ހުރިހާ ބޭފުޅުން ފާއިތުވި 17 އަހަރު ކުރި ބުރަ މަސައްކަތާއި ދިން އެއްބާރުލުން ކަމަށް އެމްއީސީއެސްގެ ޖެނަރަލް މެނޭޖަރު ހުސައިން ރައޫފް ވިދާޅުވިއެވެ.

ބެސްޓްބައި މޯލްޑިވްސް އިން ބުނީ ދަރުބާރުގެއިން ލިބުނު ޖާގައަށް ބަލައި، ދެވެން އޮތް އެންމެ ގިނަ އަދަދަކަށް ބައިވެރިންނަށް ފުރުސަތު ދީފައި ވާނެކަމަށެވެ. އަދި އެ އެ އެގްޒިބިޝަނާއެކު ބާއްވަން ހަމަޖެހިފަވާ ކަލިނަރީ ޗެލެންޖްވެސް މިހަފަހަރު ބާއްވަން ހަމަޖެހިފައިވަނީ ދަރުބާރުގޭގެ ބޭރުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް