ހާލުގައި ޖެހުނު ދިވެހި ހަތަރު ހައްޖުވެރިއަކަށް ސަރުކާރުން އެހީވެއްޖެ

8 އޯގަސްޓް، 2017: ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ވިސާ ޖަހައިދީގެން ހައްޖަށް ދިޔަ ހަތަރު މީހަކު ހާލުގައި ޖެހިފައި ތިއްބައި ސަރުކާރުން އެމީހުންނަށް އެހީވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެމީހުން ހައްޖަށް ގޮސްފައިވަނީ ރާއްޖޭގެ އެއްވެސް ގުރޫޕެއްގެ ހަވާލުގައެއް ނޫނެވެ. އަދި އެ ހަތަރު މީހުން ސައުދީ އަރަބިއާއަށް ދާން ފުރުމުން އެކޮޅުން ބަޔަކު ހަވާލުވާނެ ކަމަށް ބުނެ ނަމްބަރެއް ދިންކަމުގެ މައުލޫމާތު ލިބެ އެވެ. ނަމަވެސް އެެއްވެސް ބަޔަކު ހަވާލުވެފައެއް ނުވެ އެވެ.

މައްކާގައި ހުންނަވާ 'ސަން' އާ ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ހައްޖު މިޝަންގެ ރައީސް، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް އަހްމަދު ވިދާޅުވީ ހާލުގައި ޖެހުނު ހަތަރު ދިވެއްސަކަށް އެފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި މިހާރު އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.

އެ ހަތަރު މީހުން ހައްޖަށް ދިއުމަށް ސައުދީން އެމްބަސީން ވިސާ ޖަހާފައިވާއިރު ހައްޖާ ބެހޭ ހުރިހާ މައުލޫމާތެއް އެމްބަސީން އެމީހުންނަށް ދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމާށް އިބްރާހިމް އަހުމަދު ވިދާޅުވި އެވެ.

ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދެމަފިރިއަކާއި މުސްކުޅި ދެ ފިރިހެނުން ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމީހުންނާ ރަސްމީކޮށް ހަވާލުވުމަށް އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ކުރަމުންދާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުން އެމީހުން ނެރުމުގައި ދަތިތަކަކާ ކުރިމަތިވި ކަމަށާއި އެކަމަކު އެމްބަސީ ވިސާ ޖެހި ޕާސްޕޯޓް އޮތުމުން އެކަންވީ ކަމަށެވެ. އެކަމުގައި އެހީތެރިވި ފަރާތްތަކަށް އިބްރާހިމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

comment ކޮމެންޓް