ހައްޖުވުމުގެ ކުރިން އިޚްލާސްތެރި ތައުބާއަކުން ތައުބާ ވާންޖެހޭ: ހުކުރު ހުތުބާ

ތިމާ ހައްޖުވުމުގެ ކުރިން އިހްލާސްތެރި ތައުބާއަކުން ތައުބާ ވާންޖެހޭކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

އަޅުކަމެއް ފުރިހަމަ ވާނީ އެ އަޅުކަމެއްގައި ކުރަންޖެހޭ ޝަރުތުތައް ފުރިހަމަވެގެންނެވެ. ހައްޖުވުމަށް ކުރަންޖެހޭ ހުރިހާ ހަރަދުތަކާއި އާންމު ދިރިއުޅުމުގައި ކުރާ ހުރިހާ ހަރަދުތަކަކީވެސް ހަލާލުގޮތުގައި ހޯދައިފައިވާ މުދަލާއި ފައިސާއިން ކުރާ ހަރަދުތަކެއް ކަމުގައި ވެސް ވާން ޖެހޭނެކަމަށް މިއަދު ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.

"ތިމާވާ ހައްޖަކީ ހެޔޮގޮތުގައި ވެވޭ ހައްޖަކަށް ވުމަށްޓަކައި ހައްޖަށް ދިޔުމުގެ ކުރީގައިވެސް ތިމާ ކުރަންޖެހޭ ކަންތައްތަކެއް ވޭ. އެގޮތުން ތިމާގެ ދަރަންޏާއި ލިބެންހުރި ތަކެތި ލިޔެ ސޮއެކޮށް ހެދުމަކީ މުހިއްމުކަމެއް ކަމަށާއި ހައްޖަށް ދިޔުމުގެ ކުރީގައި އިހުލާސްތެރި ތައުބާއަކުން ތައުބާ ވާންޖެހޭ." ހުކުރު ހުތުބާގައިވަނީ ބުނެފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ޚުތުބާގައި ބުނެފައިވަނީ ހައްޖަކީ ކުޅަދާނަ ވެގެންވާ މީހާ އޭނާގެ އުމުރުގެ އެއްފަހަރު ކުރުމަށް ވާޖިބުކަމެއްކަމުގައެވެ. ތިމާ ކުރާ ކޮންމެ އަޅުކަމަކީވެސް އެއްވެސް ދެއްކުންތެރިކަމެއް ނެތި ކުރާ އަޅުކަމަކަށް ވާން ޖެހޭނެކަމަށް ޚުތުބާގައިވެއެވެ. އަދި ހުތުބާގައި ބުނީ ދެއްކުންތެރިކަމުން މުޅިން ތާހިރުވެ ﷲ އަށްޓަކައި އިހްލާސްތެރިކަމާއިއެކު ކުރާ އަޅުކަމެއްގެ ގޮތުގައި އެ އަޅުކަން ވާން ޖެހޭނެކަމެއްކަމުގައެވެ. އެ ކަންތައްތައް ކުރެވޭނީ އަޅުކަމުގެ ހުކުމްތައް އުނގެނި ދަސްކޮށްގެން ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ހައްޖަކީ އަހަރަކު އެއް ފަހަރު ކުރެވޭ އަޅުކަމެކެވެ. އުމްރާއަކީ އަހަރަކު އެއްފަހަރަށް ވުރެ ގިނައިން އަދާކުރެވޭ އަޅުކަމެކެވެ. މިއަދުގެ ހުތުބާގައި ބުނެފައިވަނީ ފުރިހަމަ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށާއި ފާފަތަކަށް އަރައި ނުގަތުމަށް ކޮންމެ މުސްލިމު އަޅަކުވެސް އަޒުމު ކަނޑައަޅަން ޖެހޭނެކަމަށެވެ.

ހައްޖަށް ދިޔުމަށް އަޒުމު ކަނޑައެޅުމާއެކު ހައްޖުގެ މަނާސިކުތަށް އަދާކުރާނެ ގޮތުގެ އިލްމު އުނގެނުމަށްވެސް މިއަދުގެ ހުތުބާގައި ވަނީ އަަލިއަޅުވާލައްވާފައެވެ.

"ހެޔޮގޮތުގައި ތިމާއަށް ހައްޖެއް އަދާކުރެވުނުކަން އެނގޭނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި އައުމުން ތިބާގެ ދިރިއުޅުން ހެޔޮމަގަށް ބަދަލުވެ ﷲ މަނާކުރެއްވި ކަންތައްތަކުން ދުރުވެ ރައްކާތެރިވެގެން ދިރިއުޅުން ވޭތުކުރުމާއި އެކު ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް އަދާކުރާ މީހެއް ކަމުގައި ތިމާ ވެގެން ދިޔުން،" ހުތުބާގައި ވަނީ ބުނެފައެވެ.

ހައްޖަށް ދިޔުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައްވެސް މިއަދު އިއްވި ހުތުބާގައި ވަނީ ވަރަށް ތަފްސީލުކޮށް ކިޔާދީފައެވެ.

comment ކޮމެންޓް